ޚަބަރު

ރައްޔިތުންނާ ގާތުން މަސައްކަތް ކުރެއްވުމަށް ދުންޔާ ހުޅުމާލެ މެދު ދާއިރާއަށް!

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އަންނަ އަހަރު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ހުޅުމާލެ ދެކުނު ދާއިރާގެ ގޮނޑީގެ ޕީޕީއެމް/ ޕީއެންސީ ޓިކެޓަށް ވާދަކުރައްވަން ދުންޔާ މައުމޫން ނިންމަވައިފިއެވެ.

Ads by MWSC

މިއަދު ދުންޔާ ވަނީ ޕްރައިމަރީގައި ބައިވެރިވާން ފޯމް ހުށަހަޅުއްވާފައެވެ. ދުންޔާކީ ރާއްޖޭގެ ތާރީޚްގައި ފޮރިން މިނިސްޓަރުކަން ކުރެއްވި ފުރަތަމަ ކުރެއްވި ކަނބަލެވެ.

ދުންނާއަކީ ސޯޝަލް އެންތްރޮޕީ ދާއިރާއިން ކޭންބްރިޖުން ތައުލީމް ހާސިލް ކުރައްވާފައިވާ ކަނބަލެކެވެ. އޭގެ ފަހުން ލަންޑަން ސްކޫލް އޮފް އިކޮނޮމިކްސް އިން މާސްޓާސް ހާސިލް ކުރެއްވިއެވެ. ދުންޔާ މައުމޫންގެ ސިޔާސީ މަސައްކަތް ފައްޓަވާފައިވަނީ 1998ވަނަ އަހަރުއެވެ. އޭރު އެކަމަނާ މަސައްކަތް ކުރެއްވީ ޔުނައިޓެޑް ނޭޝަންސް ޕޮޕިއުލޭޝަން ފަންޑުގައެވެ.

ސިޔާސީ މަސައްކަތަަށް ބަލާލާއިރު, އެންމެ ފަހުން ހުންނެވީ އެމްއެންޕީގައެވެ. އެ ޕާޓީ ދޫކުރައްވާ ޕީއެންސީއަށް ސޮއި ކުރެއްވީ ރިޔާސީ އިންތިޚާބުގެ ދުވަސްވަރުގައެވެ. އޭގެ ކުރިން އެކަމަނާ މަސައްކަތް ކުރެއްވީ އުމަރު ނަސީރާއެކުގައެވެ. ރައީސް ޔާމީންގެ ދުވަސްވަރު ޕީޕީއެމްގެ ވަރަށް އިސް ސަފުގައި ދުންޔާ މަސައްކަތް ކުރެއްވިއެވެ.

ފޯމް ހުށަހެޅުއްވުމަށްފަހު މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ދުންޔާ ވިދާޅުވީ, އެކަމަނާގެ އަޒުމަކީ ޕްރައިމަރީ އަދި އިންތިޚާބު ކާމިޔާބުކޮށް, ރައްޔިތުންނަށް ޚިދުމަތް ކުރުން ކަމަށެވެ.

އަޅުގަނޑުގެ އުންމީދަކީ މި ދެ އިންތިޚާބު ކާމިޔާބުކޮށް, ދިވެހި ރައްޔިތުންނާއި ޚާއްސަކޮށް ހުޅުމާލޭގެ ރައްޔިތުންނާ ވަރަށް ގާތުން ޚިދުމަތް ކުރަން ފުރުސަތު ލިބުން" ދުންޔާ ވިދާޅުވިއެވެ.

ދުންޔާ އިތުރަށް ވިދާޅުވީ, ހުޅުމާލޭ ޕްރޮޖެކްޓަކީ އެކަމަނާގެ ބައްޕާފުޅުގެ މުހިންމު ޕްރޮޖެކްޓެއް ކަމަށާއި, އެ ދާއިރާއަށް ކުރިމަތި ލެއްވީ ދާއިރާގައި މުހިންމު މަސައްކަތްތަކެއް ރައްޔިތުންނަށް ގުޅިގެން ކުރެއްވުމަށް ކަމަށެވެ.

"ހުޅުމާލެއަކީ އަޅުގަނޑުގެ ބައްޕަ, ރާއްޖެއަށް ގެނައި ތަރައްޤީގެ ވަރަށް މުހިންމު އެއް މަޝްރޫޢު" ދުންޔާ ވިދާޅުވިއެވެ.

ހުޅުމާލެއަކީ ރައީސް މައުމޫންގެ ޒައާމަތުގައި ހިއްކި ބިމެކެވެ. ހުޅުމާލޭ ފޭސް ދޭއް ހިއްކާފައިވަނީ ރައީސް ޔާމިީންނެވެ. އޭގެ ފަހުން ރައީސް ޞާލިޙް ވެސް ވަނީ ހުޅުމާލެއިން ބައެއް ހިއްކަން ފަށާފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!