ނިއުޒިލެންޑުގެ މިސްކިތެއްގައި އެތަކެއް މުސްލިމުންނެއް ޝަހީދު ކޮށްލި ބްރެންޓަން، މަރުވަންދެން ޖަލަށް!

ނިއު ޒިލެންޑުގެ ކްރިސްޓްޗާޗް މިސްކިތަށް ބަޑީގެ ހަމަލާތަކެއްދީ، 51 މުސްލިމުން ޝަހީދު ކޮށްލި ބްރެންޓަން ޓެރަންޓު، އެއްވެސް ޕެރޯލެއް ނުލިބި އޭނާގެ އުމުރުގެ ބާކީ ބައި (އޭނާ މަރުވަންދެން) ޖަލުގައި ބަންދު ކޮށްފައި ބެހެއްޓުމަށް އަމުރު ކޮށްފިއެވެ.
އޮސްޓްރޭލިއާ އަށް އުފަން ބްރެންޓަން (27އ.) ވަނީ 51 މުސްލިމުން މަރާލި ކަމަށާއި، 40 މީހަކު މަރާލަން އޭނާ މަސައްކަތް ކުރި ކަމަށާއި ޓެރަރިސްޓު ޢަމަލެއް ހިންގަން މީގެ ކުރިން ވެސް މަސައްކަތް ކުރި ކަމަށް އެއްބަސް ވެފައެވެ. ބްރެންޓަންގެ ވާހަކަ އަޑުއަހާފައި، މިމައްސަލަ ބެއްލެވި ފަނޑިޔާރު ކެމަރަން މެންޑަރ ވިދާޅުވީ، ބްރެންޓަން އަކީ އެއްވެސް އިންސާނިއްޔަތު ކަމެއް ނެތް މީހެއް ކަމަށާއި އޭނާއަށް އެއްވެސް ރަހުމެއް ކުރުމެއް ނެތް ކަމަށެވެ.

މިދިޔަ އަހަރުގެ މާރޗު މަހު ދިން އެހަމަލާގެ ސަބަބުން މުޅި ދުނިޔެއަށް ލިބުނީ ކުއްލި ސިޙުމެކެވެ. މިއީ ނިއު ޒިލެންޑުގެ ތާރީޚުގައި ވެސް މިފަދަ ޓެރަރިސްޓު ހަމަލާއެއް ހިނގި ފުރަތަމަ ފަހަރެވެ.
"ކަލޭ ކުރި ނުބައި ކަންތަކާއި ބަލާފައި، މަރުވަންދެން ޖަލަށްލުމަކީ ވެސް ހަގީގަތުގައި ދެވޭ ލުޔެއް" ކްރިސްޓްޗާޗް ކޯޓެއްގައި މިމައްްސަލަ ބައްލަވަމުން ފަނޑިޔާރު މެންޑަރ މިއަދު ވިދާޅުވިއެވެ.
"އެކަމަކު އެއްވެސް ޕެރޯލެއްވެސް ނުލިބޭ ގޮތަށް ކަލެއަށް ހުކުމް ކުރެވެން މިއަދު އޮތްއިރު، އަހަރެން އެފުރުސަތު ދޫކޮށެއް ނުލާނަމެވެ." ފަނޑިޔާރު ވިދާޅުވިއެވެ.
ޕެރޯލެއް ނުލިބުމުގެ މާނައަކީ، ވަކި މުއްދަތެއް ވަންދެން އެކަނި ޖަލުގައި ހުކުމް ތަންފީޒު ކުރުމަށްފަހު ގައިދީއަށް ޖަލުން މިނިވަންވުމުގެ ފުރުސަތު ބާތިލު ވުމެވެ.
ފަނޑިޔާރު މެންޑަރ ވިދާޅުވެފައިވަނީ މިފަދަ ހުކުމް ތަކަކީ ހަމައެކަނި "އެންމެ ނުބައި މީހުންނަށް އެކަނި" ކުރަން ނިންމާފައިވާ ހުކުމްތަކެއް ކަމަށެވެ