އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓުލުމަށް 2 ކިއު ހެދޭގޮތަށް ސެޓްއަޕް ހަދައި، 350 އޮފިޝަލުން އިތުރުކޮށްފި
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި 500 މީހުންނަށް ވުރެ ގިނަ މީހުން ވޯޓުލާ 99 މަރުކަޒެއްގައި ވޯޓުލުުމަށް 2 ކިއު ހެދޭގޮތަށް 2 ސެޓްއަޕަކަށް ބަދަލުކުރެވިފައިވާކަމަށާއި، އިތުރު ކުރި ވޯޓު ފޮށިތަކަށާއެކު 350 އޮފިޝަލުންވެސް އިތުރުކުރެވިފައިވާކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވިދާޅުވެއްޖެއެވެ.
މިއަދު ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އީސީގެ ނާއިބު ރައީސް ޙަބީބު ވިދާޅުވީ ދެވަނަ ބުރުގައި ވޯޓުލުމަށް ބަދަލުތަކެއް ގެނެވިފައިވާކަމަށާއި ދެވަނަ ބުރުގައި ވޯޓުލުމަށް 12 ފޮށި އިތުރުކުރެވިފައިވާތީ، 350 އޮފިޝަލުން އިތުރުކޮށްފައިވާކަމަށެވެ. އެހެންކަމުން ޖުމްލަ ފޮށީގެ އަދަދު 574 އިން 586 އަށް އިތުރުވާނެކަމަށެވެ.
ޙަބީބު ވިދާޅުވީ ދެވަނަ ބުރުގައި 500 މީހުންނަށް ވުރެ ގިނަ މީހުން ވޯޓުލާ 99 މަރުކަޒެއްގައި ވޯޓުލުުމަށް 2 ކިއު ހެދޭގޮތަށް 2 ސެޓްއަޕަކަށް ބަދަލުކުރެވިފައި ވަނީ ކިއުގައި މަޑުކުރަން ޖެހޭ ވަގުތު މަދުކުރުމުގެ ގޮތުންނެވެ.
މީގެ އިތުރުން ގެނެވުނު ބަދަލުތަކުގެ ތެރޭގައި ވޯޓުލާ ބޫތުގެ ޑިޒައިންނަށް ގެނެވުނު ބަދަލާއި، ވޯޓު ކަރުދާހުގައި ފާހަގަ ޖަހަން ބޭނުންކުރާ ގަލަންތައް ރަނގަޅު ދެލި ހިނގާ ގަލަންތަކަކަށް ބަދަލުކުރުމާއި، ވޯޓު ކަރުދާހުގައި ފާހަގަ ޖަހަން ކަރުދާސްކޮޅު ބާއްވާ ތަނުގައި ބްރިސިލްބޯޑެއް ބޭއްވުން ހިމެނެއެވެ.
މިމަހު 9 ވަނަ ދހުވަހު ބޭއްވުނު ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި 4000 އަށް ވުރެ ގިނަ ވޯޓު ކަރުދާސް ބާޠިލްކަމަށް ވަނީ ކަނޑައަޅާފައެވެ. މީގެ ތެރެއިންވެސް ގިނަ ވޯޓު ބާޠިލްވެފައިވަނީ ފާހަގަ މަތިން ދެ ފަހަރަށް ފާހަގަ ޖަހާފައި ހުރުމުންނެވެ. އީސީގެ އުޞޫލުގައި ވާގޮތުން އެއް ފާހަގަ އަށް ވުރެ ގިނައިން ވޯޓު ކަރުދާހުގައި ލާފައިވާ ނަމަ، ވޯޓު ބާޠިލްވާނެއެވެ.
ޙަބީބު ވިދާޅުވީ ފުރަތަމަ ބުރުގެ ތަޖުރިބާއަށް ބަލައި ދިމާވި ކަންކަން ދެވަނަ ބުރަށް ރަނގަޅު ކޮށްފައިވާނެކަމަށެވެ. އަދި އޮފިޝަލުން އެކަންކަމަށް ހޭލުންތެރިކުރުމަށް އިތުރަށް ޓްރެއިނިންތައް ބާއްވަމުން އަންނަކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޚާއްސަ ގޮތެއްގައި ވޯޓުގެ ޞައްހަކަން ކަށަވަރުކުރުމުގެ ގޮތުން، ކޮމިޝަނުން ދީފައިވާ އިރުޝާދުތަކަށް މަރުކަޒުގެ އޮފިޝަލުން އަހުލުވެރިކުރުމުގެ މަސައްކަތްކުރަމުން އަންނަކަމަށް އޭނާ ވިދާޅުވިއެވެ.
