މީހުން ލައިފްސްޓައިލް

ނަމްޒާގެ 22 އަހަރުގެ ދިގު ތަޖުރިބާ ޓީވީ އަދި ތައުލީމީ ދާއިރާއިން

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ރާއްޖޭގެ މަގްބޫލު ޓީވީ ހޮސްޓު އާމިނަތު ނަމްޒާ

އާމިނަތު ނަމްޒާއޭ ބުނުމުން ނޭނގޭނެ މީހަކު ރާއްޖޭގައި މަދުވާނެެ އެވެ. ގިނަ މީހުން އޭނާ ދަންނާނީ 22 އަހަރަށްވުރެއް ގިނަ ދުވަހު ބްރޯޑްކާސްޓިންގް ދާއިރާގައި ހިދުމަތް ކުރަމުން އައި މީހެއްގެ ހައިސިއްޔަތުން ނުވަތަ ޓީވީ ޕްރެޒެންޓަރެއްގެ ގޮތުގަ އެވެ. އެހެންނަމަވެސް ނަމްޒާއަކީ ހަމައެކަނި ޓީވީ ޕްރެޒެންޓަރެއް ނޫނެވެ. އޭނާގެ ޕްރޮފެޝަންއަކީވެސް މިއީއެއް ނޫނެވެ.

Ads by MPL

ނަމްޒާއަކީ ޓީޗަރެކެވެ. އުނގަންނައިދިނުމުގެ ދާއިރާއިން އޭނާ ފެށި ދަތުރުގައި މިހާރު މަސައްކަތް ކުރަނީ މެނޭޖުމެންޓު ދާއިރާގަ އެވެ. ނަމްޒާ މިހާރު މަސައްކަތް ކުރަނީ ކައުންސިލްތަކާއި ބެހޭ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރެއްގެ ގޮތުގަ އެވެ. މީގެ އިތުރުން ޕީއެސްއެމްގެ މެނޭޖުމެންޓުގައިވެސް ނަމްޒާ މުހިންމު ދައުރެއް އަދާކުރެ އެވެ.

ނަމްޒާ އެންމެ ފުރަތަމަ މަސައްކަތުގެ މާހައުލަށް ނިކުތީ މަތީ ސާނަވީ އިމްތިހާނު ނިންމުމަށްފަހު ނަތީޖާ ލިބުމަށް އެ ހޭދަވާ މުއްދަތުގެ ތެރޭގަ އެވެ. އެންމެ ފުރަތަމަ ނަމްޒާ މަސައްކަތަށް ނިކުތީ ގިޔާސުއްދީން ސްކޫލަށެވެ. އޭނާ އެންމެ ފުރަތަމަ އަދާކުރީ އެސިސްޓެންޓް ޓީޗަރެއްގެ ވަޒީފާ އެވެ. ހަމަ އެއާ އެކުއެކީގައިހެން ޓީވީއެމްއިން ހޯދަމުންދިޔަ އިނގިރޭސި ބަހުން ހުށަހަޅައިދޭނެ ޕްރެޒެންޓަރެއްގެ މަގާމަށްވެސް ކުރިމަތި ލިއެވެ. އެހެންކަމުން އުނގަންނައިދިނުމުގެ ދާއިރާއަށްވެސް އަދި ޓީވީ ޕްރެޒެންޓިންގެ ދާއިރާއަށްވެސް ނަމްޒާ ނިކުތީ އެކުއެކީގަ އެވެ.

ރާއްޖޭގެ މަގްބޫލު ޓީވީ ހޮސްޓު އާމިނަތު ނަމްޒާ

މިއާއެކުވެސް ނަމްޒާ ޕްރޮފެޝަންއެއްގެ ގޮތުގައި ދެކިގެން މަސައްކަތް ކުރަން ބޭނުންވަނީ އުނގަންނައިދިނުމުގެ ދާއިރާގަ އެވެ. ޓީވީ ޕްރެޒެންޓިންގެ ދާއިރާ ދޫކޮށްލުމުގެ ނިޔަތެއްވެސް އޭނާގެ ނެތެވެ.

