ނިމިދިޔަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ރާއްޖެ އޮތް ހާލަތުގެ ހަނދާންތަކާއި އެ ޕާޓީން ރައްޔިތުންނަށް ލިބުނު ''ހިތި'' ތަޖުރިބާ ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ހަނދުމަފަޅު އާ ކުރައްވައިފިއެވެ.
އަންނަ މަހުގެ 21 ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ޓިކެޓުގައި ވިލިފުށި ދާއިރާއަށް ވާދަކުރައްވާ ހަސަން ވަހީދުގެ ކެމްޕޭނު ޖަގަހަ ހުޅުވުމަށް ބޭއްވި ޖަލްސާގައި ރައީސް, ބައިވެރިވެވަޑައިގެން ވާހަކަފުޅު ދެއްކެވިއެވެ.
ގާތްގަނޑަކަށް 15 މިނެޓް ވަންދެން ވާހަކަފުޅު ދެއްކެވިއިރު މުޅިންހެންވެސް ދެއްކެވީ އެމްޑީޕީގެ ސަރުކާރުގައި ރައްޔިތުންނަށް ވެފައިވާ އިހުމާލެވެ. ފޮނުއްވެވި ބަހުގެ ހޫނު ހަމަލާތަކެެވެ. ވިދާޅުވީ މިދިޔަ ސަރުކާރުގެ މިސްރާބު އޮތީ އަޅުވެތިކަމާއި، ތަރައްގީއާ ދެކޮޅަށް ކަމަށެވެ. އެތައް ފަހަރަކު ރައީސް ވަނީ އެމްޑީޕީން މަޖިލީސް އިންތިހާބަށް ނެރޭ ޝިޔާރު (މިސްރާބު ހަމަ މަގަށް) ގައި ހިމެނޭ ''މިސްރާބު'' އެ ބަސް ބޭނުން ގެންނަވަމުން ރައްދު ދެއްވާފައެވެ.
ރައީސް ރައްޔިތުންނަށް ގޮވާލެއްވީ މަޖިލިސް ގޮނޑީގެ 'އަޅުވެތި' ކަމުގައި އެމްޑީޕީން ދައްކަމުންދާ ވާހަކަތަކަށް ނުހެއްލުމަށެވެ. އިންޑިއާ ޕްރޯ ޕޮލިސީ ނުވަތަ އިންޑިއާ ގާތް ގުޅުމެއް ބާއްވަމުން އަންނަ އެމްޑީޕީއަށް އިޝާރާތް ކުރައްވާ ރައީސް ވިދާޅުވީ ސޯލިހު ސަރުކާރުގެ މިސްރާބު އޮތީ އަޅުވެތިކަމުގައި ކަމަށެވެ. އިންޑިއާގެ ސިފައިން ރާއްޖޭގައި ނުތިބޭނެ ކަމަށް އޭރު ސަރުކާރުން ބުނަމުން ދިޔަ ވާހަކަތަކަށް ރައްދު ދެއްވައި ވިދާޅުވީ އެ ސިފައިން ފޮނުވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ރައީސް ސިފަކުރެއްވި ގޮތުގައި ނިމިދިޔަ ވެރިކަމުގައި ރާއްޖޭގެ އިގްތިސޯދުވެސް އޮތީ ''އަޅުވެތި'' ވެފައެވެ. ވެރިކަން ނިމިގެން ދިޔައީ ދަރަނި ދެއްކޭނެ ގޮތެއްވެސް ފަހިނުކޮށް ކަމަށް ވިދާޅުވިއެވެ.
