Thursday, 5 November 2026
Advertisement
Ooredoo — Airfibre (leaderboard)
މީހުން

މާހިރު ފުރޮޅީ ގޮނޑީގަ އިނދެގެން ދެއްކި ކުޅަދާނަކަން

މާހިރު ފުރޮޅީ ގޮނޑީގަ އިނދެގެން ދެއްކި ކުޅަދާނަކަން

ލަކުޑިން ކަނޑަނަގައިގެން ހަދާފައިވަ ސަފާރީއަކީ ހުރިހާ ގޮތަކުން ވެސް އެއްވަނަ ދޭ ވަރުގެ ސަފާރީއެކެވެ. މިއީ ހަމައެކަނި ސަފާރީއެއްގެ ސިފަ ޖައްސާ ދޫކޮށްލާފައިވާ މަސައްކަތެއް ނޫނެވެ. އެއަށްވުރެ މާ ފުރިހަމައެވެ. ސަފާރީގެ ބޭރެކޭ އެއްގޮތަށް ކުދި މޭޒުތަކާއި ކޮޓަރި ތަކާއި ސިޑިތައް ކަނޑާނަގާފައި ހުރީ ވަރަށް ފުރިހަމަ ކޮށެވެ. މިއީ ބ. ތުޅާދޫ، ހިއްމަތް، އުމުރުން 67 އަހަރުގެ މުހައްމަދު މާހިރުގެ އުފެއްދުމެކެވެ.

މިއަދު ފުރޮޅުލީ ގޮނޑިއެއްގައި އިނަސް މާހިރަކީ އޭނާގެ ޒުވާން ދުވަސްވަރު ކަނޑުމަތީގައި ހޭދަކުރި ޒުވާން މަސްވެރިއެކެވެ. ކުޅަދާނަ ކެޔޮޅެކެވެ. މަސްވެރިކަމުގެ ހަޔާތް ހުއްޓި ފުރޮޅުލީ ގޮނޑިއަކަށް އޭނާގެ ދިރިއުޅުނު ގެންގޮސް ވަށްޓާލީ 1999ވަނަ އަހަރު ދޯންޏެއް ބާލަން އުޅުމުގެ ތެރޭގައި އެ ދޯނި ދަށުވެ، ފަޔަށް ލިބުނު ގެއްލުމާ ގުޅިގެން އޭނާ ނުހިނގޭ މީހަކަށް ބަދަލުވި ހިސާބުންނެވެ. އޭރު އުމުރުން 40ގެ އަހަރުތައް ގުނަމުންދިޔަ މާހިރުގެ ދިރިއުޅުން ފުރޮޅުލީ ގޮނޑިއަކަށް ގެންގޮސްލީއިރު، އޭނާގެ ޒިންމާގެ ދަށުގައި އަންބަކާއި ފަސް ދަރިންނާއި ފިރިހެން ދަރިއަކު ތިއްބެވެ.

"ޒުވާން އިރު މަސްވެރިކަމުގައި އުޅުނީ. އެހެން އެއްވެސް މަސައްކަތެއް އޭރު ނުކުރަން. ކުރާކަށް އޭރު ނުވެސް އުޅެން. ދޯނި ދަށުވި ހާދިސާގައި މަސްވެރިކަން އެއްކޮށް ހުއްޓާލަން ޖެހުނީ،” މާހިރު ބުންޏެވެ.

އެހިސާބުން މާހިރަށް ޖެހުނީ އާމްދަނީ ހޯދާނެ ގޮތެއް ވިސްނާށެވެ. ފައިގެ ހަރަކާތެއް ނެތަސް އޭނާ ބޭނުންވީ ކޮންމެވެސް މަސައްކަތެއް ކޮށްގެން އާމްދަނީ ހޯދައި އަނބިދަރިން ބަލަހައްޓާނެ ގޮތެކެވެ.އެގޮތުން އާއިލާ ބަލަހައްޓަން ކުރާނެ މަސައްކަތަކާ މެދު ވިސްނުމަށް ފަހު، އޭނާގެ އަމިއްލަ ހިޔާލަށް ލަކުޑިން ތަފާތު ވައްތަރުގެ އުޅަނދުތަކުގެ ކުދި ނަމޫނާތައް ފަރުމާކުރަންފެށިއެވެ. ރިޔާނެގި ކުދި ދޯނިން ފެށިގެން އެތައް ހުނަރުވެރި މަސައްކަތެއް އޭނާ ކުރަންފެށިއެވެ.

