ބާސާގެ ސަޕޯޓަރުން ރޮއްވާލުމަށްފަހު، ކުލަބު ދޫކޮށް ދިއުމަށް މެސީ ނިންމައިިފި
ދުނިޔޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިޔާ ލިއޮނަލް މެސީ އޭނާ އެންމެ ކުރިންސުރެން ކުޅެމުން އަންނަ ކުލަބު ސްޕެއިންގެ ބާސެލޯނާ ދޫކޮށްލަން ބޭނުންވާކަމަށް އެ ކުލަބުގެ މެނޭޖްމަންޓުގައި އެދެފިއެވެ.
މެސީ ކުލަބު ދޫކޮށް ދާން ނިންމައި އެކަން ކުލަބަށް ވެސް އަންގާފައިވާ ކަމަށް ބޭރުގެ ގިނަ މީޑިއާތަކަކުން ރިޕޯޓް ކުރެއެވެ. އެގޮތުން މެސީ ބާސާގެ މެނޭޖްމަންޓަށް ފޮނުވި ފެކުހެއްގައި އެދިފައިވަނީ މި ސީޒަން ނިމުމުން އެ ކުލަބު ދޫކޮށްލެވޭ ގޮތަށް އޭނާގެ ކޮންޓްރެކްޓް ބަދަލު ކޮށްދިނުމަށް ކަމުގައި މީޑިއާ ރިޕޯޓް ތައް ބުނެއެވެ. ބާސެލޯނާ އިން މިހާރު މެސީއާއި އެކު ހަދާފައިވާ ކޮންޓްރެކްޓް ހަމަ ވާނީ އަންނަ ސީޒަން ނިމުމުންނެވެ. ނަމަވެސް މެސީ އެދިފައިވަނީ މި ސީޒަން ނިމުމުން ޓްރާންސްފާ މާކެޓުގައި ހިލޭ އެކުލަބު ދޫކޮށް ދިއުމަށެވެ.
ލިއޮނަލް މެސީ ބާސެލޯނާގެ ޖާރޒީއިން އެންމެ ފުރަތަމަ ފެނިފައިވަނީ 2001 ވަނަ އަހަރު އެ ކުލަބުގެ ޔޫތު ޓީމުތަކުންނެވެ. އަދި އެއަށް ފަހު 2004 ވަނަ އަހަރު މެސީ ވަނީ ބާސެލޯނާގެ ސީނިއާރ ޓީމަށް ކުޅެން ފަށާފައެވެ. މެސީގެ މުޅި ކެރިއަރު މިހާތަނަށް ހޭދަ ކޮށްފައި ވަނީ ބާސެލޯނާގައެވެ.
ބޭރުގެ މީޑިއާތަކުން ބުނާ ގޮތުގައި މެސީ ބާސެލޯނާ ދޫކޮށް ދިއުމަށް ނިންމީ ނިމިދިޔަ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި ބަޔާން މިއުނިކްގެ އަތުން 8-2ގެ ތަފާތު ބޮޑު ނަތީޖާ އަކުން ބަލިވުމާ ގުޅިގެންނެވެ. އެ މެޗަށްފަހު ބާސެލޯނާއިން ވަނީ އެ ޓީމުގެ އޭރުގެ ކޯޗު ސެޓިއަން ވެސް މަގާމުން ވަކި ކޮށްފައެވެ.
މެސީ ބާސެލޯނާ ދޫކޮށް ދިއުމަށް ޓީމުގެ މެނޭޖްމަންޓުގައި އެދުނު ނަމަވެސް މެސީ ދޫކޮށްލުމާމެދު ބާސެލޯނާގެ މެނޭޖްމަންޓުން އަދި ގޮތެއް ނިންމާފައެއް ނުވެއެވެ. ބާސެލޯނާގެ ރައީސް ކުރިން ބުނެފައިވަނީ މެސީ އޭނާގެ ކެރިއަރު ނިމެންދެން ބާސެލޯނާގައި މަޑު ކުރާނެ ކަމަށެވެ.
މި ޚަބަރަކީ ހަމަ ގައިމުވެސް ބާސެލޯނާގެ އެތައް ސަޕޯޓަރުންނެއް ރޮއްވާލާނޭ ޚަބަރެއް ކަން ގައިމެވެ.