ޚަބަރު

4،000 ފްލެޓް ދޭން ހަމަޖެހިފައިވަނީ ޕޮއިންޓް ލިބުނު ތަރުތީބުން: ހައުސިން މިނިސްޓްރީ

ރައުފާ ރަޝީދު ، ދެން އޮންލައިން

'ގެދޮރުވެރިޔާ' ސްކީމުގެ ދަށުން ފުރަތަމަ 4،000 ފްލެޓް ދޭނީ ޕޮއިންޓް ލިބުނު ތަރުތީބުން ކަމަށް ހައުސިންގެ ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީން މިއަދު ވިދާޅުވެއްޖެއެވެ.

Ads by STELCO

އަކްރަމް ވިދާޅުވީ އަންނަ އާދިއްތައިގެ ކުރިން ދާއިމީ ލިސްޓު އާންމުކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެ ލިސްޓުގައި ހިމެނޭ ފަރާތްތަކަށް ދީފައިވާ ޕޮއިންޓު ވެސް ފެންނަން ހުންނާނެ ކަމަށެވެ.

އަދި ފްލެޓް ދޫކުރާނީ އެންމެ މަތިން ޕޮއިންޓް ލިބިފައިވާ މީހުންނަށް ކަމަށާއި، ފްލެޓް ލިބޭ މީހުންގެ ލިސްޓް މިމަހުގެ 5 ވަނަ ދުވަހުގެ ކުރިން އާންމު ކުރާނޭ ކަމަށް އަކްރަމް ވިދާޅުވިއެވެ.

އަކްރަމް މިފަދައިން ވިދާޅުވީ މިސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޭން ނިންމާފައިވާ 4،000 ފްލެޓް އެއްވެސް އުސޫލެއްނެތި ބަހަން އުޅޭކަަމަށް ތުހުމަތުކޮށް އޭސީސީއަށް މިއަދު އަމިއްލަ ފާރާތަކުން މައްސަލަ ހުށަހެޅުމާއި ގުޅިގެންނެވެ.

އޭސީސީއަށް މިއަދު ހުށަހެޅި މައްސަލާގައި ބުނެފައިވަނީ، ފްލެޓް ލިބުނު ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތް މިހާތަނަަށްވެސް ސަރުކާރުން ހާމަކޮށްފައި ނުވާކަމަށެވެ. އަދި  ފްލެޓް ހަވާލުކުރާނީ ލިބޭ ފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތަށް ބަލާފައިކަމަށް ބުނެފައިވި ނަމަވެސް ސަރުކާރުގެ ކަމާއި ގުޅުންހުރި އިދާރާތަކުން އެކަން ކޮށްފައި ނުވާކަމަށާއި، އަދި އެކަމަށް މިހާރު ވަގުތުވެސް ނެތްކަމަށް ވެސް އެ މައްސަލާގައި ބުނެފައިވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!