ޚަބަރު ސަރުކާރު ޝަރުޢީ ދާއިރާ

ލަންދޫ މެޖިސްޓްރޭޓް ކޯޓުގެ އައު އިމާރާތް ރަސްމީކޮށް ހުޅުވައިފި

ޙައްވާ އިނާޝާ ، ދެން އޮންލައިން

ނ. ލަންދޫ މެޖިސްޓްރޭޓް ކޯޓުގެ އައު އިމާރާތް ރަސްމީކޮށް ހުޅުވައިފިއެވެ.

Ads by MWSC

އެ ކޯޓުގެ އާ އިމާރާތް މިއަދު ހުޅުއްވައިދެއްވީ އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާނެވެ.

ލަންދޫ މެޖިސްޓްރޭޓް ކޯޓު ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި އުއްތަމަ ފަނޑިޔާރު ވިދާޅުވީ ފަނޑިޔާރު ގޭގެ މިނިވަންކަން ކަށަވަރުކުރުމަށް ގޮންޖެހުންތަކެއް ހުރިކަމަށެވެ.

އެގޮތުން ފަނޑިޔާރުގެ މިނިވަން ކުރުމަށް ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރަންޖެހޭ ކަމަށާއި އެހެންނަމަވެސް، ޖޭއެސްސީ އެކުލަވާލެވިފައިވާ ގޮތް ބަދަލުކުރުމުން އެކަނި ފަނޑިޔާރުގެ މިނިވަން ނުވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ހަމަ އެހެންމެ ފަނޑިޔާރުން މިނިވަން ބަޔަކަށްވާނީ، ގާނޫނު އަސާސީގައި އެކަމަށް ކަނޑައަޅާފައިވާ ގޮތަށް އަމަލުކުރުމުން ކަމަށް އުއްތަމަފަނޑިޔާރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

އުއްތަމަފަނޑިޔާރުގެ ވާހަކަފުޅުގައި ވަނީ ގިނަ ބައެއްގެ ތަޖުރިބާ ފަނޑިޔާރުގެއަށް އައުމަކީ ފަނޑިޔާރުގެ މުއްސަނދިވާނެ ކަމެއް ކަމަށް ވިދާޅުވެފައެވެ. އަދި އެކަމަށްޓަކައި ދެޖިންސުގެ ބޭފުޅުންވެސް ފަނޑިޔާރު ގޭގައި ތިއްބެވުން މުހިއްމުކަން ފާހަގަކުރައްވާ އުއްތަމަ ފަނޑިޔާރު ވިދާޅުވީ އަންހެން އަދި ފިރިހެން ބޭފުޅުންގެ ތަޖުރިބާ އަދި އެބޭފުޅުންގެ އިލްމާއި ހިލްމު ޖުޑިޝަރީއަށް މުހިއްމު ކަމަށެވެ.

މި ހަފްލާގައި ޗީފް ޖުޑިޝަލް އެޑްމިނިސްޓްރޭޓާ ޢާއިޝަތު ރިޒްނާ ވިދާޅުވީ ކޯޓުގެ އައު އިމާރާތާއެކު، ކޯޓުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުވެ، އަދުލު އިންސާފަށް ފަސޭހައިން ވާސިލްވެވޭނެ މަގު ތަނަވަސް ކުރުމަށް ކުރަމުން ގެންދާ މަސައްކަތް އިތުރަށް ހަލުވިވެގެން ދާނެ ކަމަށެވެ.

ރިޒްނާ ވަނީ އިމާރާތުގެ މަސައްކަތް ފުރިހަމަކުރުމަށްޓަކައި ނ.ލަންދޫ ކައުންސިލް އާއި، ކޮންޓްރެކްޓަރާއި، ނ. ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓާއި، ލަންދޫ ކޯޓުގެ މެޖިސްޓްރޭޓާއި، މުވައްޒަފުންނާއި ޑީޖޭއޭގެ މުވައްޒަފުންގެ ބުރަ މަސައްކަތުގެ އަގުވަޒަން ކުރައްވާ ޝުކުރު އަދާކުރައްވާފައެވެ.

މި ދަތުރުފުޅުގައި އުއްތަމަފަނޑިޔާރުގެ އިތުރުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރު އަދި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރާއި، ސިވިލް ކޯޓުގެ އިސް ގާޒީ އާއި ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!