ކޮލަމާފުށީ 'ރާސްތާ' ދޯނިން ހަތް ޓަނު މަހުގެ ފައިސާ ޣައްޒާ ފަންޑަށް ހަދިޔާކޮށްފި
ގއ. ކޮލަމާފުށީ 'ރާސްތާ' ދޯނިން ހަތް ޓަނު މަހުގެ ލާރި ފަލަސްތީނުގެ ޣައްޒާގައި ހާލުގައި ޖެހިފައިވާ މުސްލިމުންނަށް އެހީވުމަށް ހުޅުވާފައިވާ ފަންޑަށް ހަދިޔާކޮށްފި އެވެ.
ރާސްތާ ދޯނިން ޣައްޒާ ފަންޑަށް ހަދިޔާ ކޮށްފައި ވަނީ ލައްކަ އަކަށް ވުރެ ގިނަ ފައިސާއެވެ.
މިކަން ހާމަކޮށް ރާސްތާ ދޯނީގެ ކެޔޮޅު ރަޒީން ހުސެން "ދެން އޮންލައިން" އަށް މަޢުލޫމާތު ދެމުން ބުނީ ރާސްތާ ދޯނިން ޣައްޒާ ފަންޑަށް ހަދިޔާކޮށްފައި ވަނީ 127،433 ރުފިޔާ ކަމަށެވެ.
އަދި މިއީ އެ ދޯނިން ބުރާސްފަތި ދުވަހު ބޭނުނު ހަތް ޓަނު މަހުގެ ލާރި ކަމަށް އެ ދޯނީގެ ކެޔޮޅު ބުނެފައި ވެއެވެ.
މީގެ އިތުރުން ރާސްތާ ދޯނީގެ ފަރާތުން މިހާރު އެ ފައިސާ ވަނީ ފަލަސްތީނު ފަންޑަށް ހަދިޔާކުރުމަށް ޓަކައި ކޮލަމާފުށީ ކައުންސިލާއި ހަވާލުކޮށްފައި ކަމަށް ރާސްތާ ދޯނީގެ ކެޔޮޅު ބުނެފައި ވެއެވެ.
އިޒްރޭލުން މި މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން މެދުކެނޑުމެއްނެތި ފަލަސްތީނުގެ ޣައްޒާއަށް ދެމުންގެންދާ ލާއިންސާނީ ހަމަލާތަކުގައި ފަލަސްތީނުގެ 4000 ހާ ރައްޔިތުން ޝަހީދުވެފައި ވާއިރު އެތަށް ބަޔެއްގެ ގެދޮރު ގެއްލި ހަމަލާތަކުގައި ޒަހަމްވެފައިވާ މީހުންގެ އަދަދުވެސް 4000 ގާތް ކުރާނެއެވެ.
ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ މުސްލިމުންނަށް ފައިސާގެ އެހީ ތެރިކަން ފޯރުކޮށްދިނުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަންނަނީ ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ. މީގެ އިތުރުން އިޒްރޭލުގެ އަމަލުތައް ކުށްވެރިކޮށް، ދިވެހި ސަރުކާރުން ދަނީ ބައިނަލްއަޤްވާމީ މައިދާނުގައި ފަލަސްތީނަށް ދެމުންގެންދާ ހަމަލާތައް ހުއްޓާލުމަށް ގޮވާލަމުންނެވެ.