ޚަބަރު ސިޔާސީ

އަމިއްލަ ކެންޑިޑޭޓުންނަށް ވޯޓު ކަރުދާހުގައި ލޯގޯ ޖަހަން މިފަހަރު ފުރުސަތެއް ނެތް

ފާރިހާ ޢަދުނާން ، ދެން އޮންލައިން
އީސީގެ ރައީސް ފުއާދު ތައުފީގް/ ފޮޓޯ: އީސީ

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރާ ކެންޑިޑޭޓުންނަށް ވޯޓު ކަރުދާހުގައި ލޯގު ޖެހަން މި ފަހަރު ފުރުސަތެއް ނެތް ކަމަށް އިލެކްޝަން ކޮމިޝަނުން މިރޭ ބުނެފިއެވެ.

Ads by Sosun Fihaara

އިލެކްޝަނުން އެހެން ބުނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައިގެން އުފައްދަވާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންއެފް) ފަރާތުން މަޖިލިސް އިންތިހާބުގައި ވާދަކުރާ މިނިވަން ކެންޑިޑޭޓުންގެ ލޯގޯއާއި ކުލަ ބޭނުންނުކުރެވޭ ގޮތަށް އީސީގައި އެދިފައި ވަނިކޮށެވެ.

އެ ޕާޓީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވާ ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މަލީހް ޖަމާލް މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޕީއެންއެފް ފަރާތުން މިއަދު އީސީއާ ބައްދަލުކޮށް އެ ބައްދަލުވުމުގައި ޕީއެންއެފް ފަރާތުން ކުރިމަތިލައްވާ މިނިވަން ކެންޑިޑޭޓުންގެ ލޯގޯއާއި ކުލަ ބޭނުންނުކުރެވޭ ގޮތަށް އީސީން ނިންމި ނިންމުން ބަދަލުކޮށް ދިނުމަށް އެދިފައިވާނެ ކަމަށެވެ. އަދި އުންމީދަކީ އީސީން ވޯޓް ކަރުދާސް ޕްރިންޓްކުރާއިރު އެ ލޯގޯ ހުރުން ކަމަށް މަލީހް ވިދާޅުވިއެވެ.

އެކަމާއި ގުޅޭ ގޮތުން އީސީގެ ރައީސް ފުއާދު ތައުފީގު "ދެން" އަށް ވިދާޅުވީ، ކޮމިޝަނުން ނިންމާފައިވަނީ މިފަހަރުގެ މަޖިލިސް އިންތިހާބުގައި އަމިއްލަ ކެނޑިޑޭޓުންގެ ވޯޓު ކަރުދާހުގައި ލޯގޯ ނުޖަހަން ކަމަށެވެ. އަދި ލޯގޯ ޖަހަން ޖަހަން ނިންމާފައިވަނީ ހަމައެކަނި ރެޖިސްޓްރީ ކުރެވިފައިވާ ސިޔާސީ ޕާޓީތަކުން ކުރިމަތިލާ ކެނޑިޑޭޓުންނަށް އެކަނި ކަމަށް ވިދާޅުވިއެވެ.

ފުއާދު ވިދާޅުވީ، ކޮމިޝަނުން އެހެން ނިންމާފައިވަނީ، މަޖިލިސް އިންތިހާބުގައި 93 ދާއިރާއަކުން 389 ކެނޑިޑޭޓުން ވާދަކުރާއިރު، އޭގެ ތެރޭގައި ގިނަ އަދަދެއްގެ އަމިއްލަ ކެނޑިޑޭޓުން ތިބެ، އެ ކެންޑިޑޭޓުން ހުށަހަޅާފައިވާ ލޯގޯތައް އެއްގޮތް ވުމުން އެކަމުގެ ސަބަބުން އިންތިހާބަށް ކޮށްފާނެ ނެދެވޭ އަސަރަކަށް ވިސްނާފައި ކަމަށެވެ.

