Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ބިރަކާ ނުލައި ދިރިއުޅެވޭނޭ ގޮތް ނެތެން ފަށައިފި: ރައީސް ނަޝީދު

ބިރަކާ ނުލައި ދިރިއުޅެވޭނޭ ގޮތް ނެތެން ފަށައިފި: ރައީސް ނަޝީދު

ރާއްޖޭގައި މިހާރު ބިރަކާ ނުލައި ދިރިއުޅެވޭނޭ ގޮތް ނެތެން ފަށައިފި ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އަށް މިއަދު 16 އަހަރު ފުރުމުގެ މުނާސަބަތުގައި އެ ޕާޓީން މިރޭ "ކްލަބްހައުސް" މެދުވެރިކޮށް ބޭއްވި ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މިދިޔަ މަހުގެ ހަ ވަނަ ދުވަހުގެ ރޭ އެމަނިކުފާނަށް އަމާޒުކޮށް ދިން ހަމަލާގައި، ބޮން ގޮއްވައިލާން އެމަނިކުފާނާ ދިމާލަށް ބަލަހައްޓައިގެން ހުރެފައި، ރިމޯޓަށް ފިތާލައި އެމަނިކުފާނާ އެކު އެތައް ބަޔަކަށް އަނިޔާ ދިނުމަށް ހިންގި އަމަލަކީ އާ ކަމެއް ކަމަށާއި އެއީ ރާއްޖޭގައި ކުރީގައި ހިނގާ ކަމެއް ނޫން ކަމަށެވެ.

"މީހުން މެރުން މިހާރު އާންމުވެއްޖެ. މާލޭގެ މަގުތައް މަތީގައާއި ރަށްރަށުގެ މަގުތައް މަތީގައި މީހުން މަރައި އެތައް އެތައް ބައެއް މިދަނީ ޒަހަމް ކުރަމުން. ސަލާމަތާއި ރައްކާތެރިކަން ވަރަށް ބޮޑަށް ގެއްލިއްޖެ. ބިރަކާ ނުލައި ދިރިއުޅެވޭނޭ ގޮތް ނެތެން ފަށައިފި." ރައީސް ނަޝީދު ވިދާޅުވިއެވެ.

Advertisement
Allied — Dhen Online (box)

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ އެމްޑީޕީއަށް 16 އަހަރު ވެގެންދާއިރު އެ ޕާޓީއަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ދިވެހި ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން އަލުން އަނބުރާ ހޯދައި ދިނުން ކަމަށެވެ.

"ފްލެޓު އަޅަން ބޭނުން. ގޯތި ކަނޑަން ބޭނުން. އެއް ރަށުން އަނެއް ރަށަށް މުދަލާއި ހިދުމަތް ގެންދެވެން ބޭނުން. މަދަރުސާތައް ރަނގަޅުވާން ޖެހޭނެ. މަތީ ތައުލީމުގެ ފުރުސަތުތައް އޮންނާން ޖެހޭނެ. ބަލިވީމަ ބޭސް ފަރުވާ ލިބެން ޖެހޭނެ. ވަޒީފާގެ ފުރުސަތު އޮންނަން ޖެހޭނެ. މިކަންތަކުގެ އިތުރުން މިއަދު ހޯދަން ޖެހިފައިވާ އެންމެ މުހިންމު އަނެއް ކަމަކީ އަޅުގަނޑުމެންގެ ސަލާމަތާއި ރައްކާތެރިކަން" ރައީސް ނަޝިދު ވިދާޅުވިއެވެ.

ރައީސް ނަޝީދު މިރޭ ވިދާޅުވީ އެމަނިކުފާނުގެ ހާލު ރަނގަޅު ކަމަށާއި އެމަނިކުފާނުގެ އެތެރެހަށީގެ ހުރިހާ ގުނަވަނެއް ރަނގަޅުކަމަށް ޑޮކްޓަރުން ވިދާޅުވި ކަމަށެވެ. އެހެންނަމަވެސް އިނގިއްޔާއި ކަންފަތުގެ ކުޑަ މައްސަލައެއް އަދި އުޅޭ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް