ޚަބަރު ސިޔާސީ

ހައިކޯޓުގެ އިސް ފަނޑިޔާރަަކަށް ޝަހީދު, ސިވިލް ކޯޓުގެ އިސްޤާޒީއަކަށް މަރިޔަމް ވަޙީދާ އައްޔަނުކުރުމަށް ނިންމައިފި

ޢާއިޝަތު އިނާޝް ، ދެން އޮންލައިން

ހައިކޯޓުގެ އިސް ފަނޑިޔާރުކަމަށް އެކޯޓުގެ ފަނޑިޔާރު ޙުސައިން ޝަހީދު އައްޔަނުކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

Ads by MWSC

އިއްޔެ އެ ކޮމިޝަނުން ބޭއްވި ބައްދަލުވުމެއްގައި ހައިކޯޓުގެ އިސް ފަނޑިޔާރުކަމަށް ޝަހީދު އަދި ސިވިލް ކޯޓުގެ އިސްޤާޒީކަމަށް މަރިޔަމް ވަޙީދު އައްޔަނުކުރުމަށް ނިންމާފައިވާކަމަށް އެ ކޮމިޝަނުން ނެރުނު ބަޔާނެއްގައި ވަނީ ބުނެފައެވެ.

2018 ވަނަ އަހަރު ހައިކޯޓުގެ ފަނޑިޔާރަކަށް އައްޔަނުވުމުގެ ކުރިން، ޝަހީދު ވަނީ ސ. ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓުކަމާއި، ނ.ހޮޅުދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމާއި، ކްރިމިނަލް ކޯޓުގެ ޤާޟީކަން ކުރައްވާފައެވެ. ޝަހިދު ފަނޑިޔާރުކަމުގެ ހުވާކުރައްވާފައިވަނީ 2014 ވަނަ އަހަރުގައެވެ.

ޝަހިދަކީ ޝަރިޢާ އެންޑް ލޯ އިން ބެޗެލާސް ޑިގްރީ ހާސިލުކުރައްވާފައިވާ އަދި ކުއްލިއްޔަތުލް ދިރާސާތުލް އިސްލާމިއްޔާއިން މާސްޓާސް އޮފް ޖުޑީޝަލް ސައިންސް އެންޑް ޝަރީޢާ ޕޮލިސީ ކިޔަވާވިދާޅުވެފައިވާ ބޭފުޅެކެވެ.

2013 ޖަނަވަރީ 8 ވަނަ ދުވަހު ފަނޑިޔާރުކަމުގެ ހުވާކުރައްވާފައިވާ މަރިޔަމް ވަޙީދާއަކީ ވިލާ ކޮލެޖުން މާސްޓާސް އޮފް ޝަރީޢާ އަދި މޯލްޑިވްސް ކޮލެޖް އޮފް ހަޔާ އެޑިއުކޭޝަންއިން ބެޗެލާސް އޮފް ލޯސް ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.

2016 ވަނަ އަހަރު ސިވިލް ކޯޓުގެ ޤާޒީއަކަށް އައްޔަނުކުރުމުގެ ކުރިން އެކަމަނާ ވަނީ ކ. ގާފަރު މެޖިސްޓްރޭޓް ކޯޓާއި ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަން ކުރައްވާފައެވެ.

ސިވިލް ކޯޓުގައި ހުންނަވައިގެން ކުރެއްވި ހުކުމަކާއި ގުޅިގެން އެކަމަނާގެ ފަނޑިޔާރުކަމުގެ ހައިސިއްޔަތު ގެއްލިއްޖެ ކަމަށް ބުނެ، ސުޕްރީމް ކޯޓުން ވަނީ 2017 ވަނަ އަހަރު އަމުރެއް ނެރެފައެވެ. ނަމަވެސް 2018 ވަނަ އަހަރު ސުޕްރީމް ކޯޓުން ވަނީ އެ ޙުކުމް ބާތިލްކޮށް، ވަޒީފާއަށް ނުކުތުމަށް އަންގާފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!