ވަޒީރުންނަށް ރުހުން ނުދިނުމަކީ އަމިއްލަ މަސްލަހަތު ކުރިއެރުވޭތޯ ހިންގާ ހަރަކާތެއް: ޝަރީފް
ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު އައްޔަން ކުރައްވާފައިވާ ވަޒީރުންގެ މަޖިލީހުގެ ބައެއް ބޭފުޅުންނަށް އިދިކޮޅު އެމްޑީޕީ/ޑިމޮކްރެޓްސްގެ މަޖިލިސް މެންބަރުން ރުހުން ނުދިނުމުގެ މަގްސަދަކީ އަމިއްލަ މަސްލަހަތު ކުރިއެރުވޭތޯ ހިންގާ ހަރަކާތެއް ކަމަށް މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝަރީފް ވިދާޅުވީ ވަޒީރުންނަށް ރުހުން ނުދީ ލަސްކުރުމާއި ބައެއް ވަޒީރުންނަށް ރުހުން ނުދޭން ނިންމި ނިންމުމުގެ ފަހަތުގައި ވަނީ ޕްރޮޖެކްޓްތައް ލަސްކުރުމާއި ބޭރުގެ އެހީ ހޯދަން ހުރަސް އެޅުމުގެ ނިޔަތް ކަމަށެވެ. އަދި އެއީ އަމިއްލަ މަސްލަހަތު ކުރިއެރުވޭތޯ ހިންގާ ހަރަކާތެއް ކަމަށް ޝަރީފް ވިދާޅުވިއެވެ.
ވަޒީރުންނަށް ރުހުން ނުދިނުމުގެ ފަހަތުގައި ވަނީ މެމްބަރުންގެ ނާގާބިލުކަން ނޫންކަން ފާހަގަކުރައްވަމުން ޝަރީފް ވިދާޅުވީ އެކަމުގެ ފަހަތުގައި ވަނީ މާ ބޮޑަށް ގާބިލު ކަމަށް އިދިކޮޅު ލީޑަރުންނަށް ގަބޫލު ކުރެވުން ކަމަށެވެ.
“މިއީ ވަރަށް ނުރައްކާތެރި، ޤައުމަށް ގެއްލުން ހުރި ނިންމުމެއް” ޝަރީފް ވިދާޅުވިއެވެ.
މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑްގެ މަގާމަށް އައްޔަނުކުރައްވާފައިވާ މުހައްމަދު ސައީދަށް ވެސް ރުހުން ނުދޭން މަސައްކަތް ކުރަމުންގެންދާ ކަމަށް ޝަރީފް ވިދާޅުވިއެވެ. އެއީ އެމަނިކުފާނަކީ ކަމަށް ގާބިލު ވުމުގެ އިތުރުން ޕްރޮޖެކްޓްތަކަށް ޗައިނާގެ އެހީ ހޯދުމުގައި އިސް ދައުރެއް އަދާކުރުމުގެ ގާބިލުކަން ހުރި ބޭފުޅަކަށް ވުމުން ކަމަށް ޝަރީފް ވިދާޅުވިއެވެ.