ލިޔެލާޖެހުމުގެ މަސައްކަތަށް މަޝްހޫރު ތުޅާދޫއަށް އުފަން މާހިރު، ލަކުޑިއާއި ނާއްޓާއި ތަފާތު ގޮތްގޮތަށް ކޮށައި މަށައިގެން އުފެއްދި ދިވެހި އުފެއްދުންތައް ރިސޯޓުތަކަށް ވިއްކަން ފެށިއެވެ. އަދި ސަރުކާރުގެ އެކި ބޭނުންތަކަށް ވެސް ދޯންޏާއި ތަކެތި ހަދައިދީ، ރާއްޖޭން ބޭރަށް ވެސް ފޮނުވަން ފެށިއެވެ. އޯޑަރުތައް ގިނަވެ، ފުނިޖެހޭވަރަށް އޭރު މަސައްކަތް ލިބެން ފެށިއެވެ.

"އޭރު ވަރަށް ލިބުނު އެއްޗެހި ހަދަން. މާހިރުބެއަށް އޮންނަނީ ނުވެފައި،" މާހިރު ބުންޏެވެ.

މާހިރު ބުނި ގޮތުގައި އޭނާގެ ގޭގެ ރެކު މަތީގައި އަބަދުވެސް އުފެއްދުންތައް ހުސްނުކޮށް ބަހައްޓާފައި ހުރެއެވެ.

މައުރަޒުތަކުގައި އޭނާގެ ތަކެތި ބައިވެރިކުރަން ފެށުނީ އެގޮތަށް ގޭގައި ބަހައްޓާފައި ހުރި ސަފާރީއެއް ދަރިފުޅަށް ފެނިގެން ދެއްކި ވާހަކައަކުންނެވެ. ނަމަވެސް މާހިރު ދެކުނު ގޮތުގައި އެ ސަފާރީއަކީ މައުރަޒެއްގައި ބައިވެރިކުރާ ވަރަށް ފުރިހަމަކޮށް ހެދިފައި ހުރި ސަފާރީއެއްނޫނެވެ.

" ތިއީ ދެން މައުރަޒަށް ލާކަހަލަ އެއްޗެއް ނޫނޭ ބުނިން ކުދިން ގާތު. ބުނީމަ ވެސް ކުދިން ބޭނުންވެއްޖެ ލާން. އެހެންވެ ލީ،" އެންމެ ފުރަތަމަ މައުރަޒެއްގައި އުފެއްދުމެއް ބައިވެރިކުރި ގޮތް ހިއްސާކުރަމުން މާހިރު ބުންޏެވެ.

އޭނާ ބުނީ 2015ވަނަ އަހަރު ބޭއްވި މައުރަޒެއްގައު ބައިވެރިކުރި އެ ސަފާރީއަށް މުޅި މައުރަޒުން އެއްވަނަ ލިބި، ބޮޑު އަގުގައި ވިކުނު ކަމަށެވެ. އޭގެ ފަހުން އެކި މައުރަޒުތަކުގައި އޭނާގެ އުފެއްދުންތައް ދައްކާލަމުން އަންނައިރު، 2025ވަނަ އަހަރުގެ މޭ މަހު ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވި މޯލްޑިވްސް އެކްސްޕޯގައި ބައިވެރިކުރި ސަފާރީއާއި ޑައިވިން ދޯންޏަށް ވެސް ވަނީ ބައިވެރިކުރި ދެ ކެޓަގަރީން އެއްވަނަ ލިބިފައެވެ.

އެ އެކްސްޕޯގައި މާހިރު ބައިވެރިކުރި ސަފާރީއަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ވެސް ތާރީފުކުރެއްވި ކަމަށް އޭނާ ބުންޏެވެ. މިފަހަރުގެ ސަފާރީގެ ފުރިހަމަކަން ފެނިފައި މަޖިލީހުގެ ރައީސް ވެސް ވިދާޅުވީ "މީތި ވިކޭނެއޭ. މީތި ނުކިވެންޏާ މިތަނުން ވިކޭނެ އެއްޗެއް ނެތޭ. އެހާ ފުރިހަމައޭ މަސައްކަތް،” މާހިރު ބުންޏެވެ.

އަތްތެރި މަސައްކަތުގައި އޭނާ ހޭދަކުރި 27 އަކަށް އަހަރުގެ ތެރޭގައި އަބަދުވެސް އެންމެ ގާތުގައި ހުރީ އޭނާގެ އަންހެނުންނެވެ. އަދި އެ ހާދިސާ ހިނގި ދުވަސްވަރު ދިރިއުޅުން ހަމައަކަށް އެޅުވުމުގައި ދޯނީގެ ވެރިފަރާތުން ވެސް އެހީތެރިވިކަން އޭނާ ފާހަގަކުރިއެވެ.

ފުރޮޅުލީ ގޮނޑިއެއްގައި އިންނަން ޖެހުނު ނަމަވެސް، އާއިލާގެ އެހީތެރިކަމާ އެކު މާހިރު އަދިވެސް އޭނާގެ ގޭގެ ރެކުތަކަށް އުފެއްދުންތައް އިތުރުކޮށްދީ، މައުރަޒުތަކުގައި ތަކެތި ބައިވެރިކުރުމުގެ ޢަޒުމަކަށް ބަދަލެއް ނާދެއެވެ.

 

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް