ޚަބަރު ސަރުކާރު ސިޔާސީ

ރައީސް މުއިއްޒަކީ ރާއްޖެ ބަދަލުކޮށްލާނެ މޮޅު ލީޑަރެއް: މިނިސްޓަރު ފައިސަލް

ޙައްވާ އިނާޝާ ، ދެން އޮންލައިން
ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއްގައި މިނިސްޓަރު ފައިސަލް ބައިވެރިވެވަޑައިގަންނަވަނީ

ރައީސް ޑރ މުހައްމަދު މުއިއްޒު އަކީ ދިވެހިރާއްޖޭގެ ތާރީހު ބަދަލުކޮށްލާނެ މޮޅު ލީޑަރެއް ކަމަށް ވިދާޅުވެ ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވަރަށް ބޮޑަށް ތައުރީފް ކުރައްވައިފިއެވެ.

Ads by STELCO

ފައިސަލްގެ މި ތައުރީފް އައިސްފައިމިވަނީ ރޭ ''އެއާކޯ'' ގެ ނަމުގައި އަސްކަރީ ބާރެއް އުފައްދައި، އަން އާމްޑް ވެހިކަލް (ޔޫއޭވީ) ލޯންޗުކުރުމާއި ގުޅިގެންނެވެ.

ސަރުކާރުން ބުނީ އެ ފިޔަވަޅަކީ ރާއްޖޭގެ ޖުމްހޫރިއްޔާގެ މިނިވަންކަމާއި އިސްތިގްލާލާއި، ސިޔާދަތު ހިމާޔަތްކޮށް ދިފާއުކުރުމަށް އެޅިގެންދާ ވަރަށް ހަރުދަނާ އަދި މުހިންމު ފިޔަވަޅެއް ކަމަށެވެ. އެ ހިދުމަތުގެ ސަބަބުން، ރާއްޖޭގެ މަސްކަނޑުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމާއި، ރާއްޖޭގެ ސަރަހައްދުގެ ތެރޭގައި ހިނގާފާނެ ޣައިރު ގާނޫނީ އަމަލުތައް ހުއްޓުމަށްވެސް ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށް ގައުމީ ދިފާއިބާރުން ބުންޏެވެ.

މިއަދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ފައިސަލް ވިދާޅުވީ ރާއްޖެ އަކީ ފުދުންތެރި ރައްޔިތުން ދިރިއުޅޭ ގައުމަކަށް ހެދުމަކީ ރައީސްގެ އަމާޒު ކަމަށެވެ. މި ފަސް އަހަރުގެ ދައުރު ނިމިގެންދާއިރު ރާއްޖޭގެ ކޮންމެ ރައްޔިތަކީ ވެސް ފުދުންތެރި މުއްސަންޖަކަށް ހަދައިދޭން ބޭނުންފުޅުވާ ކަމަށް، ރަށްރަށަށް ކުރައްވާ ދަތުުރުފުޅުތަކުގައި ރައީސް ގެންދަވަނީ ވިދާޅުވަމުންނެވެ.

ފައިސަލް ވިދާޅުވީ، މުއިއްޒު ވެރިކަމަށް ވަޑައިގަތީ ބޮޑެތި ވައުދުތަކާއެކު ކަމަށާއި، އެމަނިކުފާނު ވެ ވަޑައިގެންނެވި ވައުދުތައް ފުއްދަވާނެ ކަމުގެ އިހުލާސްތެރި ހެޔޮ ނިޔަތުގައި ކަމަށެވެ.

މި ސަރުކާރުގެ ފުރަތަމަ 14 ހަފްތާއަށް ކަނޑައެޅި ހުރިހާ ވައުދެއްހެން ފުއްދިފައިވާ ކަމަށް ދާދި ފަހުން ރައީސް ވަނީ ހާމަކުރައްވާފައެވެ. ފުރަތަމަ 14 ހަފްތާގައި ކުރަން 161 ވައުދު ކަނޑައަޅާފައިވާއިރު އޭގެ ތެރެއިން 155 ވައުދަށްވުރެ ގިނަ ވައުދު ފުއްދިފައިވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވެއެވެ.

އެމަނިކުފާނުވެވަޑައިގެންނެވި ވައުދުތައް ފުއްދަވަމުން ގެންދަވާ މިންވަރު ރައްޔިތުންނަށް ހާމަކޮށްދެއްވުމަށްޓަކާ ރައީސް ވަނީ އެމަނިކުފާނުގެ ވައުދުތަކާއި ކެމްޕެއިން ތެރޭ ރަށްރަށަށް ގޮސް ދެއްކެވި ވާހަކަފުޅުތައް ފޮތެއްގެ ސިފައިގައި ނެރުއްވާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!