ޚަބަރު ރައްޔިތުންގެ މަޖިލިސް

ކޮތަޅު ޓެކްސް 50 ލާރިއަށް ކުޑަކުރަން ހުށަހަޅައިފި

ޢާއިޝަތު އިނާޝް ، ދެން އޮންލައިން

ސިންގަލް ޔޫސް ޕްލާސްޓިކް ނުވަތަ އެއްފަހަރު ބޭނުންކުރާ ޕްލާސްޓިކް ކޮތަޅުން މިހާރު ނަގަމުންދާ 2 ރުފިޔާގެ ޓެކްސް، 50 ލާރިއަށް ކުޑަކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެންބަރުން އަޙްމަދު ސަލީމް ހުށަހަޅުއްފައިވިއެވެ.

Ads by STELCO

2022 ވަނަ އަހަރުގެ ނޮވެންބަރު މަހު ތަސްދީޤުކުރި ކުނި މެނޭޖްކުރުމުގެ ޤާނޫނުގެ ދަށުން ވިޔަފާރިތަކުން ކަސްޓަމަރުންނަށް ވިއްކާ ނުވަތަ ފޯރުކޮށްދޭ ކޮންމެ ޕްލާސްޓިކް ކޮތަޅަކަށް، 2 ރުފިޔާ ނަގަން ވަނީ ލާޒިމްކޮށްފައެވެ. އެނިންމުމަށް ޢަމަލުކުރަން ފެށުމާއި ގުޅިގެން ހޯލްސޭލްކޮށް ކުރިން ކޮތަޅު ލިބޭ އަގު ވަނީ ހަތަރު ގުނަ ބޮޑުވެފައެވެ.

މިކަމާއި ގުޅިގެން ޢާންމުންނަށް ބޮޑެތި ގޮންޖެހުންތަކާއި ވަނީ ކުރިމަތިވެފައެވެ. މިކަމަކަށް ޙައްލެއް ހޯދުމަށް މި އަހަރުގެ މޭ މަހު ހުށަހަޅާފައިވީނަމަވެސް، ސިޔާސީ ކޯޅުންގަނޑުގެ ތެރޭގައި އެ ބިލު ވަނީ ވަކި ކޮޅެއްގައި ނުޖެހި މަޑުޖެހިފައެވެ.

ކޮމަންޑޫ ދާއިރާގެ މެންބަރު އަޙްމަދު ރާޝިދު ހުށަހެޅުއްވި އެ ބިލުގެ ބަހުސް މިއަދުގެ ޖަލްސާގައި އަލުން ކުރިއަށް ގެންގޮސްފައިވާ އިރު، ބިލަށް ބަހުސްކުރައްވަމުން ސަލީމް ވިދާޅުވީ އެންމެ ފުރަތަމަ ކޮތަޅުން ޓެކްސް ނަގަންފެށީވެސް ރާއްޖޭގައި ތަކެތީގެ އަގު ވަރަށް ބޮޑަށް އުފުލުނު ދަނޑިވަޅެއްގައިކަމަށެވެ. އެހެންކަމުން ޢާންމުންނަށް އެކަމުގެ ބުރަ ވަރަށް ބޮޑަށް ތަޙައްމަލު ކުރަންޖެހިފައިވާކަމަށްވެސް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

ކޮތަޅުގެ މައްސަލައިގައި ސަލީމް ވަނީ ތިން އިސްލާޙެއް ހުށަހަޅުއްވާފައެވެ. ފުރަތަމަ ކަމަކީ ރޯމަސް އުފުލުމާއި ކުނިވާ ޒާތުގެ ކުނި އުކައިލުން ފަދަ ކަންކަމަށް ގަނޑުކޮށް ކޮތަޅު ގަތުމަކީ ފީ ނެގުމުން އިސްތިސްނާ ހާލަތެއްގެ ގޮތުގައި ކަނޑައެޅުމެވެ.

ދެވަނަ ކަމަކަށް ހުށަހެޅުއްވީ ރީޓެއިލް ފިހާރަތަކާއި ސައިހޮޓާތަކަށް އިދާރީ ގޮތުން ބުރަ ނުވާ ގޮތަކަށް ފީ ނެގުމުގެ ނިޒާމު ބަދަލުކުރުމެވެ.

އަދި ތިންވަނަ ކަމަކަށް ސަލީމް ހުށަހެޅުއްވީ މިހާރު ޓެކްސްގެ ގޮތުގައި ނަގަމުންދާ 2 ރުފިޔާ، 50 ލާރިއަށް ކުޑަކުރުމެވެ.

"ތިން ވަނަ ކަމަކަށް އަޅުގަނޑު ހުށަހަޅަނީ ކޮތަޅަކަށް ޗާޖްކުރެވޭ އަދަދު މިހާރަށް ވުރެ ދަށްކުރުން. އަަޅުގަނޑު ދެކޭ ގޮތުގަައި ފުރަތަމަ ފަހަރު 50 ލާރި ކޮތަޅަކަށް ނަގާ ގޮތަށް އޮތުން ރަނގަޅު" ސަލީމް ވިދާޅުވިއެވެ.

ސަލީމް އިތުރަށް ވިދާޅުވީ އެއްފަހަރު ބޭނުންކުރާ ޕްލާސްޓިކް ކޮތަޅުން ނަގާ ޓެކްސް ކުޑަކުރިޔަސް، އެ އަދަދު އަހަރުން އަހަރަށް މުރާޖަޢާކުރާ ގޮތަށް ކަނޑައެޅިދާނެކަމަށެވެ. އަދި ކޮތަޅުން ނަގާ ފީ ތަކުރާރު ނުވާ ގޮތަށް، މިހާރު ޖީއެސްޓީ ނެގުމުގައި ޢަމަލުކުރާ އުޞޫލު ކޮތަޅު ފީއަށް ލެވިދާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ސަރުކާރުން މިހާރު ހަމަޖައްސާފައިވާ ގޮތުން ޓެކްސް އިސްތިސްނާވާ ޕްލާސްޓިކް ކޮތަޅު:

  • ޑިއުޓީ ފްރީ ފިހާރަތަކުން ވިއްކާ ނުވަތަ ފޯރުކޮށްދޭ ޕްލާސްޓިކް ކޮތަޅު
  • ބަންދުނުކޮށް ހުންނަ، ހުރިހާ ބާވަތެއްގެ ތާޒާ މަސް އެޅުމަށް ބޭނުންކުރާ ޕްލާސްޓިކް ކޮތަޅު
  • ކުނި މެނޭޖުކުރުމުގެ ޚިދުމަތްދޭ ފަރާތްތަކުން ނުވަތަ ކަމާބެހޭ އެހެން އިދާރާއަކުން ކުނި އެޅުމަށް ޚާއްޞަކޮށް ވިއްކާ ނުވަތަ ދޫކުރާ "ބިންލައިނަރ"

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!