މަލީހުގެ ޕޯސްޓާއި ގުޅިގެން ފުއާދު ވިދާޅުވީ، މަލީހް އަލުން އަމިއްލަ ކެނޑިޑޭޓުންގެ ލޯގޯ ޖެހުމަށް އެދިފައިވާތީ މިއަދު ކޮމިޝަންގެ މެމްބަރުންގެ މެދުގައި މަޝްވަރާ ކިޮށްފައިވާ ކަމަށެވެ. ނަމަވެސް، މެމްބަރުންގެ ވިސްނުން ހުރީ ނިންމުން ބަދަލުކުރާ ގޮތަށް ނޫން ކަމަށް ފުއާދު ވިދާޅުވިއެވެ.

މަލީހް މިކަމަށް އަލުން އެދިފައިވާތީ މިއަދު ވަނީ ކޮމިޝަންގެ މެމްބަރުންނާ މަޝްވަރާ ކޮށްފަ. އެހެން ނަމަވެސް ހެޔޮ ބަދަލެއް ގެންނަ ގޮތަކަށް ނޫން މެމްބަރުންގެ ވިސްނުންފުޅު ހުރީކީ. އެއީ އެއްވައްތަރެއްގެ ލޯގޯ މާ ގިނަވީމަ، އެކަކުގެ ލޯގޯއާއި އަނެއްކަކުގެ ލޯގޯ އޮޅޭގޮތް ވީމަ. މިނިވަން ކޮންމެ ކެންޑިޑޭޓަކީ ތަފާތު ކެނޑިޑޭޓަކަށްވީމަ މިކަމުގެ ސަބަބުން އިންތިހާބަށް ލިބިދާނެ ގެއްލުމަކަށް ބަލާފަ. އަމިއްލަ ކެނޑިޑޭޓެއް ވިއްޔާ އެ ކެންޑިޑޭޓަކާއި ދިމައިގަ އިންނާނީ އަމިއްލަ ޖަހާފަ

އޭނާ ވިދާޅުވީ، ކެންޑިޑޭޓުން ބޭނުމިއްޔާ ކެނޑިޑޭޓުންގެ ފޮޓޯ ޖަހައިދޭނެ ކަމަށާއި، އެހެން ނަމަވެސް ކުރީގެ ޕީއެންއެފްގެ ފަރާތުން ކުރިމަތިލާ ކެނޑިޑޭޓް ވަކިވާނެ ގޮތެއް ހެދެން ނެތް ކަމަށާއި، އެއީ ޕާޓީ ރެޖިސްޓްރީ ނުކުރެވޭތީ ކަމަށެވެ.

"ސިޔާސީ ޕާޓީ ރެޖިސްޓްރީ ކުރެއްވިނަމަ މި މައްސަލަ ދިމައެއް ނުވާނެ. ސިޔާސީ ޕާޓީ ރެޖިސްޓްރީ ނުކުރާހާ ހިނދަކު ވަކި ކެނޑިޑޭޓަކަށް ވަކި ލޯގޯއެއް ދެވޭ ގޮތަކަށް ނޫން ކޮމިޝަންގަ އޮންނަނީ،" ފުއާދު ވިދާޅުވިއެވެ.

ޕީއެންއެފް ރެޖިސްޓްރީ ނުކުރެވިފައިވަނީ، ޕާޓީ ރެޖިސްޓްރީ ކުރުމަށް ކަނޑައެޅިފައިވާ އަދަދަށް މެމްބަރުން ހަމަނުވުމުގެ ސަބަބުންނެވެ. މިކަން މިހެން ދިމާވެފައިވަނީ، ޕީއެންއެފް އުފެއްދުމަށް އިލެކްޝަން ކޮމިޝަނަށް ހުށަހެޅި 3070 ފޯމުގެ ސައްހަކަން ކަށަވަރު ނުކުރެވޭ 81 ފޯމު އޮތުމުންނެވެ.

ޕީއެންއެފްގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދީފައިވަނީ 2023 ނޮވެމްބަރ 29 ވަނަ ދުވަހުއެވެ. އެ ޕާޓީގެ މުވައްސިސަކީ ރައީސް ޔާމީނުގެ ދަރިކަލުން ޒެއިން އަބްދުﷲ ޔާމީންއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!