މިސްރާބު އޭރު އޮތީ ކިހިނެއްތޯއޭ، އަޅުވެތިކަމުގެ ތެރޭގައި، ސިފައިން ތިބީ މިތަނުގައި އިގްތިސޯދީ ގޮތުންވެސް މިސްރާބު އޮތީ އަޅުވެތި ކަމުގެ ތެރެއަށް ގޮސް ނިމިފައި
އެމްޑީޕީން ވެރިކަމުން ފައިބައިގެން ދިޔައީ 120 ބިލިއަނަށްވުރެ ގިނަ ރުފިޔާގެ ދަރަނި ރައްޔިތުންގެ ބޮލުގައި އަޅުވާފައި ކަމަށް، ރައީސް ވިދާޅުވާ ވިދާޅުވުން މިރޭ ވެސް ތަކުރާރުކުރެއްވިއެވެ. ރައީސް މުއިއްޒު ވިދާޅުވީ މިދިޔަ ފަސް އަހަރު ނިމުނުއިރު އެތައް ރައްޔިތުންގެ އެކި ކަހަލަ ވިޔަފާރިތަކަށް ސަރުކާރު އޮތީ ދަރާފައި ކަމަށެވެ.
ގާތްގަނޑަކަށް ބައިލައްކަ އެއްހާ މެންބަރުންގެ މައްޗަށް އެކުލެވޭ އެމްޑީޕީން ގޮވާލަމުން ދަނީ މަޖިލީހުގެ މެޖޯރިޓީ އެ ޕާޓީއަށް ދިނުމަށެވެ. އެހެން ނޫނީ ރާއްޖޭގައި އަނިޔާވެރިކަން އިޔާދަވާނެ ކަމަށް އެ ޕާޓީން ބުނެއެވެ. އަދި ސަރުކާރުން މީހުން ހިފާ ހައްޔަރު ކުރާނެ ކަމަށްވެސް ޕާޓީގެ އިސް ބޭފުޅުން ގެންދަވަނީ ވިދާޅުވަމުންނެވެ.
ގޯއްޗާއި ފްލެެޓުތައްވެސް ދެވޭނީ މެޖޯރިޓީ ލިބިގެން ކަމަށް އެމްޑީޕީން ބުނަމުންދާ ބުނުމަށް ރައްދު ދެއްވައި ރައީސް ވިދާޅުވީ ހިނގަމުންމިދާ 19 ވަނަ މަޖިލީހުގެ މެޖޯރިޓީ އޮވެމެ އެމްޑީޕީއަށް ރައްޔިތުންނަށް ކޮށްދެވުނު ކަމެއް ނެތް ކަމަށެވެ. އެހެންވެ އިތުރަށް ފުރުސަތުދީގެންވެސް ކޮށްދޭނެ ވަކިކަމެއް އޮންނާނެ ކަމަށް ގަބޫލުފުުޅު ނުކުރައްވާ ކަމަށް ހަރުހަޑުން ވިދާޅުވިއެވެ.
"މިއީކީ ރައްޔިތުން މަޖިލިސް މެޖޯރިޓީ އެމްޑީޕީ އަތުގައި މިދިޔަ ދައުރުގެ އެބޭފުޅުންގެ ވެރިކަމުގައި އޮވެގެން އެބޭފުޅުން ނުކޮށް އޮތް ކަމެއް. އަދި މިހާރުވެސް އެބޭފުޅުން އެ ވިދާޅުވަނީ މެޖޯރިޓީ ދެއްވާށޭ ދެއްވީމައޭ ކުރެވޭނީ، މިހާރުވެސް އޮވެމެ ނުކޮށްގެން އެއުޅެނީ
ކުރީ ސަރުކާރަށް ރައީސް އެހާ ބޮޑަށް ފާޑުވިދާޅުވެފައިވާއިރު ސަރުކާރާ އެމްޑީޕީއާ ދެމެދު ބަހުގެ ހަމަލާތައް ދަނީ ބަދަލުކުރެވެމުންނެވެ. އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު، ސަރުކާރަށް ފާޑުވިދާޅުވެ 'އެކްސް' ގައި އާއްމުުކުރެއްްވި ވީޑިއޯއާކު ސަރުކާރުގެ އިސްވެރިން އެއަށް ރައްދު ދޭން ފެށުމުން ސޯޝަލް މިޑިއާގައި ދެ ޕާޓީގެ ދެމެދު ވަނީ ކޮޅެން ފަށާފައެވެ.