ޚަބަރު ސިޔާސީ

އެމްޑީޕީގެ ޕްރައިމަރީ ނިންމާލީ ވަރަށް ސުލްހަވެރިކޮށް: ފައްޔާޒު

ރައުފާ ރަޝީދު ، ދެން އޮންލައިން

އިއްޔެ ބޭއްވި އެމްޑީޕީގެ ޕްރައިމަރީ ނިންމާލީ ވަރަށް ސުލްހަވެރިކޮށް ކަމަށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.

Ads by STELCO

މަޖިލިސް އިންތިހާބުގައި އެ ޕާޓީން ވާދަކުރާނެ ކެންޑިޑޭޓުން ހޮވަން ބޭއްވި ޕްރައިމަރީއާ ގުޅޭ ގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒު ވިދާޅުވީ ޑިމޮކްރެޓިކް ފުރިހަމަ ހަރަކާތެއް އެމްޑީޕީއިން ނިންމާލީ ވަރަށް ސުލްހަވެރިކޮށް ކަމަށެވެ.

އަދި ޕްރައިމަރީ ކާމިޔާބުކަމާ އެކު ކުރިއަށް ގެންގޮސް މަސައްކަތްކޮއްދެއްވި ޕާޓީގެ އެންމެހާ މެންބަރުންނަށް ޝުކުރުދަންނަވާ ކަމަށާއި ޕާޓީގެ ޓިކެޓު ކާމިޔާބުކުރެއްވި ހުރިހާ ކެނޑިޑޭޓުންނަށް މަރުހަބާ ދަންނަވާ ކަމަށް ވެސް ފައްޔާޒު ވިދާޅުވިއެވެ.

އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ އެމްޑީޕީ ޕްރައިމަރީގައި މިހާރު މަޖިލީހުގައި ތިއްބެވި ގިނަ މެމްބަރުންތަކެއް ވަނީ ކާމިޔާބު ކުރައްވާފައެވެ.

އެމްޑީޕީން ވަނީ 40 ދާއިރާއެއްގެ ޕްރައިމަރީ ބާއްވާފައެވެ. މިޕްރައިމަރީގައި 149 ކެންޑިޑޭޓުން ވާދަކުރާއިރު 95 ރަށެއްގައި ވޯޓު ފޮށި އަދި މާލޭގައި 27 ވޯޓު ފޮށި ވަނީ ބަހައްޓާފައެވެ. މި ޕްރައިމަރީގައި 25،325 މީހުންނަށް ވޯޓުލުމުގެ ޙައްގު ލިބުނެވެ.

މަޖިލިސް އިންތިޚާބުގައި 93 ދާއިރާއަށްވެސް ވާދަކުރަން އެމްޑީޕީން ވަނީ ނިންމާފައެވެ. މީގެތެރެއިން 49 ދާއިރާއެއްގެ ޓިކެޓް ޕްރައިމަރީއަކާ ނުލައިވަނީ ކަށަވަރުވެފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!