ޚަބަރު ސިޔާސީ

މިއީ ބަލިކަށި ސަރުކާރެއް ނޫން, ނުހުއްޓުވޭނެ: އަބްދުއްރަހީމް

އައިކާ ޔުނާން ، ދެން އޮންލައިން

މި ސަރުކާރަކީ ބަލިކަށި ސަރުކާރެއް ނޫން ކަމަށާއި މި ސަރުކާރު ނުހުއްޓުވޭނެ ކަމަށް ސަރުކާރު ހިންގާ ޕާޓީ ކޮންގްރެސް ޕާޓީގެ ޗެއާޕާސަން އަދި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސްޕެޝަލް އެޑްވައިޒަރު އަބްދުއްރަހީމް އަބްދުالله މިއަދު ވިދާޅުވެއްޖެ އެވެ.

Ads by Hajj Corporation

މިއަދު އެ ޕާޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އަބްދުއްރަހީމް ވިދާޅުވީ އެމްޑީޕީއާއި ޑިމޮކްރެޓްސް ގުޅިގެން މަސައްކަތް ކުރަނީ ސަރުކާރު ހުއްޓުމަކަށް ގެނައުމަށް ކަމަށެވެ.

އެހެންނަމަވެސް ރައްޔިތުންގެ ވިސްނުމާ ދެކޮޅު ކަމެއް ނުކުރެވޭނެ ކަމަށާއި ރައްޔިތުންގެ ނިންމުމާ ދެކޮޅު ކަމެއް ނުކުރާނެ ކަމަށެވެ.

"އިދިކޮޅުން ދައްކަނީ ތާކުން ތާކުން ނުޖެހޭ ވާހަކައައެއް, އަޅުގަނޑު ވަރަށް ސާބިތުކަމާއެކީގައި ދަންނަވަން މި ސަރުކާރު ހުއްޓުވުމަކަށް ގެންނަން ކުރާ މަސައްކަތަށް ޖާގައެއް ނުދޭނަން, ވަރަށް ސާފު, އެކަމެއް ނުކުރެއްވޭނެ," އަބްދުއްރަހީމް ވިދާޅުވިއެވެ.

ރައްޔިތުން ގޮތެއް ނިންމުމުން މަޖިލިސް ތެރެއިން އެކަމާ ދެކޮޅަށް މަސައްކަތް ކުރުމުގެ ފުރުސަތު ނުދެއްވާނެ ކަމަށެވެ.

އެމްޑީޕީއާއި ޑިމޮކްރެޓުން މި ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ އަދަދު އިތުރުކަމަށް ބުނެ ދައްކަމުންދާ ވާހަކަތަކަށް ރައްދުދެއްވައި އަބްދުއްރަހީމް ވިދާޅުވީ, މި ސަރުކާރުން ސިޔާސީ މަޤާމުތަކަށް މީހުން ނަގަނީ "އެ މީހުން އުޅޭނެހާ ތަނެއް އުޅެން ދޫކޮށްލަން" ނޫން ކަމަށާއި އަދި ސިޔާސީ މަޤާމުތަކުގައި ތިބި މީހުން ބޭކާރު ކަންކަމުގައި ވަގުތު ހޭދަކުރަން ފުރުސަތު ނޯންނާނެ ކަމަށާއި ރައީސް ޑރ. މުޢިއްޒުގެ ސިޔާސަތުތައް ތަންފީޒް ކުރަން އެ ބޭފުޅުން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

އަބްދުއްރަހީމް އިތުރަށް ވިދާޅުވީ, މި ސަރުކާރަކީ ކަންކުރަން އައި ސަރުކާރެއް ކަމަށާއި ކަން ކުރެވޭނީ އެކަށީގެންވާ ޤާބިލް ޓީމަކާއެކުގައި ކަމަށެވެ. އަދި ކުރިޔަށް އޮތްތަނުގައި ވެސް ސިޔާސީ މަޤާމުތައް އިތުރުވާނެ ކަމަށް ވިދާޅުވިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!