ޤުދަުތަރީ ކާރިސާތަކުން ސަލާމަތްކަން ހޯދަން އިންޑިއާއިން އޭއައި ބޭނުން ކުރަނީ
މޫސުމާ ބެހޭ އެންމެ އިސް އޮފިޝަލަކު ވިދާޅުވީ އިންޑިއާއިން އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޓެސްޓު ކުރަމުން ދަނީ މޫސުމީ މޮޑެލްތައް ހެދުމަށް ކަމަށެވެ.
ދުނިޔެ ހޫނުވުމުގެ ސަބަބުން ފާއިތުވި އަހަރުތަކުގައި އިންޑިއާގައި މޫސުމީ ނިޒާމުތަކުގެ ކުރިމަތިލުންތައް އިތުރުވެ، މޫސުން ގޯސްވުމުގެ ހާދިސާތައް އިތުރުވަމުންދާއިރު، މިނިވަން ސެންޓަރ ފޮރ ސައިންސް އެންޑް އެންވަޔަރަންމަންޓުން އަންދާޒާކުރާ ގޮތުގައި މިއަހަރު ގާތްގަނޑަކަށް 3،000 މީހުން ވަނީ މަރުވެފައެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މޫސުމާ ބެހޭ އިދާރާތަކުން އޭއައިއަށް ސަމާލުކަން ދެމުން އަންނައިރު، މިއީ ޚަރަދު ކުޑަކޮށް، ސްޕީޑް ރަނގަޅުކޮށްދޭނެ އަދި އިނގިރޭސިވިލާތުގެ މެޓް އޮފީހުން ބުނާ ގޮތުގައި މޫސުން އަންދާޒާ ކުރުމުގައި އިންގިލާބީ ބަދަލެއް އަންނާނެ މޮޑެލްއެކެވެ.
ހާއްސަކޮށް 1.4 ބިލިއަން މީހުންގެ އާބާދީއެއް އޮންނަ، ފަގީރު އެތައް ބަޔަކު ދިރިއުޅޭ އަދި ދުނިޔޭގައި ދެވަނައަށް އެންމެ ގިނައިން ހަނޑޫ، ހުއިފިލަނޑާ އަދި ހަކުރު އުފައްދާ ގައުމަށް މޫސުން އަންދާޒާ ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ.
އިންޑިއާގެ މީޓިއޮރޮލޮޖިކަލް ޑިޕާޓްމަންޓް (އައިއެމްޑީ) އިން އަންދާޒާ ކުރަނީ ސުޕަކޮމްޕިއުޓަރު ބޭނުންކޮށްގެން މެތަމެޓިކަލް މޮޑެލްތަކަށް ބަލައިގެންނެވެ. ފުޅާކުރެވިފައިވާ އޮބްޒަވޭޝަން ނެޓްވޯކަކާއެކު އޭއައި ބޭނުންކުރުމުން އަގުހެޔޮކޮށް މަތީ ފެންވަރުގެ ފޯކާސްޓް ޑޭޓާ އުފެއްދުމަށް މަގުފަހިވެގެންދާނެއެވެ.
އައިއެމްޑީގެ ހެޑް އޮފް ކްލައިމެޓް ރިސާޗް އެންޑް ސާވިސަސް ކޭއެސް ހޯސަލިކަރް ރޮއިޓާސްއަށް ވިދާޅުވީ އެ ޑިޕާޓްމަންޓުން އުއްމީދު ކުރަނީ އޭއައި ބޭސްޑް ކްލައިމެޓް މޮޑެލްތަކާއި އެޑްވައިޒަރީތަކުން ފޯކާސްޓްތައް ރަނގަޅު ކުރުމަށް އެހީތެރިވުމުގެ ގޮތުން ކަމަށެވެ.