ބަންޑާރަ ނައިބު އުޝާމްގެ ރުހުން ނެތް ކަމަށް ފާސްކޮށްފި
ބަންޑާރަ ނައިބު އަހުމަދު އުޝާމަށް ރުހުން ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގައި ވަޒީރުންނަށް ރުހުން ދިނުމަށް ނެގި ވޯޓުގައި އުޝާމަށް ރުހުން އޮތް ކަމަށް ވޯޓު ދެއްވީ 24 މެންބަރުންނެވެ. ރުހުން ނެތް ކަމަށް 44 މެންބަރުން ވޯޓު ދެއްވި އެވެ.
އުޝާމަކީ ރުހުން ނުދިނުމަށް އިދިކޮޅު އެމްޑީޕީއާއި ޑިމޮކްރެޓްސްގެ ޕީޖީން ފާސްކޮށް ވިޕް ނެރެފައިވާ ވަޒީރެކެވެ. ނަމަވެސް، އޭނާ އަށް ރުހުން ނުދޭން އެ ދެ ޕާޓީން ނިންމި ސަބަބެއް އަދި ސާފެއް ނުވެ އެވެ.
އިއްޔެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އުޝާމް ވިދާޅުވީ އޭނާގެ ވަޒީފާގެ ހައިސިއްޔަތުން ޕްރޮފެޝަނަލީ ނިންމާފައި އޮތް އެއްވެސް ނިންމުމަކާ ގުޅިގެން ރުހުން ދޭން ނުޖެހޭ އެއްވެސް ސަބަބެއް ނޯންނާނެ ކަމަށެވެ.
"މިއީ ޒާތީ ކަމެއް. ޒާތީ ގޮތުން ޖައްސާލާ ސަރުކާރު ބަލިކަށިކުރުމުގެ ނިޔަތުގަ ކުރާ މިކަހަލަ ކަންކަމުން ސަރުކާރު ބަލިކަށި ވެސް ނުކުރެވޭނެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ހުންނެވީ ގަދަކޮށް،" އުޝާމް ވިދާޅުވި އެވެ.
އުޝާމަށް ރުހުން ނުދޭން ދެ ޕާޓީގެ ޕީޖީ ގުރޫޕުން ނިންމާފައިވާއިރު، މިހާތަނަށް އެންމެ ބޮޑު ފާޑުކިޔުމެއް ބަންޑާރަ ނައިބާ ގުޅޭ ގޮތުން އަމާޒުވެފައިވަނީ އެމްޑީޕީގެ ސަރުކާރުގައި އިޓޮލްސް އިން ނިންމި ނިންމުމާ އެކު ރާއްޖޭގެ ކަނޑުން ގެއްލުނު ސަރަހައްދު އަލުން ހޯދުމަށް ކުރާ މަސައްކަތަށެވެ.
އޭގެއިތުރުން މިދިޔަ ސަރުކާރުން ބަދަލު ނަގައިދިނުމަށް ހަދާފައި އޮތް ސެޓެލްމެންޓް ކޮމިޓީ އުވާލަން ބަންޑާރަ ނައިބު އުޝާމް ދެއްވި ލަފާގެ މަތިން، އެ ކޮމިޓީން ރައީސް އުވާލައްވާފައިވާއިރު، ބަދަލު ދިން މީހުންގެ މައްސަލަތައް ވެސް ދަނީ ރިވިއު ކުރަމުންނެވެ.
ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ މިއަދު ކުރިއަށް ގެންގޮސްފައިވާއިރު ރުހުން ނުލިބެނީ އުޝާމާއި އިމާރާތްކުރުމާ ބެހޭ ވަޒީރު އަލީ ހައިދަރާއި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށެވެ.