ޚަބަރު މީހުން

މާލޭގައި އޮޅުކޮށްގެން ގެންގުޅުނު އޮސްޓްރިޗަށް ބަޔަކު ހަމަލާދިނުމުން ފަރުވާ ނުލިބި އޮއްވާ މަރުވެއްޖެ

އާއިޝަތު ޝައުނާ ، ދެން އޮންލައިން

މާލޭގައި އޮޅުކޮށްގެން ގެންގުޅުނު އޮސްޓްރިޗްއަށް ރޭ ބަޔަކު ހަމަލާދީ ޒަޙަމްކުރުމުން، އެ ޒަޙަމްތަކަށް ފަރުވާ ނުލިބި އޮއްވައި އެ ދޫނި މަރުވެއްޖެއެވެ.

Ads by Hajj Corporation

އެ ދޫނި އޮޅުކޮށްގެން ގެންގުޅެފައިވަނީ ހުޅުމާލޭގައި ހުންނަ ސައިޓެއްގައި ކަމަށްވާއިރު، އެ ދޫނި ބަލައިލަން އެ ސައިޓަށް ދުވާލަކު 100 އެއްހާ މީހުން ޒިޔާރަތްކުރާ ކަމަށް މަޢުލޫމާތު ލިބެއެވެ.

އޮންލައިން ނޫހަކަށް މަޢުލޫމާތު ދެއްވަމުން އެ ދޫނި އޮޅުކޮށްގެން ގެންގުޅުނު އިސްމާއީލް ޝާހު ވިދާޅުވީ އެ ދޫނި އިއްޔެވެސް އުޅުނީ ރަނގަޅަށް ކަމަށާއި ނަމަވެސް ރޭ މެންދަމުން އަލިވި ފަހުން ބަޔަކު އޭގެ ފަޔަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާކަމަށެވެ. އެގޮތުން، އޭގެ ފައިގެ ހުޅު ބޭރަށް ނުކުމެ އަނެއް ފަރާތަށް އެނބުރިފައި އޮތްކަމަށްވެސް ޝާހު ވިދާޅުވިއެވެ. އެ ދޫނި މަރުވެފައިވަނީ މިއަދުގެ އިރުއޮއްސި 5:30 ހާއިރު އެ ދޫނި އޮޅުކޮށްގެން ގެންގުޅޭ ސައިޓުގައެވެ.

"އަޅުގަނޑުމެން ބަލައިލިއިރު، ފައިގެ ހުޅު ބޭރަށް ނުކުމެ، އަނެއް ފަރާތައް އެނބުރިފައި ހުރީ، އެ ހުޅުގެ މަތިން ތޫނު އެއްޗަކުން ހަމަލާ ދިނީމައި، އެ ފަޔަށް ބަރުވެގެން އެހެން އެވީ" ޝާހު ވިދާޅުވިކަމަށް ވެއެވެ.

އެ ދޫންޏަށް ފަރުވާ ދެވޭތޯ ރާއްޖޭގައި ހުންނަ ހަމަ އެކަނި ޖަނަވާރުންނަށް ފަރުވާދޭ ހޮސްޕިޓަލު ކަމުގައިވާ "އޮއޭސިސް" ގެ ޑޮކްޓަރުންތަކެއްވެސް އެ ސައިޓަށް ގެންދިޔަކަމަށާއި ނަމަވެސް އެއަށް ފަރުވާ ދެވެން ނެތުމުން އިންޖެކްޝަން ޖަހައިގެން އެ ދޫނި މަރާލެވިދާނެކަމަށް ޑޮކްޓަރުން ވިދާޅުވިކަމަށް ޝާހް ވިދާޅުވެއެވެ.

