ތިމާގެ ޙަޔާތުގެ ކޮންމެ އައު ދުވަހަކީ، ހެޔޮގޮތުގައި ބޭނުން ހިފޭ ދުވަސްތަކެއް ކަމުގައި ހަދާށެވެ.
ދިރިއުޅުމުގައި ތިމާގެ ޙަޔާތުން ގެއްލިގެންދާ ކޮންމެ ވަގުތަކީ އަނބުރާ ލިބޭނެ އެއްޗެއް ނޫނެވެ. ހަމައެފަދައިން ކޮންމެ އައު ދުވަހަކީ ތިބާގެ ޙަޔާތް ބަދަލުކުރަން ލިބޭނެ އިތުރު ފުރުސަތެކެވެ. ކުރެވުނު ކުށްތަކުން އެކަލާނގެ ޙަޟްރަތުން މަޢާފަށް އެދުމަށް ލިބޭނެ އިތުރު ނަޞީބެކެވެ.
ވީއިރު ތިބާ މިހާރު އުޅޭ އުޅުން އިތުރަށް ފުރިހަމަ ކުރުމަށްޓަކައި މަސައްކަތް ކުރަމާތޯއެވެ. ވަގުތު ފާއިތުވާނޭ އިރެއް އެކަކަށް ވެސް އެނގިގެނެއް ނުވެއެވެ. އެހެންކަމުން ލިބޭ ކޮންމެ އައު ދުވަހަކީ ތިމާއަށް ލިބޭ ނިޢުމަތެއްކަމުގައި ދެކޭށެވެ. އަދި ފުރުސަތުގެ ބޭނުން ހެޔޮގޮތުގައި ހިފަމާތޯއެވެ.
ވެހޭތާ ފެންނަގާށެވެ. އެހެނީ އެކަމެއް ކުރެވެން އޮއްވާ އެކަމެއް ކުރާށެވެ. ތިމާގެ ޙަޔާތައް އައު ޞަފްޙާތަކެއް ލިޔެވިގެން ދާއިރުގައި އެ ޞަފުޙާތައް ހުސްވާނީ ކޮންއިރަކުން ކަމެއްނޭނގެއެވެ. ކޮންމެ އައު ދުވަހަކީ ތިމާގެ ޙަޔާތުގައި ކުރަން ބޭނުންވެފައިވާ، އެހެނަސް ނުކުރެވި ހުރި ކަންކަން ކޮށްލަން ލިބޭ ފުރުސަތެކެވެ. މި ފުރުސަތުގެ ބޭނުން ހެޔޮ ގޮތުގައި ހިފޭތޯ ބަލާށެވެ.
ކޮންމެ މީހެއްގެ ވެސް ދާން ބޭނުންވާ އެތަކެއް މަންޒިލްތަކެއް ވާނެއެވެ. ހަގީގަތަށް ބަދަލު ކުރަން ބޭނުންވާ ހުވަފެންތަކެއް ވާނެއެވެ. އުއްމީދުތަކެއް ވާނެއެވެ. ވީއިރު މި ހުރިހާ ކަންކަން ޙާޞިލު ކުރުމަށް ޓަކައި މަސައްކަތް ކުރުމަށް ޓަކައި މިދުވަސްތައް ބޭނުން ކުރާށެވެ. ބަދަލުގައި ބޭކާރުވެގެންދާ ވަގުތު ތަކެއް ގޮތުގައި ތިމާގެ ޙަޔާތުގެ އައު ދުވަސްތައް ނުހަދާށެވެ.
މުސްކުޅި ވުމުގެ ކުރިން ޒުވާން ކަމުގެ ފައިދާ ހެޔޮ ގޮތުގައި ލިބިގަންނާށެވެ. ހަގީގަތުގައިވެސް ތިމާގެ ޙަޔާތުން ހިނގަމުންދާ ކޮންމެ ފަޅި ސުކުންތަކީ ތިމާގެ ނިމުމާ ތިމާ ކައިރި ވާކަން އަންގައިދޭ ހެއްކެކެވެ. ވަގުތު އައިސް ހަމަވާނީ ކޮން އިރަކުން ކަމެއް ނޭނގި ހުއްޓާ ތިމާގެ ޙަޔާތުގެ ގަޑީގެ އެލާމު އަޅަން ފަށާނީ ކޮން އިރަކުންކަން އެނގޭ އެއްވެސް މީހަކު މިދުނިޔޭގައި ނުވާނެއެވެ.
އެހެންކަމުން މިފަދަ ކަންކަމުންވެސް ޢިބުރަތް ޙާޞިލުކޮށް ތިމާއަށް ލިބޭ ކޮންމެ އައު ދުވަހަކީ ތިމާގެ ޙަޔާތް ބަދަލު ކޮށްލަން ލިބޭ ފުރުސަތެއް ކަން ދަންނާށެވެ.