ޚަބަރު ސަރުކާރު

އާބަން ސެންޓަރެއްގެ ގޮތުގައި ނައިފަރު ތަރައްގީ ކުރައްވާނެ ކަމަށް ރައީސް ވިދާޅުވެއްޖެ 

އަލީ ސަމާޙް ، ދެން އޮންލައިން
ރައީސް މުއިއްޒު، ޅ. ނައިފަރުގައި ވާހަކަފުޅު ދައްކަވަނީ /ފޮޓޯ: ރައީސް އޮފީސް

ނައިފަރަކީ މި ސަރުކާރުން ތަރައްގީކުރުމަށް ނިންމަވާފައިވާ ހަތް އާބަން ސެންޓަރުގެ ތެރެއިން އެއް ސެންޓަރުކަމުގައި ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާދިއްޕޮޅު ނައިފަރުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ނައިފަރުގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި ރައީސުް ވިދާޅުވީ ރާއްޖޭގެ ތަރައްޤީއަށް އެންމެ މުހިންމީ ދެމެހެއްޓިނިވި ތަރައްގީ ހާސިލުވާގޮތަކަށް ކަންކަން ކުރުންކަމުގައެވެ. އެގޮތުން މި ސަރުކާރުގެ މާސްޓަ ޕްލޭންއާ އެއްގޮތަށް ހަތް އާބަން ސެންޓަރު ގާއިމުކުރައްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި މި ސެންޓަރުތަކުން ދެމެހެއްޓިނިވި ގޮތެއްގައި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އެންމެ މަތީ ފެންވަރުގައި ހުރިހާ ދާއިރާތަކުން ހިދުމަތްތައް ދެވޭނެކަމުގައިވެސް ރައީސް ވިދާޅުވިއެވެ.\

ރައީސް މުއިއްޒު ވިދާޅުވީ އާބަންސެންޓަރުގައި ސިއްހީ ނިޒާމުގެ ތެރެއިން އެންމެ މުހިންމު ހުރިހާ ދާއިރާއަކުން ޚިދުމަތް ދެވެން ހުންނާނެކަމަށެވެ. އެގޮތުން އެކިކަހަލަ ތެރެޕީތައްވެސް ދެވޭނެކަމުގައި ފާހަގަކުރެއްވިއެވެ. އަދި ތަޢުލީމީ ނިޒާމުވެސް އެންމެ މަތީ ފެންވަރުގައި ގާއިމުކުރައްވާނެކަމަށާއި، މަގުތައްވެސް އެންމެ ރަނގަޅަށް ހަދައި އަދި ދެންހުރި ކަންކަން ވެސް އެންމެ ރަނގަޅަށް ޤާއިމުކުރެވިފައި ހުންނާނެކަމުގައި ވިދާޅުވިއެވެ.

ރައިސް ވަނީ ނައިފަރުގައި ބިން ބޮޑު ކުރުމުގެ މަޝްރޫއެއް ފެށިފައި އޮތް ނަމަވެސް އެއީ ރައްޔިތުން އެދޭ މިންވަރަށް ހިނގާ މަޝްރޫޢަކަށް ނުވާކަމުގައި ފާހަގަކުރައްވައި، މިހާރު ފަށާފައިވާ ބިންހިއްކުމުގެ މަޝްރޫއު ނިމޭ އިރު، ރައްޔިތުން އެދޭވަރަށް 45 ހެކްޓަރު ބިން ހިއްކައިދެއްވާނެކަމުގައި ވިދާޅުވެފައެވެ. އަދި އެކަމުން ރައްޔިތުންނަށް ލިބިގެންދާނެ ފައިދާތައް އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ނައިފަރަކީ، ރައީސް މިއަދު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން އެމަނިކުފާނު ވަޑައިގެންނެވި ތިންވަނަ މަންޒިލެވެ.

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!