އިންތިޚާބަށް ތަރުހީބު ކުޑަ, ގަޑިއިރަކުން ވޯޓް ލާފައިވަނީ އެންމެ ދެ އިންސައްތަ މީހުން

މިއަދު ކުރިޔަށްދާ ފަސް ބައި އިލެކްޝަނުގައި ވޯޓުލުން ފެށިތާ ގަޑިއެއްގެ އިރު ވެގެން ދިޔައިރު ވޯޓުލާފައި ވަނީ ދެ ޕަސެންޓު މީހުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
މިއަދު ކުރިޔަށް ދަނީ މާލެ ސިޓީ ކައުންސިލްގެ މޭޔަރު ބައި އިލެކްޝަނާއި އެ ކައުންސިލްގެ ހުސް ވެފައިވާ ތިން ދާއިރާއެއްގެ އިތުރުން މ.މުލަކު އަންހެނުން ތަރައްގީ އަށް މަސައްކަތް ކުރާ ކޮމެޓީގެ ބައި އިލެކްޝަނެވެ.
ހެނދުނު 8:00ގައި ވޯޓުލުން ފެށިއިރު 9:09އާ ހަމައަށް ވޯޓުލާފައި ވަނީ 1204 މީހުންނެވެ. ވޯޓުނުލާ 54،798 މީހުން އެބަ ތިއްބެވެ.
މާލެ ސިޓީ ކައުންސިލްގެ ބައި އިލެކްޝަނުގައި ވޯޓުލުމުގެ ހައްގު ލިބިފައި ވަނީ 54،680 މީހަކަށެވެ.
މިއަދުގެ އިންތިޚާބުތަކުގައި ޖުލްމަ 58 ވޯޓު ފޮށި ބަހައްޓާފައިވާއިރު މާލެ ސިޓީ ކައުންސިލްގެ ބައި އިލެކްޝަންތަކަށް 55 ވޯޓު ފޮށި ވަނީ ބަހައްޓާފައެވެ.
އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެފައިވާ ގޮތުގައި މިއަދުގެ ބައި އިލެކްޝަނުގެ ވޯޓުލުން ހެނދުނު 8:00ން ފެށިގެން ހަވީރު 5:00އާ ހަމައަށް ކުރިއަށްދާނެއެވެ. މޫސުން ގޯސްވުމުގެ ސަބަބުން އީސީން ވަނީ ވޯޓުލާން އެއް ގަޑިއިރު އިތުރުކުރައްވާފައެވެ.