ޗައިނާގެ ޖާސޫސީ ފުއްޕާހަމެއް ތައިވާނު ހުރަސްކޮށްފި

ޗައިނާގެ ޖާސޫސީ ފުއްޕާހަމެއް ޓައިވާނުގެ ސްޓްރެއިޓް މީޑިއަން ލައިން މަތިން ހުރަސްކޮށްފައިވާ ކަމަށް ތައިވާންގެ އަސްކަރީ ވުޒާރާއިން ބުނެފިއެވެ.
ތައިވާނުގެ އަސްކަރީ ވުޒާރާއިން ބުނީ ފުއްޕާހަން ފެނިފައިވަނީ އެ ޤައުމުގެ އުތުރުގެ ސިޓީއެއް ކަމަށްވާ ކީލަންގްގެ ހުޅަނގު ދެކުނުން 101 ނޯޓިކަލް މޭލު ބޭރުން ކަމަށެވެ. އަދި ގާތްގަނޑަކަށް ގަޑިއެއްހާއިރު ދަތުރުކުރުމަށްފަހު ފުއްޕާހަން ގެއްލުނު ކަމަށްވެސް އަސްކަރީ ވުޒާރާއިން ބުނެއެވެ. އެފަދަ ފުއްޕާހަމަކީ ޖާސޫސްކުރުމަށް ބޭނުންކުރާ އާލާތެއްކަމަށް ޝައްކުކުރެއެވެ.
ފުއްޕާހަން ހުރަސްކޮށްފައި ވަނީ ތައިވާނުގެ ރިޔާސީ އިންތިޚާބު ބޯމަތިވެފައި އޮއްވައެވެ. ތައިވާނުގެ ރިޔާސީ އިންތިޙާބު ބާއްވަން ހަމަޖެހިފައި ވަނީ އަންނަ ޖެނުއަރީ މަހު 13 ވަނަ ދުވަހުއެވެ. އިޤްޠިޞާދީ ނުވަތަ އަސްކަރީ ބާރު ބޭނުންކޮށްގެން އިންތިޙާބުތަކަށް ނުފޫޒު ފޯރުވުމަށް ޗައިނާއިން މަސައްކަތްކުރާ ކަމަށް ތައިވާނުން އަބަދުވެސް ތުޙުމަތު ކުރެއެވެ.
ޗައިނާއިން ޤަބޫލުކުރާ ގޮތުގައި ތައިވާނަކީ ޗައިނާގެ ބައެކެވެ. ފާއިތުވި ހަތަރު އަހަރު ތެރޭގައި ޗައިނާއިން ވަނީ ތައިވާނާ ދެކޮޅަށް އަސްކަރީ ގޮތުން ފިއްތުންތައް އިތުރުކޮށްފައެވެ. ތައިވާންގެ ޖަޒީރާ ރަށަކަށް މިއަހަރު ކުރީކޮޅުވެސް ވަނީ ޗައިނާގެ ފުއްޕާހަމެއް ވެއްޓިފައެވެ. ނަމަވެސް އެއީ މޫސުން މޮނިޓަރ ކުރުމަށް ބޭނުންކުރި ފުއްޕާހަމެއް ކަމަށާއި އޭގައި އެއްވެސް ކަހަލަ ރެކޯޑު ކުރާ އަދި ވީޑިއޯ ކުރާ ސާމާނެއް ނެތް ކަމަށް ތައިވާނުގެ އަސްކަރީ ވުޒާރާއިން އޭރު ވަނީ ބުނެފައެވެ.