ޚަބަރު

ރައީސްއާ މައްސަލައެއް ނެތް، ހިލާލީގެއަށް ދާނަން: ނައިބް ރައީސް

އަލީ ސަމާޙް ، ދެން އޮންލައިން
ރައީސާއި ނައބް ރައީސް ސަލާމްކުރައްވަނީ

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ރަސްމީ ގެކޮޅު ހިލާލީގެއަށް އަދި ބަދަލުވެވަޑައިނުގަންނަވާ ކަމަށާއި، އެމަނިކުފާނާއި ރައީސް ޑރ މުހައްމަދު މުއިއްޒުއާ ދެމެދު އެއްވެސް މައްސަލައެއް ޖެހިވަޑައިނުގަންނަވާ ކަމަށް ނައިބް ރައީސް ހުސެއިން މުހައްމަދު ލަތީފް މިއަދު ވިދާޅުވެއްޖެއެވެ.

Ads by STELCO

ހިލާލީގެއިން ނައިބު ރައީސް ނުކުމެވަޑައިގެން، ހުޅުމާލޭގައި ހުންނަ އެމަނިކުފާނުގެ އެޕާޓްމަންޓަކަށް ބަދަލުވެ ވަޑައިގެންނެވި ކަމަށް ބައެއް މީޑީއާތަކުން ރިޕޯޓްކޮށްފައިވެއެވެ. އެ މީޑިއާތަކުގައި ބުނެފައިވާ ގޮތުން އެމަނިކުފާނު ގެ ބަދަލު ކުރެއްވީ ރައީސް މުއިއްޒު ޖާސޫސް ކުރައްވާތީ ކަމަށެވެ.

އެކަމާއި ގުޅޭ ގޮތުން ''ދެން''އާ ވާހަކަފުޅު ދައްކަވަމުން ނައިބް ރައީސް ވިދާޅުވީ، ހިލާލީގޭގެ މަރާމާތް ކުރުން ކުރިއަށްދާތީވެ އެމަނިކުފާނު އަދި ދިރިއުޅުއްވަމުން ގެންދަވަނީ އަމިއްލަ ގެކޮޅު ކަމަށެވެ. ނަމަވެސް ރޯދަ މަސް ތެރޭގައި ބަދަލުވެވޭނެ ކަމަށް ވިދާޅުވިއެވެ.

އަމިއްލަ ގޭގައި އުޅޭއިރު، ހަނި މަގަކަށްވީމައާއެކު, ހާއްސަކޮށް ރޯދަ މަހަށް ބާރުބޮޑު މަގުމަތީގައި ދުއްވާ އެއްޗެއްސާ އެކު، ޕާކިންއަށްވެސް ވަރަށް އުދަނގޫ. އަޅުގަނޑު ވަރަށް ބޮޑަށް ބަދަލުވާން އިނީ ރޯދަ މަސް ފެށުމުގެ ކުރިން އެ ގެ ނިމޭނެކަމަށް. އަދިވެސް ނުނިމި އެބަހުރި ބައެއް މަސައްކަތް. ނުނިމި ހުރިމާ ބަދަލުނުވެވިގެން މިއުޅެނީ އެގެއާ ހަމަޔަށް'، ނިމޭއިރަށް ބަދަލުވާނަން

ރައީސްއާ އެކު އޮންނަ ގުޅުމަށް އެއްވެސް ހީނަރުކަމެއް އައިސްފައިވޭތޯ ސުވާލުކުރުމުން ނައިބް ރައީސް ވިދާޅުވީ ރައީސް މުއިއްޒަކީ އެމަނިކުފާނު ވެވަޑައިގެންނެވި ގޮތަށް ވައުދު ފުއްދަވަމުން ގެންދަވާ ބޭފުޅެއް ކަމަށެވެ.

އެއީ ކަނޑައެޅިގެން ދޮގުވާހަކައެއް، ރައީސްއާ އެއްވެސް މައްސަލައެއް ނުޖެހޭ، އަޅުގަނޑުމެންގެ ގުޅުން ބަދަހި، ޕާޓީ ތެރޭގައިވެސް ލީޑާޝިޕް ތެރޭގައިވެސް މައްސަލައެއް ނުޖެހޭ

ނައިބް ރައީސްއާ ގުޅޭ ގޮތުން އެ ވާހަކަ ފަތުރާފައިވަނީ އެކްސްގައި ސަރުކާރުގެ އެތެރޭގެ މައުލޫމާތުތައް ހިއްސާކުރަމުންދާ ''ހަސަން ކުރުސި'' ނަމަކަށް ކިޔާ އެކައުންޓުންނެވެ.

''އަޅުގަނޑުމެންގެ މުޖުތަމައަށް ނުގުޅޭ ވަރަށް ދޮގު ވާހަކަ ފަތުރަމުންދާ އެކައުންޓަކަށް ވެފައި އޮތީ އެހެން ނަމަވެސް އެއަށް ރައްދު ދޭން ބޭނުންނުވީ، އެކަމަކު ޗެނަލް ފަދަ 13 އެއްޗަކުން އެފަދަ އެއްޗެއް ގެނައިމާ ރޯދަ މަހަށްވުމާއެކު ހެނދުނު އެއަށް ޖަވާބުދާރީވީވެސް'' ނައިބް ރައީސް ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!