ޚަބަރު

އާބަންކޯ ކިއުން ހުއްޓާލައި އެޗްޑީސީގެ ނަމަށް ބަދަލުކޮށްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން، އެޗްޑީސީގެ ނަމާއި ލޯގޯ އަލުން ބޭނުންކުރަން ފަށައިފިއެވެ.

Ads by MWSC

މިދިޔަ އަހަރުގެ އޭޕްރިލް މަހު އެ ކުންފުނި "އަރބަންކޯ"އަށް ރީބްރޭންޑްކުރި ނަމަވެސް، އެނަމުގައި ޤާނޫނީ ޙައިސިއްޔަތު ހޯދަން މަސައްކަތްކޮށްފައެއް ނުވެއެވެ.

އެޗްޑީސީގެ ނަމާއި ލޯގޯ އަލުން ބޭނުންކުރަން ފެށުން ފާހަގަކުރުމަށް، އެކުންފުނިން ވަނީ ޚާއްސަ ރަސްމިއްޔާތެއްވެސް ބާއްވާފައެވެ. އަދި ކުންފުނީގެ މައި ނަން ބޯޑު "އަރބަންކޯ"އިން "އެޗްޑީސީ"ގެ ނަމަށް ވަނީ ބަދަލުކޮށްފައެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްވަމުން ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ފަޒުލް ރަޝީދު ވިދާޅުވީ މިގޮތަށް ބަދަލުކުރަން ނިންމީ، އެޗްޑީސީގެ ގޮތުގައި ރައްޔިތުންނަށް ޚިދުމަތް ދިނުމަށްކަމަށެވެ. އެޗްޑީސީގެ ޢަމާޒަކީ ރައްޔިތުންނަށް ދޭ ޚިދުމަތްތައް ފުޅާކޮށް، ފަސޭހައިން ލިބޭނެ އިންތިޒާމްތައް ހަމަޖެއްސުންކަމަށްވެސް ފަޒުލް ވިދާޅުވިއެވެ.

ހައުސިންގ ޑިވެލޮޕްމަންޓު ކޯޕަރޭޝަން"،އަކީ ކުންފުނީގެ ޤާނޫނީ ނަމެވެ. ކޯޕަރޭޝަނުގެ ނަން އަރބަންކޯއަށް ރީބްރޭންޑްކޮށްފައި ވީނަމަވެސް އެނަމަށް ގާނޫނީ ހައިސިއްޔަތު ލިބިފައި ނުވާ އެކޯޕަރޭޝަނުން ބުނެއެވެ.

އެޗްޑީސީން ބުނީ ކުންފުނީގެ ބްރޭންޑް ނަން "އަރބަންކޯ"ގެ ބަދަލުގައި، ޤާނޫނީ ނަން "އެޗްޑީސީ" ބޭނުންކުރަން ނިންމާފައިވަނީ ކޯޕަރޭޝަންގެ ނަމާގުޅޭގޮތުން ކަސްޓަމަރުންނަށް އަރާ އޮޅުންތައް ކުޑަކުރުމަށްކަމަށެވެ. ގާނޫނީ ހައިސިއްޔަތުން ތަފާތު ކަންކަމުގައި މިހާތަނަށްވެސް ބޭނުންކުރަމުން ދިޔައީ، ކުންފުނީގެ ރަސްމީ ނަން އެޗްޑީސީއެވެ.

އެޗް.ޑީ.ސީ އުފެއްދީ، 2001 ވަނަ އަހަރު އޭރުގެ ސަރުކާރުންނެވެ. އެޗްޑީސީއަކީ އާބަން ޑިވެލޮޕްމެންޓްގެ ދާއިރާއިން ރާއްޖޭގެ އެންމެ ތަޖުރިބާހުރި ކޯޕަރޭޝަނެވެ. އެކޯޕަރޭޝަންގެ ޕޯޓްފޯލިއޯގައި ހިމެނޭ ކާމިޔާބު ޕްރޮޖެކްޓްތަކުގެ ތެރޭގައި ހުޅުމާލެ، ކުޑަގިރި، އާބަން އައިލް ހިމެނެއެވެ. މީގެ އިތުރުން ތިލަފުށި، ރަސްމާލެ އަދި ހުޅުމާލެ ފޭސް 3 ތަރައްގީކުރުމުގެ މަސައްކަތް ބާރު ދުވެލީގައި ހުއްޓުމެއްނެތި އެކޯޕަރޭޝަނުން އަންނަނީ ކުރަމުންނެވެ.

އެޗްޑީސީން ބުނީ އެކުންފުނިން އިސްކަންދެނީ ތަރައްގީގެ މަސައްކަތްތަކަކީ އިޤްތިސާދީގޮތުން ފައިދާހުރި އަދި ތަނުގައި ދިރިއުޅޭ ފަރާތްތަކުން ބަލައިގަންނަ ފަދަ ޕްރޮޖެކްޓްތަކަށް ހެދުމަށްކަމަށެވެ. އަދި ކޯޕަރޭޝަންގެ އަމާޒަކީ ތަރައްގީކުރާ ސިޓީތަކުގައި އިޖްތިމާއީ ގޮތުންނާއި، އިގްތިސާދީ ގޮތުން، އަދި ތިމާވެށިގެ ދާއިރާއިން ދެމެހެއްޓެނިވި ތަރައްގީ ގެނެސްދިނުންކަމަށްވެސް އެކޯޕަރޭޝަނުން ބުނެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!