ޚަބަރު ސަރުކާރު

ރޯދަ މަހުގެ ފަހު 10 ބަންދުކޮށް، ރަސްމީކޮށް އިއުލާނުކޮށްފި

ރައުފާ ރަޝީދު ، ދެން އޮންލައިން

މި އަހަރުގެ ރަމަޟާން މަހުން ފެށިގެން، ކޮންމެ އަހަރެއްގެ ރަމަޟާން މަހުގެ 20 ވަނަ ދުވަހުން ފެށިގެން އެ މަހުގެ ނިޔަލަށް ހިނގާ ދުވަސްތަކަކީ، ސަރުކާރު ބަންދު ދުވަސްތަކެއް ކަމަށް ހަމަޖައްސަވައި، އެކަމާ ގުޅޭ ރަސްމީ ދެންނެވުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ނެރުއްވައިފިއެވެ.

Ads by MWSC

މިގޮތަށް ހަމަޖެއްސެވީ، ރާއްޖޭގައި އިސްލާމީ އުޞޫލުތައް ޤާއިމުކުރުމާއި، ދީނީ ކަންކަމަށް އިސްކަންދިނުމަށް ފުރުޞަތު ދެއްވުމުގެ ގޮތުން، ރަމަޟާން މަހުގެ ފަހުދިހައިގެ ދުވަސްތައް ބަންދުކުރެއްވުމަކީ، މި ސަރުކާރުގެ ރިޔާސީ ވަޢުދަކަށްވާތީއެވެ.

ރަމަޟާން މަހުގެ ފަހުދިހަޔާ ގުޅިގެން ސަރުކާރު ބަންދުވާ ދުވަސްތަކުގައި، އެކިއެކި މުއައްސަސާތަކުން ރައްޔިތުންނަށް ކޮންމެހެން ދޭންޖެހޭ ޚިދުމަތްތައް، އެ މުއައްސަސާތަކުން ކަނޑައަޅާ ގޮތެއްގެ މަތިން ދެއްވުމުގެ އިންތިޒާމު ހަމަޖެއްސެވުމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ނެރުއްވި ދެންނެވުމުގައި އަންގަވާފައިވެއެވެ.

މިކަމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިހާރުވަނީ ރައްޔިތުންނަށް ކޮންމެހެން ބޭނުންވާ އަސާސީ އެކި ޚިދުމަތްތައް ދެއްވަމުން ގެންދަވާ ސަރުކާރުގެ މުއައްސަސާތަކާއި އަދި ކުންފުނިތަކާ ބައްދަލުކުރައްވައި، ރަމަޟާން މަހުގެ ފަހު ދިހައިގެ ދުވަސްތަކުގައި ޚިދުމަތްތައް ދެއްވުމުގައި ހަމަޖައްސަވަންޖެހޭ އިންތިޒާމުތައް ހަމަޖެއްސެވުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.

އަދި މި ދެންނެވި މުއައްސަސާތަކުން އެ ޚިދުމަތްތައް ދެއްވުމަށް ހަމަޖެހިފައިވާ ގޮތުގެ ތަފްޞީލް، އެކި ވަސީލަތްތައް މެދުވެރިކުރައްވައި، ރައްޔިތުންނަށް ވީހާވެސް ބޮޑަކަށް ސާފުކޮށްދެއްވުމަށާއި، އެކަންކަމުގެ މަޢުލޫމާތު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާ ޙިއްޞާކޮށްދެއްވުމަށްވެސް މި ބައްދަލުވުމުގައި ވަނީ އެ އޮފީހުން އެދިވަޑައިގެންފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!