ޚަބަރު

މަޖިލީހުގެ ރުހުން ނުލިބުނަސް ވަޒީރު ކަމުގައި ދެމިހުރެވޭނެ: އޭޖީ އުޝާމް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ރައްޔިތުންގެ މަޖިލިހުގެ ރުހުން ނުލިބުނަސް އޭނާއަށް މަގާމްގައި ދެމި ހުރެވޭނެކަމުގައި ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

Ads by MWSC

އޭނޭ މިހެން ވިދާޅުވީ އެޓާނީ ޖެނެރަލްގެ އޮފީހާއި އެހެނިހެން އިދާރާތައް ގުޅިގެން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

އުޝާމް ހިމެނެނީ ރައީސް މުއިއްޒު ކެބިނެޓަށް އައްޔަންކުރި ވަޒީރުންގެ ތެރެއިން މި ސަރުކާރުން ރުހުން ނުދިން 3 ވަޒީރުންގެ ތެރޭގައެވެ. އެ ތިން ވަޒީރުންވެސް ގެންދަވަނީ މަޖިލުހުން ރުހުމާ ނުލާ މަގާމްގެ މަސްއޫލިއްޔަތު އަދާކުރައްވަމުންނެވެ.

މިމައްސަލާގައި ނޫސްވެރިޔަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އުޝާމް ވިދާޅުވީ މީގެ ކުރިންވެސް ރުހުން ނުދިނީމަ ދެވަނަ ފަހަރަށްވެސް ވަޒީރުކަމަށް ބޭފުުން އައްޔަން ކޮށްފައި އެބަހުރިކަމަށެވެ. އަދި ދެވަނަ ފަހަރަށްވެސް ހަމަ މަޖިލީހުންވެސް އެނަންތައް ބަލައިގެން ކޮމިޓީ މަރުހަލާއިން ތަޅުމަށްވެސް ނަންތައް ފޮނުވާފައިވާ ކަމުގައެވެ.

ދެން ބަލަންޖެހެނީ މީގެ ކުރިން އަމަލުކޮށްފަ އޮތީ ކޮން ގޮތަކަށްތޯ. ބަލާއިރު މީގެ ކުރިންވެސް އެބަހުރި މަޖިލީހުން ރުހުން ނުދިނީމަ ދެވަނަ ފަހަރަށް އައްޔަންކޮށްފަވެސް މަޖިލީހުން އެ ނަންތައް ބަލައިގަނެފަ ކޮމިޓީއަށް ފޮނުވާފަ، އަނެއްކާ ކޮމިޓީގެ ރިޕޯޓަށްފަހު ވޯޓަށް އަހާފަ.
އުޝާމް ވިދާޅުވި އެވެ.
އޭނާ ފާހަގަކުރެއްވީ 2010 ވަނަ އަހަރު އޮތް އެމްޑީޕީގެ ސަރުކާރުގެ ވަޒީރުންނަށް ރުހުން ނުދިނުމުން ސަރުކާރުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި އެމީހުން މަގާމުން ވަކިނުވާނެ ކަމަށް ބުނެ ބަންޑާރަ ނައިބުގެ އޮފީހުން ނެގި ސްޓޭންޑެވެ. އެ މައްސަލަ ކޯޓަށް ހުށަހެޅިއިރު އޭރުގެ ސަރުކާރުގެ ރައީސްގެ އޮފީހުގެ ލީގަލް އެޑްވައިޒަރަކަށް ހުންނެވީ މިހާރުގެ ތުޅާދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު ހިސާން ހުސައިން އެވެ.
އޭރުގަ އޭޖީ އޮފީހުން ނަގާފަ އޮތް ސްޓޭންޑަކީ ވަޒީރުންނަށް ރައްޔިތުންގެ މަޖިލީހުން ރުހުން ނުދިނުމަކީ އެމީހުން މަގާމުން ވަކިވާނެ ކަމެއް ނޫނޭ. މަޖިލީހުން ރުހުން ނުލިބުމަކީ މަގާމުން ވަކިވާނެ ކަމެއް ނޫންކަމަށް، އެ ޕޮޒިޝަން ނަގައިގެން އޭރު ހުންނާނެ ކޯޓަށް މައްސަލަ ހުށަހަޅައިގެން ކޯޓުގައި ވަކާލާތުކޮށްފަ.
އުޝާމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އޭނާ އޭރުވެސް އެމައްސަލާގައި ކޯޓަށް ވަޑައިގެންނެވި ކަމަށާއި، އޭނާގެ ޕޮޒިޝަންގައި އޭރެކޭ މިހާރެކޭ އެއްވެސް ތަފާތެއް ނެތްކަމުގައެވެ. އޭނާ ވިދާޅުވީ އެހެންނަމަވެސް އެމްޑީޕީން އޭރު ނެގި ޕޮޒިޝަން މިހާރު ބަދަލުވެފައިވާ ކަމުގައެވެ.
އުޝާމް ވިދާޅުވީ ސަބަބަކާ ނުލާ ރައީސްގެ ކެބިނެޓަށް ރުހުން ނުދިނުމަކީ ގާނޫނު އަސާސީގެ ރޫހާ ޚިލާފް ކަމެއް ކަމުގައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!