މަޤާމުގެ ހުވާ ކުރެއްވުމުގެ ކުރިންވެސް އިންތިހާބީ ރައީސް މަސައްކަތް ފައްޓަވައިފި, ކުރިޔަށް އޮތީ ދިވެހީންނަށް އުފާވެރި ދުވަސްތަކެއް: ޝިޔާމް

މަޤާމުގެ ހުވާ ކުރެއްވުމުގެ ކުރިންވެސް އިންތިހާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު މަސައްކަތް ފައްޓަވައިފި ކަމަށާއި ކުރިޔަށް އޮތީ ދިވެހީންނަށް އުފާވެރި ދުވަސްތަކެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ޝިޔާމް މިފަދައިން ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ނިންމަން ބޭނުންވާ 80 މިލިއަން ޑޮލަރު ނުވަތަ 1.2 ބިލިއަން ރުފިޔާ ހަމަޖައްސައިދިނުމަށް ޔޫއޭއީގެ ސަރުކާރުން ނިންމާފައިވާ ކަމަށް އިންތިހާބީ ރައީސްގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް މިއަދު ވިދާޅުވުމާއި ގުޅިގެންނެވެ.
މިކަމާއި ގުޅިގެން ޝިޔާމް ވިދާޅުވީ މަޤާމުގެ ހުވާ ކުރެއްވުމުގެ ކުރިންވެސް އިންތިޚާބީ ރައީސް ފެންނަނީ ޤައުމުގައި އިޤްތިޞާދީ ދުވެލި މަޑުޖެހިފައި ހުރި ބޮޑެތި ކަންކަމަށް ހައްލު ހޯއްދަވާ ރައްޔިތުންގެ ފުދުންތެރިކަން އިތުރުކުރެއްވުމަށް މަސައްކަތްޕުޅު ކުރައްވާތަން ކަމަށެވެ. އަދި ކުރިޔަށް އޮތީ ދިވެހީންނަށް އުޖާލާ ދުވަސްތަކެއް ކަމަށް ޝިޔާމް ވިދާޅުވިއެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ މަޝްރޫއު 2024 ގެ ސެޕްޓެމްބަރަށް ނިންމާނެ ކަމަށް މީގެ ކުރިން އިންތިހާބީ ރައީސް ޑރ. މުހައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.