މީހުން ލައިފްސްޓައިލް

ސްޕޮޓްލައިޓް: ސާއީގެ މަދަހައިން، ތެނޯސްއަށް ކުރި ކާމިޔާބުގެ ދަތުރު

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ސޯޝަލް މީޑިއާ އިންފްލުއެންސާ ސާއީ މުބާރަކް

އުމުރުން އެންމެ 21 އަހަރުގެ މުހައްމަދު ސާއީ މުބާރަކް އަކީ ނ. ހޮޅުދޫއަށް އުފަން ކުއްޖެކެވެ. އެންމެ ފުރަތަމަ އޭނާ މީހުންނަށް އިނގެން ފެށީ ޓިކްޓޮކްގައި ވައިރަލްވި ވީޑިއަކާއިއެކު އެވެ. އެއީ ސާއީގެ ބައްޕަގެ ވީޑިއޯ އެކެވެ. އެ ވީޑީއޯ ސާއީ ނެގީ ބައްޕައަށް ނުވެސް އެނގި އެވެ. އަޕްލޯޑު ކުރިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ވީޑިއޯ ބެލި މީހުންގެ އަދަދު 70.000 އިން މައްޗަށް ދިޔަ އެވެ. މިހާ ހިސާބުން ސާއީގެ ޝައުގުވެރިކަން އުފެދުނީ ކޮންޓެންޓު އުފައްދާށެވެ. މިހާރު ސާއީއަކީ މާކެޓިން ދާއިރާގައި މަސައްކަތް ކުރާ ކުއްޖެކެވެ. އަދި ސޯޝަލް މީޑިއާގައި ކޮންޓެންޓް އުފައްދާ އިންފްލުއެންސާ އެކެވެ. ސާއީ މިހާ ހިސާބަށް އަންނަން ކުރި ދަތުރަށް ބަލައިލާނަމެވެ.

Ads by MPL

 

އެންމެ ފުރަތަމަ މަދަހަ

ގްރޭޑު 6 އާއި ހަމައަށް ސާއީ ތައުލީމު ހާސިލް ކުރީ ހޮޅުދޫ ސްކޫލުންނެވެ. އޭގެ ފަހުން މާލެ ބަދަލުވީ 2015 ވަނަ އަހަރެވެ. އެއަށްފަހު ދެން ގުޅުނީ އިމާދުއްދީން ސްކޫލާ އެވެ. ސާނަވީ ތައުލީމު ހާސިލް ކުރުމަށްފަހު ދެން ސާއީ ބަދަލުވީ މަތީ ސާނަވީ ތައުލީމު ހާސިލް ކުރަން އަހުމަދިއްޔާ ސްކޫލަށެވެ.

ދެން ސާއީ ފެށީ ކީރިތި ގުރުއާން ކިޔަވައިދޭ މުދައްރިސަކަށް ވުމުގެ ދަތުރެވެ. އެ ދާއިރާއިން އުނގެނުމަށްފަހު ތަމްރީނު ހާސިލް ކުރަން ސާއީ ގުޅުނީ ތާޖުއްދީން ސްކޫލާ އެވެ. އެ ސްކޫލުގައި ތަމްރީނު ހާސިލް ކުރި ދުވަސްވަރު ކިޔަވައިދޭ ގަޑި ނިމުމުން އެއް ދުވަހަކު ސާއީ އޭނާގެ އަޑުން މަދަހައެއް ރެކޯޑުކޮށް ޓިކްޓޮކަށް އަޕްލޯޑު ކޮށްލި އެވެ. އެއީ "މުހައްމަދު ނަބީނާ" މަދަހަ އެވެ. ސާއީއަކީ ކުރީއްސުރެއްވެސް ލަވައާއި މަދަހަ އަދި ގުރުއާން ކިޔަވައި އުޅޭ ކުއްޖެއްކަމުން އޭނާގެ ރާގު ހަމަވެފައި ވައްޓަފާޅިގަނޑުވެސް ރަނގަޅެވެ. ޓިކްޓޮކްގައި ސާއީގެ މަދަހައަށް އެހާ ބޮޑު މަގުބޫލުކަމެއް ލިބުނީވެސް މިހެންވެގެންނެވެ.

 

ސޯޝަލް މީޑިއާ އިންފްލުއެންސާ ސާއީ މުބާރަކް

 

އަސްލު ކޮންޓެންޓު އުފެއްދުމުގެ ދަތުރު

ސާއީގެ ދަތުރު މިހާ ހިސާބުން ފެށިއްޖެ އެވެ. އެންމެ ފުރަތަމަ ޓިކްޓޮކް ކޮންޓެންޓުގެ ގޮތުގައި ސާއީ އަޕްލޯޑު ކުރަންފެށީ މުޅިންވެސް މަދަހަ އެވެ. އެކަމަކު ދެން އަނެއްކާވެސް ތަފާތު ކަމެއް ސާއީ ކޮށްލި އެވެ.

