ޚަބަރު އިޖުތިމާޢީ

ފަލަސްތީނުގެ ރައްޔިތުންގެ ޙައްޤުގައި ދިވެހީން ނިކުންނަނީ!

ޢާއިޝަތު އިނާޝް ، ދެން އޮންލައިން

ފަލަސްތީނުގެ ރައްޔިތުންގެ ޙައްޤުގައި ދިވެހީން ތިބިކަން އަންގައިދިނުމުގެ ގޮތުން މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަރަކާތްތަކެއް ބޭއްވުމަށް ތައްޔާރުވާން ފަށައިފިއެވެ.

Ads by Hajj Corporation

ހަމާސް އިން މިދިޔަ ހޮނިހިރު ދުވަހު އިޒްރޭލަށް ދިން ކުއްލި ހަމަލާތަކާއި ގުޅިގެން އިޒްރޭލާއި ފަލަސްތީނާއި ދެމެދެ ހިނގަމުންދާ ހަނގުރާމައިގައި އެ ސަރަހައްދުގެ ހާލަތު ވަނީ ވަރަށް ބޮޑަށް ނުރައްކާވެފައެވެ. ހަމާސް ޖަމާއަތުން އިޒްރޭލަށް ދިން ހަމަލާތަކުގައި އިޒްރޭލުގެ އެތައް ސަތޭކަ ބަޔަކު މަރުވެފައިވާއިރު، ބަދަލުގައި އިޒްރޭލުން ދެމުންގެންދާ ލާއިންސާނީ ހަމަލާތަކުގައި ފަލަސްތީނުގެ އެތަކެއް ބަޔަކުވަނީ މަރުވެފައެވެ.

ފަލަސްތީނުގެ މުޖާހިދުން ދިން ހަމަލާތަކާއި ގުޅިގެން އިޒްރޭލުހން ދަނީ ޣައްޒާއަށް ވައިގެ ހަމަލާ ދެމުންނެވެ. މި ހަމަލާތަކުގައި ފަލަސްތީނުގެ 900 އަށްވުރެ ގިނަ މީހުން ޝަހީދުވެ، 5000 އަށް ވުރެ ގިނަ ބަޔަކު ޒަޙަމްވެފައިވާކަމަށް މަޢުލޫމާތުލިބިފައިވެއެވެ.

ފަލަސްތީނުގެ ރައްޔިތުންގެ ޙައްޤުގައި ބޭއްވުމަށް ހަމަޖެހިފައިވާ ހަރަކާތް މާލެ އާއި ރާއްޖޭގެ އެކި ހިސާބުތަކުގައި ބޭއްވުމަށް ނިންމާފައިވަނީ އޮކްޓޫބަރު 13 ވާ ހުކުރު ދުވަހުގެ ހަވީރުއެވެ.

އެގޮތުން ހުކުރު ދުވަހު 16:00 ގައި މާލޭގައި ސައިކަލު ބުރެއް ބެއްވުމަށް ވަނީ ހަމަޖެހިފައެވެ. ސައިކަލު ބުރު ފެށުމަށް ހަމަޖެހިފައިވަނީ ރަސްފަންނު ސަރަހައްދުންނެވެ.

މީގެ އިތުރުން "ގަދަކޮށް ފަލަސްތީނާއެކު" ނަމުގައި ފުވައްމުލަކު ސިޓީގައި ވެހިކަލް ބުރެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ހަރަކާތް ފެށުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަހުގެ ހަވީރު 16:15 ގައި ފުވައްމުލަކު ބަނދަރު ސަރަހައްދުގައެވެ.

ފަލަސްތީނު މިނިވަންކުރުމަށް ގޮވާލައި ބާއްވާ ބޮޑު ރެލީއެއް އައްޑޫ ސިޓީގައި ހަމަ ހުކުރު ދުވަހުގެ ހަވީރު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ރެލީ ފެށުމަށް ހަމަޖެހިފައިވަނީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް ކައިރިން ހަވީރު 16:00 ޖަހާއިރުއެވެ.

މީގެ އިތުރުންވެސް ރާއްޖޭގެ އެކި ރަށްރަށުގައި ފަލަސްތީނުގެ ރައްޔިތުންނަށް ވަކާލާތުކޮށް، އެމީހުންގެ ޙައްޤުގައި އަޑުއުފުލުމުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!