ޚަބަރު

ވޯޓްލާ މީހުންގެ އަދަދު މަދުވުމުން ދޭހަކޮށްދެނީ ޑިމޮކްރަސީއަށް އޮތް ޝައުޤު ކުޑަވާކަން: ފުއާދު

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
އިލެކްޝަން ކޮމިޝަންގެ ރައީސް ފުއާދު ތައުފީޤު -- ދެން އިމޭޖްސް/އިބްރާހީމް ޝަމްވީލް

އިންތިޚާބުތަކުގައި ވޯޓުލާ މީހުންގެ އަދަދު މަދުވުމުން ދޭހަވަނީ ރައްޔިތުން ޑިމޮކްރަސީއަށް އޮތް ޝައުގުވެރިކަން ކުޑަވަމުންދާކަން ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެއެވެ.

Ads by STELCO

ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ފުއާދު ވިދާޅުވީ އެއް އިންތިޚާބަށްފަހު އަނެއް އިންތިޚާބުގައި ވޯޓުލާ މީހުންގެ އަދަދު މަދުވާކަން ފާހަގަކުރެވޭ ކަމަށެވެ. އަދި އެއީ ކަންބޮޑުވާ ކަމެއް ކަމަށާއި އެކަން ހައްލު ކުރުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށް ފުއާދު ވިދާޅުވިއެވެ.

ފުއާދު ވިދާޅުވީ އިންތިޚާބުތަކުގައި ވޯޓުލާ މީހުންގެ އަދަދު އިތުރު ކުރުމަށް އެކޮމިޝަނުން މަސައްކަތް ކުރަމުންދަނީ ރައްޔިތުންނަށް ފަސޭހަވާނެ ގޮތަށް އިންތިޒާމުތައް ހަމަޖެއްސުމަށް ކަމަށެވެ. އެގޮތުން މާރިޗު މަހު ބާއްވާ ރައްޔިތުންގެ މަޖިލިސް އިންތިޚާބު ރަމަޟާން މަހާ ދިމާވާތީ ވޯޓުލާން ކަނޑައަޅާފައި އޮންނަ ވަގުތާ ގުޅޭގޮތުން އަންނަ ހަފުތާގައި ޤައުމީ ލަފާދޭ ކޮމިޓީއާ މަޝްވަރާ ކުރަން ނިންމަވާފައިވާކަމަށް ފުއާދު ވިދާޅުވިއެވެ.

"މިއަންނަ ހަފުތާ ތެރޭގައި އަޅުގަނޑުމެން މި ވިސްނަނީ ލަފާ ދޭ ކޮމިޓީއާ މަޝްވަރާ ކޮށްގެން އެ ގަޑި (ހެނދުނު 8:00 ހަވީރު 4:00) ތޯ އެންމެ ރަނގަޅީ. ނޫނީ ކުޑަ ތަންކޮޅެއް ފަހަތަށް ޖައްސާލުންތޯ ރަނގަޅީ. އެގޮތަށް މަޝްވަރާކޮށްފައި ރައްޔިތުންނަށް ވެސް އެންމެ ފަސޭހަވާނެ ކަމަށް އެ ބޭފުޅުން ދެކެވަޑައިގަންނަ ގަޑިއަކަށް ހެދުމުގެ ވިސްނުން ކޮމިޝަނުގެ ހުރީ،" ފުއާދު ވިދާޅުވިއެވެ.

ފުއާދު ވިދާޅުވީ ރައްޔިތުންނަށް އިންތިޚާބުތަކުގައި ދެވެން އޮތް އެހީތެރިކަމެއް ފޯރުކޮށްދީ ކިޔޫގައި މަޑުނުކޮށް ވޯޓުލެވޭނެ ގޮތް އީސީން ހަދައިދޭނެ ކަމަށެވެ. އަދި އިންތިޚާބުތަކާ ގުޅޭ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދީ ހޭލުންތެރިކަން އިތުރު ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް ފުއާދު ވިދާޅުވިއެވެ.

މިއަހަރުގެ މަޖިލިސް އިންތިޚާބު ރަމަޟާން މަހާ ދިމާވާތީ ކިޔޫގައި ޖެހޭ ވަގުތު މަދުކުރުމަށް އީސީން ވަނީ ވޯޓުފޮށިތަކުގެ އަދަދު އިތުރު ކުރުމަށްވެސް ނިންމާފައެވެ. އެގޮތުން 600 ވޯޓު ފޮށި ރާއްޖޭގައި ބަހައްޓާއިރު މާލެ ސަރަހައްދުގައި 200 އެއްހާ ވޯޓު ފޮށި ބެހެއްޓޭނެ ކަމަށް ފުއާދު ވިދާޅުވިއެވެ. މި އިންތިޚާބުގައި ވޯޓު ފޮށްޓަކަށް ގިނަވެގެން ވޯޓު ލެވޭނީ 600 މީހުންނަށް ކަމަށް ވެސް އީސީން ވަނީ ކަނޑައަޅުއްވާފައެވެ.

  1. ގޮދާ ހަސަނު

    ޑިމޮކްރަސީ އަށް އޮތް އުންމީދު ކުޑަވަނީބާ ނޫނީ ، ޤާނޫނީ ނިޒާމާއި އެ ނިޒާމު އެންމެންގެ މެދުގައި ހަމަހަމަ ކަމާއި އެކު ތަންފީޒު ކުެުމުގައި ހުރި މައްސަލަ ތަކާއި ރައްޔިތުން ހިތްހަމަ ނުޖެހި މާޔޫސް ވަނީބާ؟

  2. ޑިމޮކްރަސީއަށްއޮންނަ ޑިމާންޑު ކުޑަވުމަކީ އިސްލާމް ދީނަށް ލިބޭ ނަސްރެއް ޑިމޮކް ރަސީއަކީ ބަޔަކު އަމިއްލައަށް އުފައްދައިގެން އުޅޭ ހުޅަނގުގެ ފަލްސަފާއެއް އޭގެ ސަބަބުން މުޖުތަމަޢު ފަސާދަވޭ ގައުމު ސިޔާސީ ހަލަބޮލި ކަމެއްގެ ތެރެއަށް ގެނބި ރައްޔިތުން ގެ އޮންނަ ގުޅުން ހީނަރުވޭ މައިން ބަފައިންނާއި ދަރިން އެއްބަނޑު އެއްބަފާ މީހުން ރަޙިމުގެ ގުޅުން ކެނޑިދޭ މީހަގީގަތް އެހެންވީމަ އަހަރެން ވަރަށް އުފާވޭ