"ވަރަށް ބޮޑަށް ޝަކުވާ ލިބިފައި ހުރީ ބާޠިލް ވޯޓު ކަނޑައެޅުމުގައި އެކި މަރުކަޒުތަކުގައި އެކި ގޮތަށް ޢަމަލުކޮށްފައިވާ ކަމުގެ. ސައްހަ ވޯޓާއި ބާޠިލް ކަނޑައެޅުމުގައި ބައެއް މަރުކަޒުތަކުގައި އެބަހުރި ގޮންޖެހުންތައް ދިމާވެފައި" ޙަބީބް ވިދާޅުވިއެވެ.
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު މިމަހުގެ 30 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު، ދެވަނަ ބުރުގައި އިތުރު 12 ފޮށި ބެހެއްޓުމަށް ނިންމާފައިވާކަމަށް އިލެކްޝަން ކޮމިޝަނުން ވަނީ މަޢުލޫމާތު ދެއްވާފައެވެ. އެއީ މާލޭގައި ހަތަރު ފޮށި، ހުލުމާލެ ފުރަތަމަ ފިޔަވަހީގައި ދެ ފޮށި، ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހަތަރު ފޮށި އަދި ވިލިމާލޭގައި އިތުރުވި އެއް ފޮށީގެ އިތުރުން އިންޑިއާގެ ޓްތިވެންޑްރަމްގައި އިތުރުވި އެއް ފޮށި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މިގެ އިތުރުން ޙަބީބު ވަނީ އެކި ސަބަބު ތަކާ ހުރެ ކުރިން ވޯޓުލީ 43 މަރުކަޒެއް އެހެން ތަންތަނަށް ދެވަނަ ބުރަށް ބަދަލުކޮށްފައިވާކަމަށެވެ.
"މިކަން މި ކުރީ ކުރީބުރުގެ ތަޖުރިބާ އާ މީހުންގެ ޝަކުވާ އާ މި ކަންކަމަށް ރިއާޔަތްކޮޮށްފަ. ވޯޓުލާ ބައެއް މަރުކަޒުތައް ހުރިގޮތުން މީހުންނަށް ދަތިވުމާއި، އަޅުގަނޑުމެން ބޫތު ބަހައްޓާފަ ހުންނަ އިރު، ކައިރިވުމުގެ ސަބަބުން ފާހަގަ ޖަހާ ތަންވެސް ފެނުމުގެ ފުރުސަތު އޮވެދާނެތީ އެޔައްވުރެ ރަނގަޅު މަރުކަޒަކަށް ބަދަލު ކުރަން ވެގެން" ޙަބީބް ވިދާޅުވިއެވެ.
މި މަހުގެ ނުވަ ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ވޯޓުލުމަށް 42،867 މީހުން ރީ-ރަޖިސްޓާވެފައިވާއިރު ދެވަނަ ބުރުގައި އެހެން ތަންތަނަށް ވޯޓުލުމަށް 50،047 ފޯމް ލިބިފައިވާ ކަމަށް ޙަބީބު ވަނީ ވިދާޅުވިއެވެ.
ރީ-ރަޖިސްޓާވި މީހުންގެ ލިސްޓު އިއްޔެ ޢާންމުކޮށްފައިވާއިރު، އެ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް މިރޭ 09:00 އާ ހަމައަށް ވަނީ ހުޅުވާލާފައެވެ.
ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ވޯޓުލުމުގެ ޙައްޤު ލިބިގެންވާ މީހުންގެ އަދަދު 282،395 އަށް އަރާއިރު، އޭގެ ފަހުން 18 އަހަރު ފުރުނު 408 މީހުން އިތުރު ކުރުމުން މިހާރު އެ އަދަދު ވަނީ 282،803 އަށް އަރާފައެވެ.