ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ތިނަދޫގެ ރައްޔިތުން ކުރެއްވި އިތުބާރާއި، ދެއްވި ބޮޑު ތަރުހީބަށް ޝުކުރު އަދާކުރައްވައި، އެ އިތުބާރު ދެމެހެއްޓުމަށް މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން ދެއްވައި، ތިނަދޫ ސިޓީ ޙަޤީޤީ ފުރިހަމަ ސިޓީއަކަށް ހަދައިދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ރޭ ގދ. ތިނަދޫ ސިޓީ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ތިނަދޫ ސްކޫލުގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ، މި ސަރުކާރުން ތިނަދޫ ސިޓީ ޙަޤީޤީ މާނާގައި ތަރައްޤީ ކުރާނެ ގޮތްތައް ތަފުޞީލީ ގޮތެއްގައި ވިދާޅުވެދެއްވާފައެވެ. އެމަނިކުފާނު ވިދާޅުވީ ތިނަދޫއަކީ މި ސަރުކާރުގެ ތަރައްޤީ ޕްލޭންގައި ހިމެނޭ، ސަރަހައްދީ ތަރައްޤީގެ އެއް ނާރެސް ކަމުގައެވެ.
އަދި ތިނަދޫ ސިޓީގައި ތަރައްޤީކުރާ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަކީ، ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭނެ ފެންވަރަށް ތަރައްޤީކުރާނެ ވައިގެ ބަނދަރެއް ކަމަށާއި މި ވައިގެ ބަނދަރަކީ ތިމާވެއްޓާ ރަށްޓެހި ވައިގެ ބަނދަރަކަށް ވާނެކަމަށް ރައީސް ވިދާޅުވިއެވެ.
އަދި މި މަޝްރޫޢުގެ ތެރެއިން ފްލައިންގ ސްކޫލަކާއި، 12 ރިސޯޓް ތަރައްޤީވެގެން ދިއުމުން ރައްޔިތުންނަށް ވަޒީފާ ލިބި މުޅި ސަރަހައްދު ކުރިއަރާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މި މަޝްރޫޢު ގިނަވެގެން 2 އަހަރު ތެރޭގައި ނިމިގެންދާނެކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އިޤްތިޞާދު ތަރައްޤީކުރުމަށް މި ސަރުކާރުން ކުރިމަތިލާންޖެހިފައިވާ ގޮންޖެހުންތައްވެސް ރައްޔިތުންނާ ޙިއްޞާކުރައްވާފައެވެ. އެގޮތުން ނިމިދިޔަ ސަރުކާރުން 800 މިލިއަން ރުފިޔާ ޗާޕުކުރުމުންނާއި، އާމްދަނީ ލިބޭނެ ގޮތްތައް ނުހޯދައި ޚަރަދުތައް އިތުރުކުރުމުންނާއި، ޖަމާކުރެވިފައި ހުރި ޑޮލަރު މާރުކުރުމުންނާއި އަދި މިފަދަ އެތައް ސަބަބުތަކަކާ ހުރެ ދިވެހިރާއްޖޭގެ އިޤްތިޞާދު އަނދަވަޅަކަށް ވެއްޓެން މެދުވެރިވިކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަ ކުރެއްވިއެވެ. އަދި އެކަންކަމާ އެކުވެސް މި ސަރުކާރުން އަމިއްލަ ފައިމައްޗަށް ތެދުވުމަށް ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވައި އެކަންކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދެއްކެވިއެވެ.
އައްޑޫ ސިޓީ އާއި ފުވައްމުލައް ސިޓީ އަދި ގއ އާއި ގދ ގެ ބައެއް ރަށްރަށަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވާ މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.