ޚަބަރު

ސިޔާސީ މަގާމުތަކުގެ އަދަދު 1500 އަށް ވުރެ މަތިވެއްޖެ: ރައީސް ސޯލިހު

އައިކާ ޔުނާން ، ދެން އޮންލައިން

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ އަދަދު 1500 އަށް ވުރެ ގިނަވެފައިވާ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރޭ ވިދާޅުވެއްޖެއެވެ.

Ads by MWSC

އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި މާފަންނު އުތުރު ދާއިރާއަށް ވާދަކުރައްވާ އިފްހާމް ހުސޭންގެ ކެމްޕޭނު ބައްދަލުވުމުގައި ވާހަކަދައްކަވަމުން ސޯލިހު ވިދާޅުވީ, މި ސަރުކާރަށް މަޖިލިސް ތެރެއިން ފުރުސަތު ދީފިނަމަ ދެން ވެސް ހަދާނީ ދޮގު ކަމަށާއި ކަންކަން އޮޅުވައިލާނެކަމަށެވެ.

"ރާއްޖޭގެ އިގްތިސޯދީ ހާލަތު އޮތް ގޮތާއި ބެހޭ ގޮތުން ދަައްކަވާ ވާހަކަ އާއި އަމަލުކުރާ ގޮތާއި ދިމާ އިދިކޮޅު، ފައިސާއެއް ނެތޭ، ޕްރޮޖެކްޓް ހިނގޭކަށް ނެތޭ، ބަނގުރޫޓްވެފައި އޮތް ސަރުކާރެކޭ ތިމަންނަމެންނާ ހަވާލުވީ [ބުނަމުންދޭ]. އެހެން ނަމަވެސް މި ވޭތުވެދިޔަ ހަތަރު މަސް ދުވަހުގެ ތެރޭގައި ކަން ހިނގާފައި ހުރިގޮތް އެ ހުރީ ސާފުކޮށް ފެންނަން," އެމްޑީޕީގެ އެޑްވައިޒަރުކަން ކުރައްވާ ސޯލިހު ވިދާޅުވިއެވެ.

މި ވޭތުވެދިޔަ ތިން މަސް ދުވަހު އޭގެ ކުރިން ނުކުރާ 300 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށާއި އެ ހުރިހާ ހަރަދެއް ކުރިއިރު 1700 އަށް ވުރެ ޕްރޮޖެކްޓު ވެސް އޮތީ ހުއްޓާލާފައިކަމަށް ސޯލިހު ވިދާޅުވިއެވެ. އެމަނިކުފާނު ވަނީ މި ފައިސާ ހަރަދުކުރީ ކޮން ކަމަކަށްތޯ ސުވާލު އުފައްދަވައި މި މައުލޫމާތުތައް ސަރުކާރުން ސިއްރުކުރަމުން އަންނަ ކަމަށް ވިދާޅުވެފައެވެ.

އެހެންނަމަވެސް ހަރަދުތައް މަދުކުރުމުގެ ވާހަކަ ސަރުކާރުން ދައްކަމުން އަންނައިރު, ސިޔާސީ މަގާމުތަކަށް ލާ މީހުންގެ އަދަދު ދަނީ އިތުރުވަމުން ކަމުގައި ސޯލިހު ވިދާޅުވިއެވެ.

"ފުނިފުނިންޏަށް، ކޮރިޑޯތަކުގައި ކިޔު ޖެހިފައި. ޑިއުޓީ ބަހައިގެން މޭޒް ހަވާލުކުރަމުން އެބަަދޭ ގޮނޑި ނެތިގެން 1500 އަށްވުރެ ގިނަ މަގާމު," އެމަނިކުފާނު ވިދާޅުވިއެވެ.

ސިޔާސީ މަގާމުތަކަށް 150 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދު ކުރާ ކަމަށާއި މިއީ އިސްރާފެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ. އަދި މިކަން ހުއްޓާލައި ސަރުކާރު ހަމަ މަގަށް އަޅުވަން މަޖިލީހަށް އެމްޑީޕީ އިންތިހާބު ކުރަން ޖެހޭ ކަމަށް ވިދާޅުވިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!