ދުވާފަރުން ފީނަން ފޭބި މީހަކު މަރުވެއްޖެ

ރ. ދުވާފަރުން ފީނަން ގޮސް އުޅުނު މީހަކު މަރުވެއްޖެއެވެ.
ދުވާފަރު ކައުންސިލް މެންބަރަކު "ދެން އޮންލައިން" އަށް މަޢުލޫމާތު ދެމުން ވިދާޅުވީ މަރުވެފައި ވަނީ ރ. ދުވާފަރު/ ޗާންދަނީ ވިލާ، 51އ އިސްމާއިލް މޫސާ ކަމަށެވެ.
އިސްމާއިލް މަރުވެފައި ވަނީ ދުވާފަރު ކައިރީގައި އޮންނަ ''ޔޫ އެންޑް މީ'' ކިޔާ ރިސޯޓެއް ކައިރިއަށް ފީނަން ގޮސްގެން އުޅެނިކޮށް ގެނބިގެން ކަމަށް ކައުންސިލް މެންބަރު ވިދާޅުވެފައި ވެއެވެ.
އަދި އޭނާ އަކީ ފާނަ މަސްވެރިކަން ކޮށްއުޅޭ ފަރާތެއް ކަމަށް ކައުންސިލް މެންބަރު ވިދާޅުވެފައި ވެއެވެ.
މީގެ އިތުރުން މި ހާދިސާއާއި ގުޅޭގޮތުން ފުލުހުން ދެންމެ ބުނީ ރ. "ޔޫ އެންޑް މީ" ރިސޯޓު ކައިރިއަށް ފީނަން ފޭބި 51 އަހަރުގެ ދިވެހި ފިރިހެނަކު ހަބަރު ހުސްވެގެން އުނގޫފާރު ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމުގެ މަޢުލޫމާތު މިއަދު މެންދުރު 14:12 އެހާ ކަންހާ އިރު ލިބިފައިވާ ކަމަށެވެ.
އޭނާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށް އުނގޫފާރު ހޮސްޕިޓަލާއި ހަވާލާދީ ފުލުހުން ބުނެފައި ވެއެވެ.