އާޒިމާގެ ރައްދު: ހުކުމް ކުރީ ރީ-ސްޓްރަކްޗަރ ކުރަން އެދިފައި އޮއްވާ
މޯލްޑިވްސް އިސްލާމިކް ބޭންކުން ނަގާފައިވާ ލޯނެއް ނުދައްކާ އޮތުމުން އެއަށްވާ 4.1 މިލިއަން ރުފިޔާ ދެއްކުމަށް އިއްވި ހުކުމަކީ ލޯން ރީސްޓްރަކްޗާ ކުރުމަށް ބޭންކާ އެކު މަޝްވަރާ ކުރަމުންދަނިކޮށް އިއްވި ހުކުމެއް ކަމަށް ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝަކޫރު ވިދާޅުވެއްޖެއެވެ.
ސިވިލް ކޯޓުން އާޒިމާގެ ޣައިރު ހާޒިރުގައި ހުކުމް ކޮށްފައި ވަނީ ޕްލެޓިނަމް ރެސިޑެންސުގެ ފްލެޓެއް ގަތުމަށް އިސްލާމިކް ބޭންކް (އެމްއައިބީ)ން ނަންގަވާފައިވާ ލޯނަކަށް ގަވާއިދުން ފައިސާ ދައްކަވަމުން ނުދާ ކަމަށާއި ޑިމިނިޝިން މުޝަރަކާ (ޑީއެމް)ގެ ދަށުން ނަގާފައިވާ މި ފައިނޭންސިންގް ފެސިލިޓީގެ ދަށުން މިއަދުގެ ނިޔަލަށް ޖުމްލަ 4،156،355 ރުފިޔާ އަރާފައިވުމުން އެ ފައިސާ 6 މަސްދުވަހުގެ ތެރޭގައި ދެއްކުމަށެވެ.
މިކަމާއި ގުޅިގެން އާޒިމާ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އެއީ 2016 ވަނަ އަހަރު އިސްލާމިކް ބޭންކުގެ ފަރާތުން ނެންގެވި ލޯނެއް ކަމަށާއި އާމްދަނީ ލިބެމުންދިޔަހާ ދުވަހު ލޯނަށްވާ ފައިސާ ދައްކަވަމުން ދިޔަ ކަމަށެވެ.
އަދި ފައިސާ ނުދެއްކި މަޑު ޖެހިފައި ވަނީ ނިމިދިޔަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އެ ކަމަނާގެ މައްޗަށް ކޮށްފައިވާ ދައުވާގެ ސަބަބުން ގާނޫނީ ވަކީލު ކަމުގެ މަސައްކަތަށް ހުރަސް އެޅިފައިވުމުން ކަމަށް ބަޔާނުގައި ވެއެވެ.
އާޒިމާ ވިދާޅުވީ އޭނާ އަކީ އަމިއްލަ މަސައްކަތުން ދިރިއުޅޭ މަޔަކަށް ވުމުން ދިރިއުޅުމުގެ ހަރަދުތައް ހަމަޖައްސަނީ އަމިއްލަ މަސައްކަތުން ކަމަށެވެ. ނަމަވެސް ކޮވިޑްގެ ހާލަތާއެކު ވަޒީފާއެއް ނެތި އާމްދަނީ ހޯދުމަށް ކުރި ތަފާތު މަސައްކަތް ތަކުން ލޯނު ދެއްކުމަށް އެކަށީގެންވާ ކުރިއެރުމެއް ލިބިފައިނުވާ ކަމަށާއި ދައުލަތުގެ ބާރުގަދަ އެތައް މަގާމެއް އަދާ ކުރި ނަމަވެސް މުސާރަ ފިޔަވާ އެހެން ފައިސާ ނަގާފައި ނުވާނެ ކަމަށް އާޒިމާ ވިދާޅުވިއެވެ. އަދި އިތުރު އެހެން އެއްވެސް ފަރާތަކުން ނާޖާއިޒް ފައިދާ ނަގާފައި ނުވާނެ ކަމަށް ވެސް އާޒިމާ ވިދާޅުވިއެވެ.
ހުކުމްގެ ސަބަބުން މާލެ ސިޓީގެ މޭޔަރު އިންތިހާބުގައި ވާދަ ކުރެއްވުމަށް ކުރާ މަސައްކަތައް މަޑުޖެހުމެއް ނާންނާނެ ކަމަށާއި ލޯޔަރުންގެ މަޝްވަރާއާއެކު ހުކުމް ރިވިޔުކޮށް އިސްތިއުނާފް ކުރުމަށް ނިންމާ އެ މަސައްކަތް ކުރައްވަމުންދާ ކަމަށް އާޒިމާ ވިދާޅުވިއެވެ.