މި ފެށޭ ރަމަޟާން މަހަކީ ތަޤުވާވެރިކަން އިތުރުކުރުމަށް ލިބޭ މުހިންމު ފުރުޞަތެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ މިއަދު ޅ. ނައިފަރު ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
އެގޮތުން ރައީސް ވަނީ މި ފެށޭ ރަމަޟާން މަހަކީ މާތް އަޚްލާޤާ ރިވެތި އާދަތައް އަށަގެންނެވުމަށް ރަނުގެ ފުރުސަތެއްގެ ގޮތުގައި ބޭނުން ހިފުމަށް ދިވެހި ރައްޔިތުންނަށް އިލްތިމާސްކުރައްވާފައެވެ.
ހަމަ އެހެންމެ ރައީސް ވަނީ އެކަކު އަނެކަކަށް އަޅައިލާ އޯގާތެރި މުޖުތަމަޢަކަށް މި ދިވެހި މުޖުތަމަޢު ހެދުމަށް މި ރަމަޟާންމަހު ޚާއްސަ މަސައްކަތްތަކެއް ކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ. އަދި މި ރަމަޟާން މަހަކީ ތަޤުވާވެރިކަން އިތުރުކުރުމަށް ލިބޭ މުހިންމު ފުރުޞަތެއްކަން ވެސް އެ މަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.
މިގޮތުން މި ބަރަކާތްތެރި މައްސަރުގައި ދޮގު ހެދުން ފަދަ ނޭދެވޭ އާދަތަކާ ދުރުހެލިވެ، ހަޤީޤަތާ އެއްގޮތަށް ރީތި ބަހުރުވައިން ވާހަކަ ދެއްކުމަށް އާދަހިފަން މަސައްކަތް ކުރުމަށާ، ކުޑަކުދިންނާ ޒުވާނުންނާ ބޮޑެތި މީހުންނަށް އިޙްތިރާމު އަދާކުރުމަށް ބާރުއަޅައި، ރިވެތި އުޅުމާ ސުލޫކުގެ މަތީ ދެމިތިބެން އެންމެން އެކުގައި މަސައްކަތް ކުރުމަށްވެސް ރައީސް ދިވެހި ރައްޔިތުންގެ ކިބައިން އެދިވަޑައިގަތެވެ.
މީގެ އިތުުރުން ވާދަވެރިކަމުގެ ތެރޭގައި ވެސް ދޮގަށް ފުރުޞަތުނުދީ އެކަކު އަނެކަކަށް ހެޔޮގޮތުގައި މުޢާމަލާތު ކުރުން އިސްކުރުމަށްވެސް ރައީސްގެ ވާހަކަފުޅުގައި ވަނީ އެދިވަޑައިގެންފައެވެ.