ކޮވިޑް-19: ފަލަކޮށް ތިބޭ ފިރިހެނުންނަށް މިބަލީގައި އޮތް ނުރައްކާ މާބޮޑު ކަމަށް ދިރާސާތަކުން ދައްކައިފި
ކޮވިޑް-19 ގެ ބަލިމަޑުކަން މުޅި ދުނިޔެއަށް ފެތުރިފައިވާއިރު މިބަލިން ރައްކާތެރިވުމުގެ ގޮތުން ކުރެވެން ހުރި ހުރިހާ ކަމެއް ކޮންމެ މީހަކުވެސް ކުރުން ބުއްދިވެރިއެވެ.
އެގޮތުން މިބަލިން ރައްކާތެރިވުމުގެ ގޮތުން އެޅިދާނެ ފިޔަވަޅުތަކާއި ބެހޭގޮތުންނާއި ބަލީގެ ނުރައްކާތެރިކަމާއި ބެހޭގޮތުން ވެސް ސިއްޙީ މާހިރުން ގެންދަނީ ދުވަހުން ދުވަހަށް އިރުޝާދުތައް ދެއްވަމުންނެވެ.
މިފަދައިން ސިއްޙީ މާހިރުން ކޮށްފައިވާ ބައެއް ދިރާސާތަކުން ބުނެފައިވަނީ ހަށިގަނޑުން ފަލަކޮށް ތިބޭ ފިރިހެނުންނަށް މިބަލިޖެހުމުން އޮތް ނުރައްކާ ފަލަކޮށް ތިބޭ އަންހެނުންނަށް ވުރެ ބޮޑު ކަމަށެވެ. މިފަދައިން ނުރައްކާ ބޮޑުވަނީ ހަމައެކަނި އުމުރުން ދުވަސްވެފައިތިބި ފަލަ ފިރިހެނުންނަށް އެކަންޏެއް ނޫން ކަމަށް ކޭސަރ ޕޭމަނަންޓޭ ސަދަން ކެލިފޯނިއާ ހެލްތު ސިސްޓަމުން ކޮށްފައިވާ ދިރާސާއެއްގައި ބުނެފައިވެއެވެ.
ކޮވިޑް-19 ޖެހޭ ފަލަމީހުންނަށް އޮތް ނުރައްކާ ދިރާސާ ކުރުމުގެ ގޮތުން، އެރިސާޗަރުން ވަނީ 7000 ވަރަކަށް މީހުން ތަހުލީލުކޮށްފައެވެ.
ގިނަ ތަހުލީލުތަކަކަށްފަހު އެރިސާޗަރުންނަށް އެނގިފައިވަނީ އުމުރުން 60 އަހަރަށްވުރެ ދަށް، އެހެންނަމަވެސް ފަލަކޮށް ތިބޭ ފިރިހެނުންނަށް މިބަލި ޖެހުމުން ނުރައްކާތެރިކަން ބޮޑު ކަމެވެ.
މިފަދައިން ފަލަކޮށް ތިބޭ ފިރިހެނުން، މިބަލީގައި މަރުވުމުގެ ފުރުސަތު ބޮޑު ކަމަށް ވެސް ރިސާޗަރުން ބުނެފައިވެއެވެ.
ޖޯން ހޮޕްކިންސް ޔުނިވާސިޓީގެ ކާޑިއޮލޮޖިސްޓް ޑރ. ޑޭވިޑް އޭ.ކާސް ބުނެފައިވަނީ ކޮވިޑް-19 ޖެހޭ ފިރިހެނުންނަށް މިބަލީގައި ނުރައްކާތެރިކަން ބޮޑުވެފައިވާ ސަބަބު އަދި ހޯދިފައި ނުވާ ކަމަށާއި އެދިރާސާ އިތުރަށް ކުރަމުންދާ ކަމަށެވެ.
"މީގެ މާނައަކީ ފަލަކޮށް ތިބޭ އަންހެނުންނަށް އެއްވެސް ނުރައްކަލެއް ނެތެކޭ ނޫން. އަހަރުމެންގެ ނަސޭހަތަކީ ތިމާއަކީ ފަލަ މީހެއްނަމަ، ގޭގައި ތިބެގެން ވިޔަސް ކަސްރަތުކޮށް، ބަރުދަން ލުއިކުރުން" ޑރ. ޑޭވިޑް ބުނެފައިވެއެވެ.
މަސްދަރު: އިންޑިއާޓައިމްސް