ޖަލްސާއަށް ހުރަސް އެޅީ ކޮމިޓީތަކުން ޕީއެންސީގެ މެންބަރުން ބޭރުކޮށް ކުރިއަށް ގެންދަން މަސައްކަތް ކުރުމުން: ސަލީމް
ޖަލްސާއަށް ހުރަސް އެޅީ ކޮމިޓީތަކުން ޕީއެންސީގެ މެންބަރުން ބޭރުކޮށް ކުރިއަށް ގެންދަން މަޖިލީހުގެ ރައީސް މަސައްކަތް ކުރުމުން ކަމަށް ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އޭދަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލިސް އިދާރާ ކައިރީގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ސަލީމް ވިދާޅުވީ ޕާޓީގެ މެމްބަރުންނާ އެއްވެސް ވަރަކަށް މަޝްވަރާ ކުރުމެއް ނެތި ކޮމިޓީތައް އަލުން އެކުލަވާނުލައި ކޮމިޓީތަކުން ޕީއެންސީގެ މެންބަރުން ބޭރުކޮށްފައިވާ ކަމަށެވެ. މަޖިލީހުގެ ރައީސް މަސައްކަތް ކުރައްވަނީ ހުދުމުހުތާރު ގޮތަކަށް ކަމަށް ސަލީމް ވިދާޅުވިއެވެ.
“އެއިން އެއްވެސް ބަދަލެއް ނުގެނެސް ހަމަ އެ ހުރިގޮތަށް އަޅުގަނޑުމެންގެ މީހުން ކޮމިޓީތަކުން ބޭރުކޮށްލާފަ ވަނީ. އަނެއްހެން ބުނާނަމަ ހުދުމުހުތާރު ގޮތަކަށް ރައީސް އެ މަސައްކަތްޕުޅު ކުރައްވަނީ. އެއީ އަޅުގަނޑުމެން މަޖިލިސް ހުއްޓަލަން އިއްޔެ ޖެހުނު ކަމަކީ” ސަލީމް ވިދާޅުވިއެވެ.
ސަލީމް ވިދާޅުވީ ބައެއް ވަޒީރުންނަށް ރުހުން ނުދޭން އެމްޑީޕީ އާއި ދަ ޑިމޮކްރެޓްސް އިން ނިންމާފައިވީ ނަމަވެސް ވަޒީރުންނަށް ރުހުން ނުދޭން އެޕާޓީތަކުން ނިންމި ސަބަބު ހާމަނުކުރާ ކަމަށެވެ.
“ވަރަށް ސާފުކޮށް ނިންމާފަ އޮތީ ވަޒީރުންގެ ޝަރުތު ހަމަވާ ކަމަށް. ރުހުން ދިނުމަށް އެހެންނަމަވެސް މަޖިލީހުން އެމީހުން ނިންމީ އެމީހުންގެ ވިޕް ލައިން އެޅީ ހަތަރު ވަޒީރަކު ދުއްވާލުމަށް” ސަލީމް ވިދާޅުވިއެވެ.
ސަލީމް ވިދާޅުވީ ރޭ ޖަލްސާއެއް އެޖެންޑާކުރިއިރު އެ ޖަލްސާއަށް ހުރަސް އެޅީ ޕީއެންސީއަށް ފަހުން ސޮއިކުރެއްވި ކަނޑިތީމު ދާއިރާގެ މެންބަރު އަބްދުﷲ ޝަހީމް އަބްދުލްހަކީމަށް އަނިޔާވެ ޖަލްސާގައި ބައިވެރިވެވަޑައިނުގެންނެވޭތީ ކަމަށެވެ.