ހުޅުމާލޭގައި އަޅާ އޮޑިޓް އޮފީހުގެ އައު އިމާރާތުގެ ބިންގާ އަޅައިފި
އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ އައު އިމާރާތުގެ ބިންގާ، ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް މިއަދު އަޅުއްވައިދެއްވައިފިއެވެ.
އެ ރަސްމިއްޔާތު އޮތީ މިއަދު ހަވީރު ހުޅުމާލޭގެ ފޭސް އެކެއް ގައެވެ. ހަ ބުރީގެ އުސްމިނަށް ކުރާ މި އިމާރާތުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އާ އެވެ.
މިއީ ސްޓާފުންނަށް މަސައްކަތްކުރުމަށް އެކަށީގެންވާ މާހައުލެއް ޤާއިމުކުރުމަށް ބޭނުންވާ ޖާގަ ހިމެނޭ އިމާރާތެއް ކަަމަށް ސަރުކާރުން ހާމަކުރެއެވެ.
އެގޮތުން މި އިމާރާތުގައި ސްޓާފުންނަށް ޑޭކެއާ ސެންޓަރެއް އަދި ޕާކް ކުރާނެ ޖާގަ ހިމެނޭ ކަމަށް ސަރުކާރުން ހާމަކުރެއެެވެ.
މީގެ އިތުރުން ލައިބްރަރީއާ އަދި ތަމްރީނުތަކާއި އިވެންޓުތައް ބޭއްވުމަށް ޖާގަ ތަނަވަސް ކޮންފަރެންސް ހޯލެއްވެސް މި އިމާރާތުގައި ހިމެނެއެވެ.
އޮޑިޓް އޮފީހުގެ އާ އިމާރާތް އެޅުމަށް ފައިސާ ހިމެނޭހެން ރައްޔިތުންގެ މަޖިލީހުން މި އަހަރަށް ލަފާކޮށް އޮޑިޓް އޮފީހަށް 112 ބިލިއަން ރުފިޔާގެ ބަޖެޓެއް ވަނީ ފާސްކޮށްފައެވެ. މީގެ ކުރިން އެ އޮފީސް ހިންގީ ގާޒީ ބިލްޑިންގައެވެ. ނަމަވެސް އެ އިމާރާތް ބައުވުމުގެ ސަބަބުން އިމާރާތް ތަޅާލާފައިވާއިރު އޮޑިޓް އޮފީސް ހިންގުން ކުލީ ތަނަކަށް ބަދަލުކުރީއެވެ.