ޚަބަރު ސިޔާސީ

ނިޒާމު ބަދަލުކުރަން މިއީ އެންމެ ރަނގަޅު ވަގުތު: ރައީސް ނަޝީދު

އާއިޝަތު ޝައުނާ ، ދެން އޮންލައިން
ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ނިޒާމު ބަދަލުކުރަން މިއީ އެންމެ ރަނގަޅު ވަގުތުކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ރައްޔިތުންގެ މަޖިލީހުގައި މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި، މިއީ ނިޒާމު ބަދަލުކުރަން އެންމެ އެކަށޭނަ ވަގުތުތޯ ގިނަ ނޫސްވެރިން ރައީސް ނަޝީދާއި ސުވާލުކުރައްވާފައިވެއެވެ. އެ ސުވާލުތަކަށް ޖަވާބު ދެއްވަމުން އެމަނިކުފާނު ވިދާޅުވީ އެފަދަ ވޯޓެއް ނަގަން މިއީ އެންމެ އެކަށޭނަ ވަގުތު ކަމަށެވެ.

އެގޮތުން ނިޒާމު ބަދަލުކުރާ ވާހަކަތައް ރާއްޖޭގެ ރައްޔިތުންނަށް އަޑުއިވޭތާ ވަރަށް ގިނަ ދުވަސް ވެދާނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ރިޔާސީ އިންތިޚާބު ނިމޭއިރު ކަންތައްތައް ވާގޮތް ރައްޔިތުންނަށް ވަރަށް ސާފުކޮށް ފެނިވަޑައިގަންނަވާނެކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"އެއީ އިއްތިހާދުވާންޖެހުމާއި އެއްވެސް މީހަކަށް 50 ޕަސެންޓަށްވުރެ މަތިން ވޯތު ލިބިގެން ނައުމާއި މިބާވަތުގެ އެތައް އެތައް އުދނަގޫތަކެއް ރައްޔިތުން އެ ދަނޑިވަޅު ފެންނަމުން ދާނެ، އަޅުގަނޑު ދެކޭ ގޮތުގައި ވަގުތުވެސް އެބައޮތް، އަދި މިއީ މިކަން ކުރަން އޮތް އެންމެ ރަނގަޅު ވަގުތު" ރައީސް ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން ރާއްޖޭގައި އަބަދުވެސް އޮތީ ބަރުލަމާނީ ނިޒާމުކަމަށް ފާހަގަކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ އިބްރާހިމް ނާސިރު 10 އަހަރު ބޮޑުވަޒީރުކަން ކުރައްވާފައި ރިޔާސީ ނިޒާމު ރާއްޖެއަށް ގެންނެވީ 1968 ވަނަ އަހަރުގައި ކަމަށާއި ނަމަވެސް 1973 ގައި އަހްމަދު ޒަކީ ބޮޑުވަޒީރަކަށް ގެންނަވާފައިވާކަމަށެވެ.

"އެހެންވެ ދިވެހިރާއްޖޭގައި ރިޔާސީ ނިޒާމެއް ހަޤީޤަތުގައި މިދިޔައީ ނާސިރުގެ ކުޑަ ދުވަސްކޮޅަކާއި ރައީސް މައުމޫނުގެ ދިގު 30 އަހަރު. ދެން އަޅުގަނޑަށް މަޖުބޫރުވީ ރިޔާސީ ނިޒާމެއްގައި އިންނަން، ރައްޔިތުންގެ މަޖިލީހުގައި އަޅުގަނޑުމެންގެ އަތުގައި އޭރުގައި މި މިންވަރަށް ގޮނޑި ހުރިނަމަ އަޅުގަނޑު ނީނީސް ރައީސެއްގެ ގޮތުގައި" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ ރާއްޖެއަށާއި ދިވެހިންނަށް އެންމެ ރަނގަޅު ގޮތަކީ ވެރިން ޖަވާބުދާރީ ކުރުވައިގެން ދެފުށް ފެންނަ ގޮތަށް ހިންގޭ އަދި ރައްޔިތުންނާއި ޣާތުން ހިންގޭ ވެރިކަމެއް ކަމަށާއި އެކަން ކުރެވޭނީ ބަރުލަމާނީ ނިޒާމެއްގައި ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!