މަތީ ތައުލީމާއި ތަމްރީނަށް ބަލާއިރު ނަމްޒާ އެންމެ ފުރަތަމަ އުނގެނުނީ ޓީޗިންގް އެވެ. އެއަށްފަހު ޓީޗަރެއްގެ ގޮތުގައި މަސައްކަތްވެސް ކުރެވުނެވެ. ދާއިރާގައި އޭރު މަސައްކަތް ކުރަމުން ދިޔައިރު ހިދުމަތް ދިނުމުގައި ބަދަލުތަކެއް އަންނަންޖެހޭ ކަމަށް ގަބޫލު ކުރެވުނެވެ. އެހެންކަމުން ޕޮލިސީ ލެވެލްގައި މަސައްކަތް ކުރުމުގެ ޝައުގުވެރިކަން ނަމްޒާގެ އުފެދުނެވެ. އެޑިއުކޭޝަން މެނޭޖުމެންޓުގެ ދާއިރާއިން މަތީ ތައުލީމު ހާސިލް ކުރަން ފެށީ އޭގެ ފަހުންނެވެ.

ކުރިންވެސް ފާހަގަކުރިހެން ނަމްޒާ އެންމެ ފުރަތަމަ އުނގަންނައިދިނުމުގެ ދާއިރާގައި މަސައްކަތް ކުރަން ފެށި ތަމްރީނެއް ލިބިގެންނެއް ނޫނެވެ. އެހެންވެ އޭރު ގިޔާސުއްދީން ސްކޫލުގައި ކިޔަވައިދިނީ ވަކި ހާއްސަ މާއްދާއެއްވެސް ނޫނެވެ. ހިސާބު، އިނގިރޭސި، ފިޝަރީޒް ސައިންސް އަދި ޕްރެކްޓިކަލް އާޓްސްވެސް ނަމްޒާ ކިޔަވައިދިނެވެ. އެންމެ ކުޑައިރުއްސުރެއްވެސް ނަމްޒާ އަބަދުވެސް ވާން ބޭނުންވީ ޓީޗަރަކަށެވެ. އެ ޝައުގުވެރިކަން އެއް އިރަކުވެސް ގެއްލިފައެއް ނުވެ އެވެ. އެހެންވެ ކުދިންނާއެކު ހޭދަކުރާ ވަގުތަކީ ނަމްޒާއަށް އުފާވެރިކަން ގެނުވާ ވަގުތެކެވެ. މިދިޔަ 22 އަހަރު ތައުލީމީ ދާއިރާގައި މަސައްކަތް ކުރެވުނީވެސް މިސަބަބަށްޓަކަ އެވެ.

ރާއްޖޭގެ މަގްބޫލު ޓީވީ ހޮސްޓު އާމިނަތު ނަމްޒާ

ޕްރެޒެންޓިންގެ ދާއިރާގައިވެސް ދިގު ތާރީހެއް ވަންދެން ނަމްޒާ މަސައްކަތް ކޮށްފި އެވެ. އެންމެ ހާއްސަ މަސައްކަތަކީ ކޮބައިތޯ އަހައިލުމުން ނަމްޒާ ބުނީ ރަމަޟާން މަހު ގެނަސްދޭ ޝޯ "އިހުސާސް" ކަމަށެވެ. މި އަހަރު ފަހު ސީޒަން ގެނަސްދިން އެ ޕްރޮގުރާމް މެދު ނުކެނޑި ފަސް އަހަރު ގެނަސްދިނެވެ. "އިހުސާސް" އަކީ ހާއްސަ އެހީތެރިކަމަށް ބޭނުންވެފައިވާ ބަލި މީހުންގެ ހާލަތު ގެނަސްދީ އެމީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަގްސަދުގައި ގެނަސްދިން ޕްރޮގުރާމެކެވެ. ފަސް ސީޒަންވެސް ހުށަހަޅައިދިނީ ނަމްޒާ އެވެ. ނަމްޒާއަކީ އެ ޝޯގެ ބްރޭންޑިން އެވެ. ނަމްޒާއަށް މި ޝޯ އެންމެ ހާއްސަ ވަނީ މީހުންގެ ތެރޭގައި މަގުބޫލުވުމަކުން ނޫނެވެ. އެއީ މިޝޯއަކީ އެތައް ބަޔަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ލިބުނު ފުރުސަތަކަށް ވާތީ އެވެ.

