ޚަބަރު ސަރުކާރު

ސްޓޫޑެންޓް ލޯނަށް ކުރިމަތިލާން ހުޅުވާލައިފި

ޙައްވާ އިނާޝާ ، ދެން އޮންލައިން

ރާއްޖެ އާއި ރާއްޖޭން ބޭރުން މަތީ ތައުލީމު ހާސިލްކުރުމަށް ބޭނުންވާ ދަރިވަރުންނަށް ސްޓޫޑެންޓް ލޯނަށް ކުރިމަތިލުމަށް މިއަދު ހުޅުވާލައިފި އެވެ.

Ads by Hajj Corporation

ހަޔާ އެޑިޔުކޭޝަން މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ވަނީ ރާއްޖެ އާއި ރާއްޖޭން ބޭރުން މަތީ ތައުލީމު ހާސިލްކުރުމަށް ބޭނުންވާ ދަރިވަރުންނަށް ސްޓޫޑެންޓް ލޯނުގެ 500 ޖާގައަށް ކުރިމަތިލުމަށް ހުޅުވާލާފައެވެ.

ޑިޕްލޮމާއިން ފެށިގެން ޕީއެޗްޑީ ފެންވަރަށް ކިޔެވުމުގެ ފުރުސަތު މި ސްކީމުގެ ދަށުން ވަނީ ހުޅުވާލާފައެވެ.

އެ މިނިސްޓްރީން ބުނީ މި ސްކީމުގެ ދަށުން ލޯނު ދިނުމަށް ހަމަޖެހިފައި ވަނީ ދެ ކެޓަގަރީއަކަށް ކަމަށެވެ. އެގޮތުން މި ލޯނު ދިނުމަށް ހަމަޖެހިފައިވާ ދެ ކެޓަގަރީގައި ހިމެނެނީ އަލަށް ކިޔަވަން ފަށާ(އަލަށް ކިޔަވަންފަށާ ދަރިވަރުންގެ ގޮތުގައި ބަލާނީ 1 ޖަނަވަރީ 2024 ނުވަތަ އޭގެ ފަހުން ޕްރޮގްރާމެއްގައި ކިޔަވަންފަށާ ދަރިވަރުން) ދަރިވަރުންނާއި މިހާރު ކިޔަވަމުންދާ ދަރިވަރުން (މިހާރު ކިޔަވަމުންދާ ދަރިވަރުންގެ ގޮތުގައި ބަލާނީ 1 ޖަނަވަރީ 2024 ގެ ކުރިން ކޯހެއްގައި ކިޔަވަން ފަށާފައިވާ ދަރިވަރުން) ކަމަށް ބުނެފައި ވެއެވެ.

"މި ލޯން ސްކީމުގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ހާއްސަ ކުރެވިފައިވާ ފުރުސަތު ތަކެއް ހުޅުވާލާނެ ކަމަށާއި މި ސްކީމަކީ ވަރަށް އިންކްލޫސިވްކޮށް ހުޅުވާލެވިގެންދާ ފުރުސަތެއް،" ކަމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހަޔާ އެޑިޔުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން މިނިސްޓަރު މާރިޔާ ވިދާޅުވީ "ސަރުކާރުން ނިންމާފައި ވަނީ ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ތެރެއިން ކޮންމެ ކުއްޖެއްގެ ހުންނަ ނުކުޅެދުންތެރި ކަމަށް ރިއާޔަތްކޮށް، ޕްރޮގްރާމް [ކިޔެވުން] ފުރިހަމަ ކުރުމަށް އިތުރު އެހީތެރިކަމެއް ބޭނުންވާ ހާލަތުގައި އެކަމަށް މަގުފަހިވާނެ އިތުރު ހަރަދުތައް ދިނުމަށް،" ކަމަށެވެ.

ސްޓޫޑަންޓް ލޯނަށް ކުރިމަތިލުމުގެ ސުންގަޑިއަކީ 25 އޭޕްރިލް 2024 ވާ ބުރާސްފަތި ދުވަހުގެ 13:30 އެވެ.  ލޯނަށް އެދި ފޯމު ހުށަހަޅާނީ ޕޯޓަލް މެދުވެރިކޮށް ކަމަށާއި ޕޯޓަލް މެދުވެރިކޮށް ފޯމް ހުށަހެޅުމުގައި ޗެކްލިސްޓަށް ސަމާލުކަންދިނުމަށް އެ މިނިސްޓްރީން އެދިފައި ވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!