ޚަބަރު އިޖުތިމާޢީ

އެފްއޭއެމްގެ ހިޔާނާތުގެ ތަހުގީގު އަވަސްކުރަން ފުލުހުންނާ އެކު މަޝްވަރާކޮށްފި

ފައިނާ ފާއިޒް ، ދެން އޮންލައިން
އެފްއޭއެމްގެ މައި އިދާރާ--

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ފައިސާއިން މަނީލޯންޑާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަހުގީގު އަވަސްކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ފުލުހުންނާ މަޝްވަރާކޮށްފިއެވެ.

Ads by MWSC

އެފްއޭއެމްއަށް އެކި ތަންތަނުން ލިބޭ ފައިސާއަށް ހިޔާނާތްތެރިވެ، އެ ފައިސާ ލިބުނު ބޭނުން ފިޔަވައި އެހެން ބޭނުންތަކަށް ބޭނުންކޮށް، އެފައިސާއިން މަނީ ލޯންޑާ ކުރިކަމަށް ތުހުމަތު ކުރެވޭއެވެ. އެ މައްސަލައިގެ ޕްރައިމް ސަސްޕެކްޓަކީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލެވެ.

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޕީޖީ ގާނޫނުގެ 15 ވަނަ މާއްދާ އިން ބާރު ލިބިގެން، އެ އޮފީހުން އަމުރުކޮށްގެން ފުލުހުން ތަހުގީގުކުރަމުން ގެންދާ މައްސަލައިގައި މަސައްކަތްކުރާ އިންވެސްޓިގޭޓަރުންނާ މިއަދު ބައްދަލުކޮށްފައިވާނެ ކަމަށެވެ.

އެ ބައްދަލުވުމުގައި މަޝްވަރާ ކުރެވުނީ މައްސަލައިގައި މިހާރު ބާކީ ނުނިމި ހުރި މަސައްކަތްތަކާއި އެ މަސައްކަތްތައް ނިންމާނެ ގޮތުގެ ވަގުތު ރޮނގަކާބެހޭ ގޮތުންނެވެ.

 އެ މަސައްކަތުގައި ދައުލަތުގެ އިދާރާތަކުން ބޭނުންވާ އެހީތެރިކަން ހޯދޭނެ ގޮތްތަކާއި، މިމައްސަލައިގައި މިހާތަނަށް ލިބިފައިވާ ހެކިތައް ޕީޖީ އޮފީހަށް ހުށަހަޅައި، ޕްރޮސިކިއުޓަރުން އެ ހެކިތައް ދިރާސާކޮށް، އިތުރަށް ހޯދައި ފުރިހަމަކުރަންޖެހޭ ކަންކަމަކީ ކޮބައިކަމާބެހޭ ގޮތުން މަޝްވަރާކޮށް، ގޮތްތަކެއްވެސް ވަނީ ނިންމާފައިވެއެވެ

މައްސަލައިގައި އިތުރަށް ތުހުމަތު ކުރެވޭ މީހުންގެ ބައިތަކުގައި ތުހުމަތު އިއްވައި ބަޔާން ނެގުމާބެހޭ ގޮތުންވެސް މަޝްވަރާކުރި ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

އެ ބައްދަލުވުމުގައި ދެ ފަރާތުންވެސް ވަނީ ފުލުހުން އެ މައްސަލައިގައި ކުރަން ހުރި މަސައްކަތްތައް ނިންމަވައި، ވީހާވެސް އަވަހަކަށް، ދައުވާކުރުމާމެދު ގޮތެއް ނިންމުމަށް އެ އޮފީހަށް ހުށަހެޅުމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!