ޚަބަރު ސިޔާސީ

ނިޔާޒަކީ ޕީޕީއެމުން ރައްދުދޭން ޖެހޭވަރު މީހެއްކަމަށް ނުފެނޭ: ޝަހީމް

އާއިޝަތު ޝައުނާ ، ދެން އޮންލައިން

ކުރީގެ އޮޑިޓަރ ޖެނެރަލް ނިޔާޒު އިބްރާހިމަކީ ޕިޕީއެމް އިން ރައްދުދޭން ޖެހޭވަރުގެ ބުރަދަނެއް ހުރި ބޭފުޅެއް ކަމަށް ދެކެވަޑައިނުގަންނަވާކަމަށް ޕީޕީއެމްގެ އެޑްވައިޒަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ޝަހީމް މިހެން ވިދާޅުވެފައިވަނީ މިއަދުގެ ވަގުތެއްގައި ނިޔާޒުއަށް މަގުމަތިން ބަޔަކު އިންޒާރުދީ ފުރައްސާރަކޮށްފައިވާތީ އެއީ ޕީޕީއެމްއަށް ނިޞްބަތްވާ ބަޔަކު ހިންގި އަމަލެއް ކަމަށް ނިޔާޒު ތުހުމަތުކުރައްވާފައިވާތީއެވެ.

ނިޔާޒު ކުރެއްވި ޕޯސްޓެއްގައި އޭނާއަށް އިންޒާރުދީ ފުރައްސާރަކުރިކަމަށް ބުނާ މީހާ ފެންނަ ފޮޓޯއެއްވެސް އާންމުކޮށްފައިވާއިރު ނިޔާޒު ވިދާޅުވީ ދިމާކޮށް، މަގުމަތިން އެމީހުން ނިޔާޒުއަށް ފުރައްސާރަކޮށް ފޯނުން ރެކޯޑުކުރަމުން އިންޒާރުދީ ހަދަމުން ދިޔައީ މިއަދު ހެދުނު އެބޭފުޅާ ބޭންކަށް ވަޑައިގެންނެވި މަގުމަތީގައި ކަމަށާއި "މިހާރުއްސުރެ ޕީޕީއެމްގެ އަސްލު ސިފަ މިދަނީ ފެންނަމުން" ކަމަށެވެ.

އަދި "ވެރިކަން ލިބިއްޖިއްޔާ ކަންތައްތައް ހުންނާނެ ގޮތް އަންދާޒާ ކޮށް" ލެއްވުމަށްވެސް ނިޔާޒުވަނީ އެދިވަޑައިގެންފައެވެ.

މިކަމާއި ގުޅިގެން ޝަހީމް ވިދާޅުވީ މަގުމަތީގައި ހިނގާހާ ހުރިހާ ކަމަކީ ޕީޕީއެމް އަށް ނިސްބަތްވާ ބަޔަކު ކުރާކަމެއް ކަމަށް ވިދާޅުވުމަކީ ބޭއިންސާފެއްކަމަށާއި ޕީޕީއެމް އަކީ ޤައުމީ އެތައް ޚިދުމަތްތެރިން އުޅުއްވާ ޕާޓީއެއްކަމަށެވެ.

މީގެ އިތުރުން، ނިޔާޒަކީ ޕީޕީއެމްއިން ރައްދު ދޭންޖެހޭ ބުރަދަނެއްހުރި ބޭފުޅެއްކަމަށް ދެކެވަޑައިނުގަންނަވާކަމަށާއި ނިޔާޒު ބޭނުންފުޅުވާ އެއްޗެއް ނިޔާޒު ކިޔުއްވަންވީކަމަށެވެ.

ނިޔާޒު ވަނީ މީގެ ކުރިން ޕީޕީއެމަށް ފާޑުވިދާޅުވެ އެހެން ޕޯސްޓުތަކެއްވެސް ކުރައްވާފައެވެ. އެގޮތުން، ޕީޕީއެމުން ރައްޔިތުންނާ މެދު އަދުލުވެރިވާނެ ކަމަށް ހީކުރުމަކީ މޮޔަކަމެއް ކަމަށް ފާހަގަކުރައްވަމުން ނިޔާޒު ވިދާޅުވީ އޭނާ އަށް ފެންނަ ގޮތެއްގެ ވާހަކަ ބޭނުންފުޅު ގޮތަކަށް ދައްކަވާނެކަމަށާއި ކަންކަން ހިނގާފައިވާ ގޮތް ވިދާޅުވާނެކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!