ރައީސް މުޢިއްޒު މަޤާމުން ވަކިކުރުމަށް ކުރާ މަސައްކަތް ހުއްޓާލަން ޤާސިމް ގޮވާލައްވައިފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މަޤާމުން ވަކިކުރުމަށް ކުރާ މަސައްކަތް ހުއްޓާލުމަށް ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު އަދި ޖުމްހޫރީ ޕާޓީ (ޖޭޕީ) ލީޑަރު ޤާސިމް އިބްރާހިމް ގޮވާލައްވައިފިއެވެ.
އެގޮތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޤާސިމް ވިދާޅުވީ ރައީސް މުޢިއްޒު ހުވާ ކުރެއްވިތާ މާ ގިނަ ދުވަސް އަދި ނުވާ ކަމަށާއި ވަޒީރުންނަށް ރުހުން ދީ ސަރުކާރަށް ފުރުސަތު ދޭންޖެހޭ ކަމަށެވެ.
ހަމަ އެހެންމެ ރައީސް އާއި އެ މަނިކުފާނުގެ ނާއިބު ހުވާ ކުރެއްވިތާ އިއްޔެ މަހެއްވީއިރު ރައީސްގެ ވަޒީރުންނަށް ރުހުން ދޭން ފޮނުވި މައްސަލަ އަށް ވެސް އަދި މަޖިލިސް ތެރެއިން ގޮތެއް ނިމިފައި ނުވާ ކަމަށް ޤާސިމް ވަނީ ފާހަގަކުރައްވާފައެވެ.
ޤާސިމް ވިދާޅުވީ ވަޒީރުންނަށް ރުހުން ދިނުމަކީ ރައްޔިތުންގެ މަޖިލީހުން ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށާއި ރުހުން ދޭން ބަލާލާއިރު މިނިސްޓަރެއްގެ ގައިގައި ހުންނަން ޖެހޭ ޝަރުތުތައް ޤާނޫނުއަސާސީގައި ބަޔާން ވެގެންވާ ކަމަށެވެ.
އެހެންކަމުން އެ ޝަރުތުތައް ފުރިހަމަވާ ނަމަ، ރައީސްގެ ވަޒީރުންނަށް މަޖިލީހުގައި ތިއްބެވި ހުރިހާ ބޭފުޅުން ވެސް ރުހުން ދެއްވަން ޖެހޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ޤާސިމް ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ޤާސިމް ވަނީ އެމްޑީޕީ އަށް ވެރިކަން ނުލިބުމުން، މަޖިލީހުގެ މެޖޯރިޓީ ބޭނުން ކޮށްގެން "ރައީސާއި ނާއިބު ރައީސް ފަސޭހައިން އަޒުލު ކުރެވޭ އިސްލާހު"ފާސް ކުރުމަކީ ލަދުވެތި ކަމެއްކަން ފާހަގަކުރައްވާ އެ މަސައްކަތް ހުއްޓާލުމަށް ގޮވާލައްވާފައެވެ. އަދި މަޖިލީހަށް ފޮނުވާފައިވާ ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ އަވަސް ކުރުމަށްވެސް ޤާސިމް ވަނީ ގޮވާލައްވާފައެވެ.
ރައްޔިތުންގެ ތާއީދުނެތިގެން ތިކިޔަނީ ކީކޭ.. ދައްކަންޖެހޭ ލާރި ހުރީތޯ މީރާއަށް. ޢެންމެ ބާރައް ހަޅޭލެވި އެކަކު… ހެހެހެ. ލާރިލާރި ނުހެއްލޭނެ މިހާރު