މިއަދާ ހަމައަށް އައިއިރު ލިބުނު އެޗީވްމެންޓަކީ ކޮބައިތޯ އަހައިލުމުން ނަމްޒާ ދިނީ ވަރަށް ތަފާތު ޖަވާބެކެވެ. ޝައްކެއްވެސް ނެތް ގޮތުގައި މިދިޔަ 22 އަހަރު ދުވަހު ނަމްޒާ މަސައްކަތުގެ މާހައުލުގައި ހޭދަކުރި ދުވަސްތަކުގައި އެތައް ކާމިޔާބެއް ލިބިފައިވާނެ އެވެ. މިނިސްޓްރީގެ އިސް މަގާމުތަކުގެ އިތުރުން ޓީވީ ޕްރެޒެންޓިންގެ ދާއިރާއިންވެސް ކާމިޔާބީތަކެއް ހާސިލްކޮށްފައި ވާނެ އެވެ. އެކަމަކު ނަމްޒާއަށް އެންމެ ބޮޑު ކާމިޔާބީއެއްކަމަށް އޭނާ ފާހަގަކުރީ މުޅިން އެހެން ކަމެކެވެ. އުނގަންނައިދިނުމުގައި ހޭދަކުރި ދުވަސްތަކުގައި ޕޭރެންޓް ޓީޗާރ މީޓީންއަށް ބެލެނިވެރިން ގެނަސްފައި ދަރިވަރުންނާ ބެހޭގޮތުން ވާހަކަ ދައްކަން ނަމްޒާއަށްވެސް ޖެހުނެވެ. ވަކި ދަރިވަރަކަށް ކިޔަވައިދޭން އުނދަގޫ ވާހަކަ ނުވަތަ ވަކި ދަރިވަރަކު ކިޔެވުމަށް މޮޅު ނޫން ވާހަކަ ފާހަގަކުރުމުގެ ބަދަލުގައި ނަމްޒާ އަބަދުވެސް ބުނަނީ ކޮންމެ ދަރިވަރެއްގެ ކިބައިގައި ހުންނަ އެންމެ ރަނގަޅު ސިފައިގެ ވާހަކަ އެވެ. މިކަން ބެލެނިވެރިން ފާހަގަކޮށް ނަމްޒާއަކީ އެފަދަ ރިވިއުއެއް ދިން ފުރަތަމަ ޓީޗަރުކަމަށް ބުނުމަކީ ނަމްޒާއަށް ލިބުނު އެންމެ ބޮޑު އުފަލެވެ. އެއީ އޭނާގެ އެންމެ ހާއްސަ އެއް އެޗީވްމެންޓުވެސް މެއެވެ.

ތައުލީމީ ދާއިރާގައި ޕޮލިސީ ލެވެލްގައި ނަމްޒާ މަސައްކަތް ކުރާތާ ދުވަސްތަކެއް ވެއްޖެ އެވެ. ބްރޯޑްކާސްޓިންގް ދާއިރާގެ ޕޮލިސީ ލެވެލްގައި ނަމްޒާ މަސައްކަތް ކުރަން ފެށިތާ އަދި މާ ގިނަ ދުވަހެއް ނުވެ އެވެ. އެހެންނަމަވެސް 22 އަހަރު ދުވަހު ޕްރެޒެންޓަރެއްގެ ގޮތުގައި މަސައްކަތް ކުރި މީހެއްގެ ހައިސިއްޔަތުން ނަމްޒާ މިހާރު އެންމެ ބޭނުންވަނީ އަލަށް މި ދާއިރާއަށް ނިކުންނަ ކުދިންނަށް ބުނެދޭށެވެ. ނަމްޒާ ދެކޭ ގޮތުގައި ޓީވީއަށް ނިކުންނަ ކުދިން ވަރަށް ޕޮލިޝްޑް ވާން ޖެހޭނެ އެވެ. އެކުދިންނަށް ލައިވް ޓީވީ ޝޯއެއްގައި ދިމާވެދާނެ ކަންކަމަށް ތައްޔާރުކޮށްދީފައި ހުންނަން ޖެހޭނެ އެވެ. މައުލޫމާތު ހޯދަން ބުނުމާއެކު ޕްރޮޑިއުސަރުންގެ ފަރާތުންވެސް އެކަށީގެންވާ ކޮންޓެންޓު ފޯރުކޮށްދެވިފައި ހުންނަން ޖެހޭނެ އެވެ. ނަމްޒާ ބުނާ ގޮތުގައި އަލަށް ނިކުންނަ ކޮންމެ ޕްރެޒެންޓަރެއްގެ މެންޓޯއެއް ހުރުމަކީ ވަރަށް މުހިންމު ކަމެކެވެ.

