ޚަބަރު

އަޅުގަނޑު މަގުމަތިކޮށް ބާކީކޮށް ހުރުމަކީ ރައީސް ޞާލިޙާއި ކޯލިޝަން ސަރުކާރުން ލަދުގަންނަން ޖެހޭނެ ކަމެއް: ޝިދާތާ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ޖެންޑާ އެންޑް ފެމިލީ މިނިސްޓަރު ކަމުގެ މަގާމުން އިސްތިއުފާ ދިންތާ މިއަދަށް އެއް އަހަރު ވެފައިވާ ކަމަށާއި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން އޭނާ މަގުމަތިކޮށް ބާކީކޮށްފައި ބެހެއްޓުމުން ލަދުގަންނަން ޖެހޭނެކަމަށް ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފު ވިދާޅުވެއްޖެއެވެ.

Ads by STELCO

އެމަޤާމުން އިސްތިއުފާ ދިން ފަހުން އެއް އަހަރު ފުރިފައިވާކަން މިއަދު ހަނދާން އާކުރައްވަމުން ޝިދާތާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސިޔާސީ ހަލަބޮލި ކަމުގެ ތެރެއިން މި ސަރުކާރު ގެންނަން އެންމެ ބުރަ މަސައްކަތް ކުރެއްވި އެކަކަށް އޭނާ ވެވަޑައިގަންނަވާނެ ކަމަށާއި މި ސަރުކާރު ގެނައީ އަނިޔާވެރިކަން ނިމުމަކަށް ގެނެސް އިންސާފު ގާއިމު ކުރަން ކަމަށެވެ.

"އެހެނަސް އަމިއްލައަށް ގެނައި ސަރުކާރުގެ އެންމެ ބޮޑު ބޭއިންސާފަކާއި ހިތްދަތިކަމަކާ ކުރިމަތިލީ މީހަކަށް އަޅުގަނޑު ވާނެ. ކޯލިޝަން ހުރިހާ ޕާޓީއެއްގެ ލީޑަރުންގެ ޙައްޤުގައި ބިރެއްނެތި ވަކާލާތު ކުރިން. މިއަދު އަޅުގަނޑު މަގުމަތިކޮށް ބާކީކޮށް ހުރުމަކީ ރައީސް ޞާލިޙު ހިމެނޭހެން ކޯލިޝަންގެ ހުރިހާ ލީޑަރުން ލަދުގަންނަންޖެހޭ ކަމެއް" ޝިދާތާ ވިދާޅުވިއެވެ.

ޝިދާތާ ވިދާޅުވީ އެހެންނަމަވެސް ސިޔާސީ ގޮތުން ފަހަތަށް ޖެހިވަޑައިގަތުމުގެ ވިސްނުމެއް ނެތް ކަމަށެވެ.

ޝިދާތާ އިސްތިއުފާ ދެއްވާފައިވަނީ ކުޑަ ކުދިންނާ ގުޅޭ ގިނަ މައްސަލަތަކުގައި އިހުމާލުވެ ވަޑައިގެންނެވި ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ ގިނަ މެންބަރުން އޭނާ އިސްތިއުފާ ދެއްވުމަށް ގޮވާލާފައި ވަނިކޮށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!