ޗީޒް ކޭކް ބާ ނަމަކަށް ކިޔާ ރެސްޓޯރެންޓެއްގެ ފުޑް ރިވިއުއެއް ސާއީ ހެދި އެވެ. އެ ރިވިއު ސާއީ އުފެއްދީ އިނގިރޭސި ބަހުންނެވެ. މިހާ ހިސާބުން ގިނަ ބައެއްގެ ޝައުގުވެރިކަން ސާއީއަށް ހުއްޓުނެވެ. ހާއްސަކޮށް އިނގިރޭސިން ވާހަކަ ދެއްކުމުގައި ސާއީގެ ހުނަރު، އަދި ދިވެއްސަކަށް ވެހުރެ ސާއީގެ އިނގިރޭސި އެކްސެންޓު ރީތިކަން ގިނަ ބަޔަކު ފާހަގަ ކުރި އެވެ.

ތަފާތު ކަންކަން އެކްސްޕެރިމެންޓު ކުރަމުން ގޮސް ސާއީއަށް ލިބުނު އާންމުންގެ ކޮމެންޓުތަކާއިއެކު ދެން އޭނާ އުފެއްދީ އިނގިރޭސި ބަހުން ވާހަކަ ދެއްކުމާއި ގުޅޭ ވީޑިއޯ އެކެވެ. އޭގައި އޭނާ ބައެއް މަޝްހޫރު ކެރެކްޓާ ތަކުގެ އަޑު ނަކަލު ކުރި އެވެ. މަޝްހޫރު ކެރެކްޓާތައް ކަމަށްވާ ތޯރ، ތެނޯސް ފަދަ ކެރެކްޓާތަކުގެ އަޑު އޭނާ ނެރެލަނީ ފަސޭހަ ކަމާއިއެކު އެވެ.

ބައެއް މީހުން ސާއީގެ އެ ވީޑިއޯތަކަކީ އޭއައި ޖެނެރޭޓެޑް ވޮއިސްއޯވާތަކެއް ހިމަނާފައިވާ ވީޑިއޯތަކެއްކަމަށްވެސް ބުންޏެވެ. ހަގީގަތުގައި އަޑުތައް ވަރަށް ވައްތަރެވެ. އެކަމަކު ސާއީ އެ އަޑުތައް ނެރެނީ ހަމަ އޭނާ އަމިއްލައަށެވެ. މިފަދަ ވޮއިސް އޯވާތަކުގެ ވީޑިއޯތަކެއްވެސް ސާއީ ޓިކްޓޮކަށް ދޫކޮށްލި އެވެ.

ސާއީގެ މި ހުނަރު ކުރިއަރުވަންވެސް އޭނާ އަމިއްލައަށް މަސައްކަތް ކުރި އެވެ. ފިލްމާއި ސީރީޒް ބަލަމުން އަޑުތައް ފަރިތަ ކުރި އެވެ. މީގެ އިތުރުން ވޯލްޑް ކަޕާއި ޔޫރޯ ފަދަ ބޮޑެތި މުބާރާތްތަކުގެ ކޮމެންޓޭޓަރުންގެ އަޑު އަހައިގެން އެކަންވެސް ފަރިތަ ކުރި އެވެ.

 

ސޯޝަލް މީޑިއާ އިންފްލުއެންސާ ސާއީ މުބާރަކް

 

ގުރުއާން ކިޔެވުމަކީ ފަހުރެއް

ސާއީ އެންމެ ފަހުރުވެރިވަނީ އަދި އެންމެ ކުރީއްސުރެއް އެންމެ ރަނގަޅަށް ކުރެވޭ ކަމަކީ ކީރިތި ގުރުއާން އެކި ރާގަށް ކިޔެވުމެވެ. އޭނާ ބުނި ގޮތުގައި އެތައް އަހަރެއް ވަންދެން އެކި ގާރީން ގުރުއާން ކިޔަވާ އަޑު އޭނާ އެހި އެވެ. މިހާރު ކޮންމެ ގާރީއެއްގެ ނަން ބުނެފައި އެރާގަށް ކިޔަވަން ބުންޏަސް ފަސޭހަ ކަމާއިއެކު ކިޔަވާނެކަމަށް އޭނާ ބުންޏެވެ.