ރާއްޖޭގެ މަގްބޫލު ޓީވީ ހޮސްޓު އާމިނަތު ނަމްޒާ

ނަމްޒާ ދެކޭ ގޮތުގައި ދޫ ފަރިތަ ކޮންމެ މީހަކަށް ވާހަކަ ދެއްކިދާނެ އެވެ. އެހެންނަމަވެސް ޓީވީ ޕްރެޒެންޓު ކުރުމަކީ ކޮންމެ މީހަކަށް ވާނެ ކަމެއް ނޫނެވެ. ގިނަ މީހުންނަށް ގަބޫލު ކުރެވިފައި އޮންނަނީ ޓީވީ ޕްރެޒެންޓިންއަކީ ކޮންމެ މީހަކަށްވެސް ކެމެރާ ކުރިމައްޗަށް އަރައި ކުރެވިދާނެ ކަމެއްގެ ގޮތުގަ އެވެ. ނަމްޒާ އެންމެ ދެކެން ބޭނުންވާ އެއް ދުވަހަކީ ޕްރޮފެޝަނަލް އެހެން ދާއިރާތަކެކޭވެސް އެއްގޮތަށް ޓީވީ ޕްރެޒެންޓިންއަކީވެސް އިހުތިރާމް ލިބިގެންވާ އަދި ގިނަ މީހުން ބަލައިގަންނަ ޕްރޮފެޝަންއަކަށް ވާ ދުވަހެވެ.

މިދިޔަ ދުވަސްތަކުގައި ޕްރެޒެންޓިންގެ ދާއިރާގައި މަސައްކަތް ކުރިއިރު ނަމްޒާއަށްވެސް މި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނެވެ. ބޮޑެތި ގައުމީ ހަފްލާތައް ހުށަހަޅައިދިންއިރު ބެކް ސްޓޭޖުގައި މަސައްކަތް ކުރާ މީހުންނާއި ކެމެރާ މަނުންގެ ފަރާތުން ފެނުނު ބައެއް ކަންކަމުން ނަމްޒާ އޭނާގެ އަމިއްލަ ނަފްސާއިމެދު ސުވާލު އުފައްދާ ހިސާބަށް ދިޔަ އެވެ. ލިބެންޖެހޭ އިހުތިރާމް ނުލިބޭކަމުގެ އިހުސާސް އަމިއްލައަށްވެސް ކުރެވުނެވެ. އިހުއްސުރެއް ދިވެހިންނަށް ގަބޫލުކުރެވިފައި އޮންނަނީ ޓީވީ ޕްރެޒެންޓިންގެ ދާއިރާ ނުވަތަ މުނިފޫހިފިލުވުމުގެ ދާއިރާގައި މަސައްކަތް ކުރަނީ ނުކިޔަވާ ތިބޭ ތާކުން ތާކުން ނުޖެހޭ މީހުންނެވެ. އެހެންނަމަވެސް ކަން އޮތީ މިހެންނެއް ނޫނެވެ. ބްރޯޑްކާސްޓިންގް ދާއިރާގައި ވަރަށް މޮޅަށް ކިޔަވައިގެން ތިބޭ މީހުންވެސް އެބަ ތިއްބެވެ. ޑޮކްޓަރުންނަށާއި ނަރުހުންނަށް އިހުތިރާމް ލިބޭ އުސޫލުން މި ޕްރޮފެޝަންގައި މަސައްކަތް ކުރާ މީހުންނަށްވެސް އިހުތިރާމް ލިބެން ޖެހެ އެވެ.

އެއާއެކުވެސް އިހުތިރާމަކީ ހޯދަންޖެހޭ އެއްޗެއްކަމަށް ނަމްޒާވެސް ގަބޫލު ކުރެ އެވެ. އޭނާ ބުނި ގޮތުގައި މިހާރު މަޑުމަޑުން މުޖުތަމައުގައި ޓީވީ ޕްރެޒެންޓަރުންނާމެދު ދެކޭ ގޮތް އެބަ ބަދަލުވެ އެވެ. ނަމްޒާ އެންމެ ދެކެން ބޭނުންވަނީ މިދާއިރާގައި މަސައްކަތް ކުރާ މީހުންނަށް އެ އިހުތިރާމް ލިބޭނެ ދުވަހެކެވެ.

Ads by Allied Insurance