ޚަބަރު

އަނބުރާ ފޮނުވާލި ބިލު ތަސްދީގުކުރެވިދާނެތޯ ސުވާލު އުފައްދަވައި ގާނޫނީ ލަފާ ހޯއްދަވަނީ

އަލީ ސަމާޙް ، ދެން އޮންލައިން
ރައީސް ޑރ މުހައްމަދު މުއިއްޒު

އެމަނިކުފާނު ތަސްދީގު ނުކުރައްވައި އަނބުރާ ފޮނުއްވާލީ، ރޯދަ މަހު އިންތިހާބުތައް ބާއްވާ ބިލު ފާސްކޮށްފައިވަނީ ގާނޫނު އަސާސީއާ އެއްގޮތަށްތޯ ސުވާލު އުފައްދައި ބަންޑާރަ ނައިބު ލަފާ ހޯއްދަވާނެ ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

މިނިވަން އަދި އިންސާފުވެރި އިންތިހާބަކަށް ހުރަސް އެޅިދާނެ ކަމަށް ބުނެ އެ ބިލު، ތަސްދީގު ނުކުރައްވައި އަނބުރާ މަޖިލީހަށް ފޮނުވާލީ މިދިޔަ އާދިއްތަ ދުވަހެވެ. އިތުރު ބަދަލެއް ނުގެނެސް އެ ބިލު އިއްޔެ ފާސްކޮށްފައިވާއިރު، ފެންނަ ކަމަށް ވޯޓު ދެއްވީ 47 މެންބަރުންނެވެ. ނުފެންނަ ކަމަށް ވޯޓުދިނީ 14 މެންބަރުންނެވެ.

ބިލު އެހެން ފާސްކޮށްފައިވާއިރު، މަޖިލީހުގެ ހުސްވެފައިވާ ގޮނޑިތައް ނުހިމަނާ މަޖިލީހުގެ ޖުމުލަ އަދަދުތައް ގުނަން ރައްޔިތުންގެ މަޖިލީހުން ނިންމީ ގާނޫނުއަސާސީއާ ހިލާފަށް ކަމަށް ސުޕްރީމް ކޯޓުން މިއަދު ވަނީ ހުކުމެއް ކޮށްފައެވެ.

އެ ހުކުމުގައި ކަނޑައަޅާފައިވަނީ މަޖިލީހަށް ގެނައި ގަވާއިދުގެ މާއްދާތައް އެ މަޖިލީހުން މިހާރު ބާތިލުކޮށްފައިވާތީ ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ މައްސަލައަށް ގާނޫނީ ހައްލެއް އެ ކޯޓުން ހޯދައިދެވެން ނެތް ކަމަށެވެ.

މި ސަރުކާރުން މައްސަލަ ކޯޓަށް ހުށަހެޅީ މަޖިލީހުގެ ޖުމްލަ މެމްބަރުން ގުނާ އަދަދު 87 އިން 80 އަށް ތިރިކުރީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށް ބުނެއެވެ.

އުތުރުގެ އަތޮޅުތަކަށް ކުރައްވާ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން ނ. ކެނދިކުޅުދޫގައި ވާހަކަ ދައްކަވަމުން ރައީސް ތަކުރާރު ކުރެއްވީ އެމަނިކުފާނު ގާނޫނު އަސާސީއާ ހިލާފުވެވަޑައިނުގެންނަވާނެ ކަމެވެ.

''މަޖިލީހުގެ އަދަދަކީ 87 ކަމަށް ސުޕްރީމް ކޯޓުން މި ނިންމީ، ގާނޫނު އަސާސީއާ އެންމެ ތަންފުކެއްވެސް ހިލާފެއް ނުވާނަން. އެހެންވީމަ ބަންޑާރަ ނައިބުގެ ލަފާއަކަށް އަޅުގަނޑު ވާނީ މިހާރު ދަންނަވާފައި، އެއީ މި ކަހަލަ ނިންމުމެއް ނިންމީމަ ސުވާލު އެބަ އުފެދޭ 80 މެމްބަރުންނަށް ބަލައިގެން އިއްޔެ މައްސަލަ (އިންތިހާބު ބިލު) އާ އޭގެ ކުރީގެވެސް އެތައް މައްސަލަ އެއް ނިންމާފައި ހުރެޖެއްޔާ އެ ނިންމު މައްސަލަތަކުގެ ގާނޫނީ ހައިސިއްޔަތާއި މެދު ސުވާލު އެބަ އުފެދޭ'' ރައީސް މުއިއްޒު ވިދާޅުވިއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!