ގާރީ މިޝާރީގެ ރާގަށް ސާއީ ގުރުއާން ކިޔެވިއިރު އަޑުއަހަން އިނދެވުނީ ހިތްހަމަ ޖެހުމާއިއެކު އެވެ. 21 އަހަރުގެ ކުއްޖެއްގެ ކިޔެވުމެއްހެން ހީވެސް ނުވެ އެވެ.

 

މީހުންގެ އަނގަތަކުން ބޭރަށް

ސާއީ ބުނި ގޮތުގައި ކީރިތި ގުރުއާން ކިޔަވައިދޭން ފެށުމާއެކު މުޖުތަމައުގެ ފަރާތުން ތައުރީފު ލިބުނު ކަމަށެވެ. އެހެންނަމަވެސް އެއާއެކު ސާއީގެ ދިރިއުޅުން ބައްޓަން ކުރަންވީ ގޮތް ނުވަތަ އޭނާ ކުރަންވީ ކަންކަން މީހުން ކިޔައިދޭން ފެށި ކަމަށެވެ. ކިޔަވައިދިނުމާއިއެކު "ރަސްމީ އޮފީސް ވަޒީފާ" އެއް އަދާކުރަން މީހުން ބުނިދިނެވެ. އެންމެ ފުރަތަމަ ސާއީ ހެނދުނު 9 އިން 5 އަށް ވަޒީފާވެސް އަދާ ކުރި އެވެ.

އެކަމަކު ސާއީ ފަދަ ހުނަރުވެރި ކުއްޖަކަށް މިހާ ހިސާބަށް ދިރިއުޅުން ނުހުއްޓޭނެކަން އޭނާއަށް ވިސްނުނެވެ. ކޮންޓެންޓު އުފައްދަން ފެށީ މިހާ ހިސާބުންނެވެ. ޓިކްޓޮކް ވީޑިއޯތައް ފެނުމުން ސާއީ ވާން ޖެހޭނީ ދީނީ ދަރުސް ދޭ މީހަކަށް ނުވަތަ ކިޔަވައިދޭ މީހަކަށް ކަމަށް ބުނެ ފާޑު ކިޔުންވެސް މީހުންގެ ފަރާތުން އައެވެ. އެކަމަކު ގުރުއާން ކިޔަވައިދެމުންވެސް އެހެން މަސައްކަތްތައް ކުރެވިދާނެކަން ސާއީ ދައްކައިދިނެވެ.

 

ސޯޝަލް މީޑިއާ އިންފްލުއެންސާ ސާއީ މުބާރަކް

 

ހިތި ހަނދާންތައް އެންމެ ބޮޑު ކާމިޔާބީއަށް

އެންމެ މުހިންމު އެއް ގޮންޖެހުމުގެ ވާހަކަވެސް އަދި ކާމިޔާބީގެ ވާހަކަވެސް ސާއީ ކިޔައިދިނެވެ. ކުޑައިރު ސާއީއަކީ ވާހަކަ ދެއްކުމުގައި އަޅައިގަންނަ ގޮތެއް ހުންނަ ކުއްޖެކެވެ. އެހެންވެ ގުރުއާން ކިޔަވާއިރުވެސް ރަނގަޅަށް ލަފްޒުތައް ނުކިޔެ އެވެ. މި ސަބަބަށްޓަކައި ގުރުއާން މުބާރާތްތަކުން ވަނަވަނަ ހާސިލް ކުރާ ކުދިންގެ މަލާމާތުގެ ޝިކާރައަކަށް ސާއީ ވި އެވެ. މި ގޮންޖެހުމުން ސާއީ އަރައިގަތީ ވަރަށް މަސައްކަތުންނެވެ. މިއީ ސާއީ އެންމެ ދެރަވާ ހަނދާންތައްވެސް މެ އެވެ. މަލާމާތްތަކުން ހިތްވަރު ލިބި ޓީވީއެމްގެ ރަންތަރި ގުރުއާން މުބާރާތުން ސާއީ އެއްވަނަ ހާސިލް ކުރީ އޭގެ ފަހުންނެވެ. ސާއީ ބުނި ގޮތުގައި މިހާރުވެސް ވާހަކަ ދެއްކުމުގައި އުނދަގޫ އިހުސާސް ކުރެވޭ ކުދިން އެބަ އުޅެ އެވެ. އެކުދިންނަށް ސާއީ އަކީ މިސާލެކެވެ. ހިތްވަރު ކޮށްފައި ކުރިމަތި ލައިފިނަމަ އެއްވެސް ކަމަކީ ނުވާނެ ކަމެއް ނޫނެވެ.

Ads by Ooredoo