ކޮވިޑް ޖެހިގެން ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދު އިތުރުވާތީ ސިއްހީ ހިދުމަތްތެރިން ހޯދަނީ
ރާއްޖެއިން ކޮވިޑް19 އަށް ފައްސިވާ މީހުންގެ އަދަދު އިތުރުވެ، އެޑްމިޓްކޮށް ފަރުވާ ދޭން ޖެހޭ މީހުން ގިނަވާތީ، ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި ހިދުމަތް ކުރުމަށް ސިއްހީ ހިދުމަތްތެރިން ހޯދަން ހެލްތު މިނިސްޓްރީން އިއުލާނު ކޮށްފިއެވެ.
ހެލްތު މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ބުނީ ކޮވިޑް-19 އާއި ގުޅިގެން ހެލްތު އިމެޖެންސީ ސެންޓަރުގައި އަދި ކޮވިޑްގެ ބަލި މީހުންނަށް ސިއްހީ ހިދުމަތް ދިނުމުގައި މަސައްކަތް ކުރުމަށް މެޑިކަލް އޮފިސަރުންނާއި، ނަރުހުން އަދި ހެލްތު ވޯކަރުން ބޭނުންވާ ކަމަށެވެ.
އެހެންކަމުން މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 31 ގެ ކުރިން އީމެއިލް މެދުވެރިކޮށް ފޮނުވުމަށް ވަނީ އަންގާފައެވެ. އަދި އީމެއިލް ކުރައްވާއިރު ލައިސަންސް އަދި ރަޖިސްޓްރޭޝަން ފޮނުވުމަށް ވަނީ އެދިފައެވެ.
ސިއްހީ ހިދުމަތްތެރިން ހޯދަން މިނިސްޓްރީން އިއުލާންކުރިއިރު، ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މާލެ ސަރަހައްދުގައި އަންނަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ. އެގޮތުން އިއްޔެ އެކަނި ވެސް މި ބައްޔަށް ރާއްޖެއިން ވަނީ 133 މީހަކު ޕޮޒިޓިވް ވެފައެވެ.
ރާއްޖެއިން މިހާތަނަށް 6،000 އަށް ވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު، 4297 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މިހާރު ފަރުވާ ދެމުން އަންނަނީ 2588 މީހުންނެވެ.