އަނާރާ މި ފަހަރު ވެސް މަޖިލީހުގެ އިންތިޚާބުގައި ވާދަ ކުރައްވަން ނިންމަވައިފި

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހަށް ވާދަކުރުމަށް ދީނީ ޢިލްމުވެރިޔާ ޑރ.އަނާރާ ނަޢީމް ނިންމަވައިފިއެވެ.
އަނާރާ ނަޢީމް މީގެ ކުރިން ވަނީ މަޖިލީހުގައި، ހދ.މަކުނުދޫ ދާއިރާ ތަމްސީލު ކުރައްވައިފައެވެ.
އެކަމަނާ އަކީ އަދާލަތު ޕާޓީގެ މެންބަރެއްގެ ގޮތުގައި މިހާތަނަށް މަޖިލިސް ތަމްސީލްކުރެއްވި ހަމައެކަނި މެންބަރެވެ.
ރިޔާސީ އިންތިޚާބުގެ ކުރިން އަނާރާ ވަނީ އަދާލަތު ޕާޓީން ވަކިވެވަޑައިގެންފައެވެ. އެކަމަނާ ފަހުން ވަނީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒަށް ތާޢީދުކުރައްވައި، އެމަނިކުފާނުގެ ރިޔާސީ ކެމްޕެއިނުގައި ބައެއް ރަށްރަށަށް ވެސް ވަޑައިގެންފައެވެ.
އަނާރާ ވަނީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ވެސް ވާދަ ކުރައްވައިފައެވެ. ނަމަވެސް އެކަމަނާއަށް އެ ފަހަރު ކާމިޔާބެއް ނުވިއެވެ.
އަންނަ އަހަރުގެ ކުރީކޮޅު ބާއްވާ މަޖިލިސް އިންތިޚާބުގައި، އަލަށް އިތުރުވި ހަ ދާއިރާއާއިއެކުގައި 93 މެމްބަރުން އިންތިޚާބު ކުރަން ރައްޔިތުން ވޯޓުލާނެއެވެ. މި ފަހަރުގެ އިންތިޚާބަށް ގިނަ ބަޔަކު ދަނީ ޝައުގުވެރިކަން ފާޅުކުރަމުންނެވެ.