ދޫނީގެ ފައިގެ ހުޅު ބޭރަށް ނުކުމެފައި / ފޮޓޯ: އިސްމާއީލް ޝާހް

ދުނިޔޭގެ ބައެއް ހިސާބުތަކުގައި ޖަނަވާރުންގެ ހޮސްޕިޓަލުތަކުން ޖަނަވާރުންނަށް ޖެހޭ ބަލިތަކުގެ ސަބަބުން އެއަށް އެ ވޭން އިތުރަށް ތަޙައްމަލުވިޔަނުދިނުމަށް އިންޖެކްޝަން ޖަހައި މެރި ނަމަވެސް ޝާހް އެފަދައިން އެކަން ކުރަން ބޭނުންނުވިއެވެ. އެހެންކަމުން އެ ދޫނި މަރުވީ އިތުރު ފަރުވާ ނުލިބި ލޭ ހުސްވެގެންކަމަށް މަޢުލޫމާތު ލިބެއެވެ.

"އެ ބޭފުޅުން ވިދާޅުވީ އިންޖެކްޝަނެއް ދީފައި މަރާލެވިދާނެއޭ އެކަމަކު އަޅުގަނޑުމެން ބޭނުމެއް ނުވި އެހެން މަރާލާކަށް،" ޝާހު ވިދާޅުވިއެވެ.

އެ ދޫނި ބަލައިލުމަށް ދުވާލަކު 100 އެއްހާ މީހުން އެ ސަރަހައްދަށް ޒިޔާރަތް ކުރާތީ، އެގޮތަށް ޒިޔާރާތް ކުރާ މީހުންނަށް ފަސޭހައަކަށް ސައިޓުގެ ފެންސު ކައިރިއަށް ދޫނި ނެރުނުތާ މާގިނަ ދުވަހެއް ނުވާނެ ކަމަށް ޝާހް ވިދާޅުވެފައިވެއެވެ.

"ކުރިން ވަރަށް އެތެރޭގައި އޮންނާނީ. ފަހުން ފެންސުގެ ގާތްގަނޑަކަށް ހަ ފޫޓު ކައިރިން އިތުރު ފެންސެއް ޖަހައިގެން އެ ތަނަށް ނެރެގަފައި އޮންނަތާ އަދި ދެ ހަފުތާއެއް ވަރުވާނީ" ޝާހް ވިދާޅުވިއެވެ.

މީގެ އިތުރުން، އެ ދޫނި އެތެރެކޮށް، ކާންދީ، ގެންގުޅެމުން ދިޔައީ، ވަރަށް ބޮޑު ޚަރަދުތަކެއް ކޮށްގެންކަމަށާއި އެފަދަ އިތުރު ދޫނިތައް އެތެރެކުރުމުގެ ހުއްދަ ވެސް މިހާރު ނުލިބޭކަމަށް ފާހަގަކުރައްވަމުން ޝާހް ވިދާޅުވީ، އެ ދޫނި މަރުވުމުގެ ސަބަބުން ޝާހްއަށާއި އަދި އެ ދޫނި ބަލައިލަން އަންނަ އެހެން މީހުންނަށް ވެސް މިއީ ލިބުނު ބޮޑު ގެއްލުމެއްކަމަށެވެ.

މި ދޫނި ކުރިން ގެންގުޅެފައިވަނީ މާލޭގެ ގެއެއްގެ ތެރޭގައެވެ. އެގޮތުން އެ ދޫންޏާއެކު ޝާހް ނަގާފައިވާ ފޮޓޯއެއް ސޯޝަލް މީޑިއާގައި ދައުރުވުމާއެކު އެ ދޫނި ގެންގުޅުމުގެ ހުއްދަ ދީފައިވަނީ ދޫނި ފާމެއްގައި ކަމަށް ވިދާޅުވެ ގެއެއްގެ ތެރޭގައި އެ ދޫނި ގެންގުޅޭ މައްސަލަ ބަލަމުން އަންނަ ކަމަށް އޭރު ފިޝަރީޒް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

އެފަހުން އެ ދޫނި ގެންގުޅެމުން ދިޔައީ ހުޅުމާލޭގައި ހުންނަ ސައިޓެއްގައި ކަމަށްވާއިރު، ބަޔެއްގެ އިހާނެތި އަނިވާޔެރިކަމުން އެ ދޫނި މަރުވެގެން ދިޔުމުން އެކަމާއި ގުޅިގެން މީސްމީޑިއާގައި މީހުން ދަނީ ހިތާމަ ފާޅުކުރަމުންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!